ޕެރިސް (އޮގަސްޓް 11) - ޕީއެސްޖީ އަކީ ކެރިއަރުގައި ކުރިއަށްދާން ބަލާއިރު ރަނގަޅު ކްލަބެއް ކަމަށް ރޭ އެ ޓީމަށް ހިލޭ ޓްރާންސްފާއެއްގައި ސޮއިކުރި ލިއޮނަލް މެސީ ބުނެފި އެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރެއްގެ މަތިން ހޯދާފައިވާ މެސީ ޕީއެސްޖީ އަށް ބަދަލުވީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. މެސީ އަށް ޕީއެސްޖީން އަހަރަކު މުސާރައިގެ ގޮތުގައި 35 މިލިއަން ޑޮލަރު ލިބޭނެ އެވެ. ސޮއިކުރިއިރު ވެސް ބޯނަހެއްގެ ގޮތުގައި މެސީ އަށް 35 މިލިއަން ޑޮލަރު ދިނެވެ.
އެ ކޮންޓްރެކްޓްގައިވާ ގޮތުން ޕީއެސްޖީން ބޭނުންނަމަ އިތުރު އެއް އަހަރަށް މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.
އުމުރުން 34 އަހަރުގެ މެސީ ބުނީ ޕީއެސްޖީ އަކީ އޭނާގެ ކެރިއަރުގެ އާ ޗެޕްޓަރެއް ކަމަށާއި ޕީއެސްޖީގެ އުއްމީދުތައް ހުރީ އޭނާ ބޭނުންވާ ހިސާބުގައި ކަމަށެވެ.
"އަހަންނަށް އެނގޭ މި ޓީމުގައި މި ތިބީ ކިހާ ހުނަރުވެރި ކުޅުންތެރިންތަކެއް ކަން. އެ ކުޅުންތެރިންނާ ގުޅިގެން މި ޓީމަށް ވަރަށް ހާއްސަ ކަމެއް ކޮށްދޭން ވަރަށް ބޭނުން. ޕީއެސްޖީ ދަނޑު، ޕާކް ޑެސް ޕްރިންސެސް ދަނޑުގައި (ޕީއެސްޖީ ކުޅުންތެރިއެއްގެ ގޮތުގައި) ފައި ޖައްސާލާ ހިތުން މި ހުރީ ކެތްމަދުވެފައި،" މެސީ ބުންޏެވެ.

ޕީއެސްޖީ އަށް ސޮއިކުރުމަށް ފަހު މެސީ އެ ޓީމުގެ ސަޕޯޓަރުންނާ އެކު،-- ފޮޓޯ: އޭއެފްޕީ
މިއީ ސީނިއާ ކެރިއަރުގައި ބާސެލޯނާ ނޫން ޓީމެއްގައި މެސީ ހުއްޓައި ފެނުނު ފުރަތަމަ ފަހަރެވެ. މެސީ ޕީއެސްޖީ ޖޯޒީގައި ފެނުމުން އޭނާއާ އެކު ބާސެލޯނާ އަށް ކުޅުނު އަންދްރެސް އިނިއެސްޓާ ވަނީ އެއީ ހިތަށް އުނދަގޫ މަންޒަރެއް ކަމަށް ބުނެފަ އެވެ.
އެކަމަކު، ޕީއެސްޖީ ދޫކޮށް ބާސެލޯނާ އަށް ބަދަލުވެ ގިނަ ކާމިޔާބީ ހޯދި ރޮނާލްޑީނިއޯ ވަނީ ޕީއެސްޖީ އަށް މެސީ ކުޅުމަކީ ހިތްހަމަ ޖެހުމެއް ކަމަށް ބުނެފަ އެވެ.
ޕީއެސްޖީގެ ރައީސް ނާސިރު އަލް ހެއްލާފީ ވިދާޅުވީ މެސީ ޕީއެސްޖީއާ ގުޅެން ނިންމުމަކީ މިހާތަނަށް ލިބުނު އެންމެ އުފާވެރި އެއް ހަބަރު ކަމަށެވެ.
"މެސީ ވަނީ އަދިވެސް އެންމެ މަތީ ލެވަލްގައި ކުޅެ ތަށި ހޯދަން ބޭނުންވާ ކަމަށް ބުނެފައި. އެކަން ކުރަން އޭނާ އިހުތިޔާރުކުރި ކްލަބަކީ ޕީއެސްޖީ ކަމަށް ވީތީ އަހަރެން ވަރަށް އުފާކުރަން،" ހެއްލާފީ ވިދާޅުވި އެވެ.
ޕީއެސްޖީގައި މެސީ ބޭނުންކުރާނެ ކަމަށް އެންމެ ފުރަތަަމަ ބެލެވުނީ 19 ނަމްބަރު ޖޯޒީ އެވެ. އެކަމަކު މެސީ ނެގީ 30 ނަމްބަރު ޖޯޒީ އެވެ. އެއީ އޭނާ ބާސެލޯނާ ސީނިއާ ޓީމަށް ޕްރޮމޯޓްވިއިރު ބޭނުންކުރި ޖޯޒީ ނަމްބަރެވެ.

މެސީ (ވ) އާއި ޕީއެސްޖީގެ ރައީސް ހެއްލާފީ ކޮންޓްރެކްޓްގައި ސޮއިކުރަނީ.-- ފޮޓޯ: އޭއެފްޕީ
މެސީ ވަނީ ބާސެލޯނާ އަށް 778 މެޗުން 672 ގޯލު ޖަހައިދީފަ އެވެ. އަދި އޭނާ ވަނީ އެ ޓީމާ އެކު ސްޕެނިޝް ލީގު 10 ފަހަރާއި ހަތަރު ޗެމްޕިއަންސް ލީގާއި ހަތް ކޮޕަ ޑެލް ރޭ ތަށި ހޯދައިފަ އެވެ. އަދި ތިން ޔުއެފާ ސުޕަ ކަޕާއި ކްލަބް ވޯލްޑް ކަޕް ތަށި އުފުލާލި އެވެ.
ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި ޕީއެސްޖީން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ސޮއިކުރި ކުޅުންތެރިންނާ އެކު އެ ޓީމަކީ އެއް ޓްރާންސްފާ ބާޒާރެއްގައި އެންމެ ފުރިހަމަަ ވިޔަފާރިތަކެއް ކުރި ކްލަބްތަކުގެ ތެރެއިން ކްލަބެކެވެ.
އެ ގޮތުން ޕީއެސްޖީން ވަނީ ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގޯލްކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ، ޔޫރޯގައި ނެދަލެންޑްސްގެ ކެޕްޓަން ކަން ކުރި ޖިއޮޖީނިއޯ ވައިނަލްޑަމް އަދި އިންޓަ މިލާނުގެ އަޝްރަފް ހަކީމީގެ އިތުރުން އެންމެ ފަހުން މެސީގެ ސޮއި ހޯދައިފަ އެވެ. މީގެ ތެރެއިން 70 މިލިއަން ޑޮލަރަށް ގަތް ހަކީމީ ފިޔަވައި ދެން ތިބި ކުޅުންތެރިންގެ ސޮއި ހޯދީ ހިލޭ ޓްރާންސްފާއެއްގަ އެވެ.












