ބާރުދޭ ދިރާސާ ރިޕޯޓެއް ނުވަތަ ލިޔުމަކުން ހެކި ފެންނަން ނެތަސް އެއް ކަމެއް ޔަގީނުން އެނގެ އެވެ؛ބުލީކުރުން ނުވަތަ ގަނާ ކުރުމުގެ ގޯސް އާދަ އަހަރެމެންގެ ތެރޭގައި މޫލައި ގަދަކޮށްފައިވާ ކަމެވެ. މަދަރުސާތަކުގެ ދޮރޯށި ތައް ހުރަސްކޮށް ޅަ ކުދިންގެ މައްޗަށް ކަޅު ބޯ ހިޔަންޏެއްހެން ވެރިވެގަނެފި އެވެ. ބުލީކުރުމަކީ އޭގެ ސަބަބުން ހިތް ބަލިކަށިކޮށްލާ ކަމެކެވެ. ހިނިތުންވުން އޮއްބައިލައި ނަފްސުގެ ދިރުން ގެއްލުވައިލާ ކަމެކެވެ. އުންމީދުގެ ކުރި މަރައިލާ ކަމެކެވެ.
މަތީ ތައުލީމު އުނގަންނައިދެއްވުމުގެ ދާއިރާގައި 15 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ލީލާ އަހުމަދު، ތައުލީމީ ދާއިރާގައި އޭނާ ކުރެއްވި ގިނަ ތަޖުރިބާތަކުގެ އަލީގައި އެންމެ ފަހުން ލިޔުއްވި "މަޑުކޮށްލާ! ވިސްނާލާ!" ފޮތުގައި މަސައްކަތް ކުރައްވާފައިވަނީ ބުލީގެ މިބުނި ހުތުރު ސޫރަ، "ހިޔަނިން" ނެރެ، ކުލަ ތަސްވީރެއް ގޮތަށް ދައްކައިލަ ދެއްވުމަށެވެ.
މީގެ ކުރިން، ޖިންސީ ގޯނާ އާއި ބެހޭ ގޮތުން އޭނާ ލިޔުއްވި ފޮތާއި އެއްގޮތް ކޮންސެޕްޓަކަށް މިފަހަރު ލިޔުއްވި ފޮތަކީ ވެސް ފަސް އަހަރުން މަތީގެ ކުދިންނަށް ބެލެނިވެރިއެއްގެ އެހީގައި ކިޔާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ފޮތެކެވެ.

ފޮތުގެ އެތެރޭގެ ގަނޑެއް

ފޮތުގެ ބަނޑޭރި ގަނޑުގައި މުސައްނިފް ލިޔުއްވައިފައިވެ އެވެ.
"މިއީ ކުޑަކުދިންގެ ރައްކާތެރިކަމާއި ސަލާމަތަށް، އެކުދިން ހޭލުންތެރިކުރުވުމަށް އުފައްދާފައިވާ ފޮތެކެވެ."
ބުލީ ކުރުމުގެ ތައާރަފަކުން ފޮތް ފަށައިގަތުމުގެ ބަދަލުގައި މުސައްނިފް ބޭނުންކުރައްވާފައިވަނީ ފޮތް ކިޔަން އިންނަ ކުއްޖާ އާ މުހާތަބުކުރާ އުސޫލުން ފަށައިގަތުމަށެވެ. މިއީ "އިންޓަރެކްޓިވް ރީޑިން" އަށް ބާރު އެޅުމުގެ ގޮތުން ގެންގުޅެފައިވާ އިސްޓައިލެއް ކަމަށް ވެސް ވެދާނެ އެވެ.
ފޮތުގެ ފުރަތަމަ ސުވާލުތަކުގެ ގޮތުގައި ގަނާ އަކީ ކޮބައިކަން އެނގޭ ތޯ އާއި ކުދިން ގަނާ ކުރާތަން ފެނޭ ތޯ އާއި ދުވަހަކު ވެސް ގަނާގެ ޝިކާރަ އަކަށް ވި ތޯ ފަދަ ސުވާލުތަކެއް މުސައްނިފް ކުރައްވަ އެވެ. ދެން ގެނެސް ދެއްވަނީ އެ ސުވާލުތަކުގެ ޖަވާބެވެ. ގަނާ ކުރަން މީހަކު އުޅޭ އިރު ފެންނާނެ ސިފަ ތަކާއި ގަނާ ކުރަން އުޅޭ މީހާގެ ނިޔަތާއި އެމީހަކު ހުއްޓުވާނެ ގޮތް ތައް ސުވާލުތައް ގެންނަވަމުން ޖަވާބު ތަފްސީލުކުރައްވަމުން ފޮތުގެ ތެރެއަށް ގެންނަވަ އެވެ. ތަފްސީލު ގެންނެވުމުގައި ތުއްތު ކުދިންނަށް ވިސްނޭނެ ހެން، އެންމެ އާދައިގެ ބަސް ބޭނުންކުރެއްވުމަށް އިސްކަމެއް ދެއްވާފައިވެ އެވެ.
މި އިސްޓައިލް ގެންގުޅެފައި ވަނީ ކުއްޖާ އަށް ފޮތް ކިޔައިދޭ ބެލެނިވެރިޔާ އަށް ފަސޭހައިން ނަގައިގަނެވޭ ގޮތަށް ފޮތް ގެނެސްދިނުމާއި އެކު ފިލާވަޅެއްގެ ގޮތަށް އެ ބުނެދީފައިވާ އެއްޗެއް ބެލެނިވެރިޔާގެ ހިޔާލާއި މިސާލުތަކާ އެކު ކުއްޖާ އަށް "އެލަބޮރޭޓް" ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވެސް ގަބޫލުކުރެވެ އެވެ.
ފޮތުގައި 24 ފަހަރަށް، ރަތްކުލައިގެ ބޮޑު އަކުރުން "ވިސްނާލާ! މަޑުކޮށްލާ!" ލިޔެފައިވެ އެވެ. ތިން ފަހަރު "ހުއްޓާލާ! ތިހެން ނުހަދާ!" ހިމަނާފައިވެ އެވެ. މިއީ އެއް ފަހަރު ފޮތް ކިޔައިލާ ކުއްޖަކަށް ވެސް މި ދެބަހުގެ މުހިއްމުކަން އަންގައިދޭނެ މިންވަރެއް ކަމަށް ގަބޫލުކުރެވެ އެވެ.
މި ފޮތުގައި ގެނެސްދީފައިވާ ކުރެހުންތައް ނުވަތަ އިލަސްޓްރޭޝަން ތައް ވެސް ރީއްޗެވެ. އޭނާގެ ފުރަތަމަ ފޮތް، "ނޫން، ބޭނުމެއް ނޫން" އާއި އަލަށް ނެރުނު މި ފޮތް ވެސް ޑިޒައިން ކޮށްފައިވަނީ ލީލާގެ ކޮއްކޮ މަހުދީ އަހުމަދެވެ.

ލީލާ ލިޔުއްވި ދެ ފޮތް
ލީލާ ވިދާޅުވީ، ބުލީ އަށް ކުދިންނާއި ބެލެނިވެރިން ހޭލުންތެރިކުރުމަށް ފޮތެއް ނެރުވުމުގެ ހިޔާލު ގެންގުޅުއްވާތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. ކިޔަވައިދެއްވުމުގެ ދާއިރާގައި ކުރެއްވި ތަޖުރިބާތަކުގެ ތެރޭން އެންމެ ބޮޑަށް އުނދަގޫވި އެއް ތަޖުރިބާގެ ތެރޭގައި ސްކޫލެއްގެ ތެރޭގައި އޭނާގެ ލޮލުގެ ކުރިމަތީގައި ހިނގި ބުލީގެ ހާދިސާއެއް ހިމެނޭ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން މި ފޮތަކީ އޭނާގެ ދިގު އިންތިޒާރެއްގެ ނިމުން ކަމަށް ވެސް ވިދާޅުވި އެވެ.
މި ފޮތް ފޭސްބުކް ޕޭޖް، "ފޮތް އަލަމާރި" މެދުވެރިކޮށް ގަނެވޭނެ އެވެ. ފޮތުގެ އިލެކްޓްރޯނިކް ވާޝަނެއް ނުނެރެ އެވެ. އާލީ ޗައިލްޑްހުޑް ދާއިރާއިން މާސްޓާސް ހާސިލްކުރައްވައިގެން ހުންނެވި މުދައްރިސްގެ އިތުރު މަގްސަދެއްވެސް ފޮތް ލިޔުމާއި ގުޅިފައިވެ އެވެ. ތުއްތު ކުދިން ފޮތް ކިޔަން ހޭދަ ކުރާ ވަގުތަކީ ސްކްރީނާ ދުރު، ފޮތްތަކަށް ލޯބި ކުރާ ވަގުތަކަށް ހެދުމަށް އޭނާ ބާރުއަޅުއްވަ އެވެ.







