ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތަކުގެ ކުލި އަންނަ ޑިސެމްބަރާ ހަމައަށް ދައްކަން ނުޖެހޭ ގޮތަށް ނިންމައިފި އެވެ.
ހިޔާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލު ކުރަމުން އަންނަ އިރު މީގެ ކުރިން ސަރުކާރުން ނިންމާފައި ވަނީ އެތަނުގެ ފިނިޝިންއަސް ތިން މަސް ދުވަސް ދޭށެވެ. ނަމަވެސް، އެ މުއްދަތުގައި އެ ތަން ނުނިމުގެ އިތުރަށް ކުރަންޖެހޭ ހޭދަ ބޮޑުވުމާއި ފްލެޓްގެ ކުލި ބޮޑުވުމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.
ފްލެޓްތަކާ ގުޅޭ މައްސަލަތައް ހައްލުކުރަން ޔޫނިއަންއެއް ހަދައި ކުލި ކުޑަކުރަން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ހިޔާ މަޝްރޫއުގެ ނުނިމި ހުރި މަސައްކަތް ނިންމަން ބީއެމްއެލުން ސޮފްޓް ލޯނެއް ދޫކުރާނެ ކަމަށެވެ.
މަސައްކަތް ތިން މަސް ތެރޭ ނުނިމިދާނެ ކަމުގެ ޝަކުވާ އެބަ ލިބޭ. އެކަމާ އެޗްޑީސީއާ ވާހަކަދެއްކިން. އެޗްޑީސީން ނިންމާފައިވަނީ ޑިސެމްބަރު މަހާ ހަމަޔަށް ކުލި ނުނަގަން. --ރައީސް
ރައީސް ވިދާޅުވީ އެ ބަދަލާ އެކު ދައުލަތުގެ ބަޖެޓުން ފަސް ލައްކައަށްވުރެ ބޮޑު އަދަދެއް ހަރަދު ކުރަން ޖެހޭ ކަމަށެވެ. މިހާރު ސަރުކާރުން ގެނެސްފައިވާ ބަދަލަށްވުރެ އިތުރަށް ކުޑަކުރާނަމަ، ބޮޑު ތަކުލީފެއް ސަރުކާރަށް އުފުލަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން، ފްލެޓް އަޅަން ނަގާފައިވާ ލޯނު ދައްކަން މިހާރު ވެސް ސަރުކާރުން އިތުރު 3 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހޭނެކަން ފާހަގަ ކުރެއްވި އެވެ.
ހިޔާ ފްލެޓުތަކަށް ފައިސާ ދައްކާ ހަލާސްކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓު އުސޫލުން މަހަކު 7،500ރ ދައްކާ ގޮތަށެވެ. އަދި ފްލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000ރ. ނަގާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެހެންކަމުން، މިހާރު ސަރުކާރުން ކަނޑައަޅާފައިވާ ގޮތުން، ހިޔާ ފްލެޓަކަށް މަހަކު 8،500ރ. ދައްކަން ޖެހެ އެވެ.
ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ބުނެފައި ވަނީ ހިޔާ ޕްރޮޖެކްޓުގެ ތެރެއިން ޔުނިޓަކަށް މަހަކު ދައްކަން ޖެހޭނީ 5،600ރ. ކަމަށެވެ. އެއީ ޕްރޮޖެކްޓުގެ ތެރެއިން ޔުނިޓެއް އިމާރާތްކުރަން ހަރަދުވާ 1.27 މިލިއަން ރުފިޔާއިން ޑައުންޕޭމަންޓަށް 25،000ރ. ކެނޑުމަށް ފަހު މަހަކު ދައްކަން ޖެހޭ އަދަދަށް އަށް ޕަސެންޓުގެ އިންޓްރެސްޓެއް ހިމަނައިގެންނެވެ.
މި ހިސާބު ކުރުމުގައި މައްސަލަތަކެއް ހުރި ކަމަށް މި ސަރުކާރުން އަންނަނީ ބުނަމުންނެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި އެ އަގު ކަނޑައެޅީ ޔުނިޓެއް އިމާރާތްކުރަން ކުރި ހަަރަދު ބައިކޮށްލުމަށް ފަހު އިންސްޓޯލްމަންޓަށް ޖެހޭ ފައިސާ ނުވަތަ މަހު ކުލިން އިންޓްރެސްޓް ނެގީމަ އެވެ. މި ޕްރޮޖެކްޓް ފައިނޭންސް ކުރަން ނެގި ދިގު މުއްދަތުގެ ލޯނުތަކުގެ އިންޓްރެސްޓް ނަގަނީ ލޯނު ފައިސާގެ ތެރެއިން އަނބުރާ ނުދައްކާ އޮތް އަދަދުންނެވެ. މަހަކަށް ޖެހޭ ފައިސާއަކުންނެއް ނޫނެވެ.
ކުރިން ޕްރޮޖެކްޓަށް ހަަރަދުތަކުގެ ތެރޭގައި ހިމަނާފައިވާ ހުރިހާ ހިސާބުތަކާ އެކު އީއެމްއައި ނުވަތަ މަހަކު އިންސްޓޯލްމަންޓަށް ދައްކަން ޖެހޭ އަދަދު އަސްލު ފޯމިއުލާގެ ތެރެއިން ހިސާބު ކުރީމަ ޔުނިޓަކަށް ޖެހޭ މަހު ކުލީ 10،416ރ. އަށް އަރަ އެވެ. މިއީ ޔުނިޓަކަށް ޖެހޭ ވަރު ކަަމަށް ހައުސިން މިނިސްޓްރީން ބުނި އަގަށް ވުރެ 4،710ރ. އިތުރު އަދަދެކެވެ.













