މާލެއިން ފުރައިގެން އދ. ވަކަރުފަޅިއަށް ދަތުރުކުރި ދޯންޏެއް ބަންޑުންޖަހާލައިގެން، ދެފެން ދޭތެރޭގައި އޮޔާދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވާން ކޯސްޓްގާޑުން މިރޭ އިލްތިމާސްކޮށްފި އެވެ.
ކޯސްޓްގާޑުން ބުނި ގޮތުގައި، މިއަދު ފަތިހު ކ. ތިލަފުށިން ދަނގަޑާއި ހިލަވެލި ބަރުކޮށް ވަކަރުފަޅި ރިސޯޓަށް ދަތުރުކުރި "ރާޔާ" ނަމަކަށް ކިޔާ 89 ފޫޓުގެ ދޯނި މިއަދުގެ ހެނދުނުގެ ވަގުތެއްގައި ފިހާޅޮހި ރިސޓޫ ކައިރިން ބަންޑުންޖަހާލާފައި ވެ އެވެ.
އެ ދޯނި ބަންޑުންޖަހައިލި ވަގުތު އެ ދޯނީގައި ދިވެއްސަކާއި ދެ ބިދޭސީން ތިބި ކަމަށް ބުންޏެވެ.
އެ މައުލޫމާތު މިއަދު މެންދުރުގެ ވަގުތެއްގައި ލިބިގެން އެ ސަރަހައްދަށް ދިޔައިރު އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކުން އެމީހުން ސަލާމަތްކޮށްފައިވާ ކަމަށާއި، އެ ތިން ފަޅުވެރިން ވެސް ކޯސްޓްގާޑުގެ އުޅަނދެއްގައި ހުޅުމާލެއަށް ގެނެވިފައިވާ ކަމަށް ބުންޏެވެ.
ކޯސްޓްގާޑުން އިތުރަށް ބުނީ ބަންޑުންޖަހައިލި ދޯނި މިހާރު ދެފެން ދޭތެރޭ އޮޔާދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އެ ދޯނި އޮޔާދަނީ މާލެއަތޮޅާއި ވ. އަތޮޅާ ދޭތެރެއިން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ،" ކޯސްޓްގާޑުން ބުންޏެވެ.
އެހެންކަމުން އެ ސަރަހައްދުން ހާއްސަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ކޯސްޓްގާޑުން ވަނީ އެދިފަ އެވެ.












