ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މާލޭގައި ދިން ބޮމުގެ ހަމަލާގެ ތަހުގީގުގެ ފުރަތަމަ ބައި ނިމިފައި ވާތީ ފުލުހުން ދެން ފޯކަސްކުރާނީ ހަމަލާއާ ގުޅިފައި ތިބި މީހުންނާއި މާލީ ކަންކަން ތަހުގީގުކުރުމަށް ކަމަށް ގަބޫލުކުރެވޭ ކަމަށް، ތަހުގީގަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޔަންކުރެއްވި މަންދޫބު އިނގިރޭސި ވިލާތުގެ އައްބާސް ފާއިޒް ވިދާޅުވެއްޖެ އެވެ.
ހަމަލާ ރާވައި އަމަލީ ގޮތުން އެކަމުގައި ބައިވެރިވި ޓެރަރިސްޓުންގެ ތަހުގީގު ނިމި މިހާރު ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. އެގޮތުން ހަތަރު މީހެއްގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް އަންނަ ޖުމްލަ 12 ދައުވާ ވަނީ އުފުލައިފަ އެވެ.
އެކަމަކު ނަޝީދަށް ތާއީދުކުރާ ފަރާތްތަކާއި ބައެއް އާއްމުން ވަނީ ހަމަލާގެ ފަހަތުގައި އެހެން ބަޔަކު ތިބެދާނެ ކަމަށާއި އެކަމަށް ފަންޑުކުރި ބަޔަކު ތިބެދާނެ ކަމަށް ބަލައި އެ ބަޔަކު ހޯދަން ގޮވާލައިފަ އެވެ. އައްބާސް ޓްވީޓް އަމާޒުކުރެއްވީ އެ ވާހަކަތަކަށް ކަމަށް ބެލެވެ އެވެ.
"މިހާރު ތަހުގީގުގެ ފުރަތަމަ ބައި ނިމިފައިވާތީ، ގަބޫލުކުރެވެނީ ފުލުހުން ދެ ވަނަ ބަޔަށް ފޯކަސްކޮށް މޭ ހަޔެއްގެ ހަމަލާއާ ގުޅިފައިވާ ކަންކަމާއި ފައިސާގެ ކަންކަން އަވަހަށް އަދި ފުޅާކޮށް ތަހުގީގުކުރާނެ ކަމަށް،" އައްބާސް ފާއިޒް ޓްވީޓްކޮށްފައިވެ އެވެ.
އައްބާސްއާ ރައީސް އޮފީހުން ހަވާލުކޮށްފައިވާ ޒިންމާއަކީ، ހަމަލާއާ ގުޅޭ އެންމެހާ ތަހުގީގެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ކަނޑައަޅުއްވާ ހުދޫދެއްގެ ތެރެއިން ބައިވެރިވެ އިންސާފު ގާއިމްކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާ ގުޅޭ ލަފާ އާއި އިރުޝާދު ދިނުމާއި ތައްޔާރުކުރަން ޖެހޭ އެންމެހާ ރިޕޯޓެއް ތައްޔާރުކުރެއްވުމެވެ.

ފުލުހުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ހަމަލާ ދިނުމަށް ބޭނުންވާ ސައިކަލު ފަދަ ތަކެތި ގަތުމުގެ އިތުރުން ހަމަލާ ދިނީތީވެ އިނާމެއްގެ ގޮތުން ފައިސާ ދީފައިވާކަން ބެލެވެން ނެތް ކަމަށެވެ. އެކަމަކު އެ ވާހަކަ ގަބޫލުނުކުރެވޭ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ ފައިސާގެ މާބޮޑު މުއާމަލާތްތަކެއް ނުހިނގާ ކަމަށާއި ހަރުކަށި ފިކުރު ކަމަށް ބުނެ ވަކި ދިމާލަކަށް ތަހުގީގު އަމާޒުކުރުން ގަބޫލެއް ނުކުރެއްވޭ ކަމަށެވެ. މާލީ ނިޒާމްތައް މެދުވެރިކޮށް ބޮޑެތި މުއާމަލާތްތައް ހިނގާކަން ބެލުމުގެ ގާބިލްކަމެއް ނެތީސް ވަކި ގޮތަށް ނިންމުން ބަލައިނުގަނެވޭ ކަމަށް ވިދާޅުވި އެވެ.
"ކޮންމެ ފަހަރަކު އެބަ އަޑުއިވޭ މިއީ ހަރުކަށި ފިކުރުގެ ބަޔެކޭ, އަދި މީޑިއާތަކުން ވެސް އެބަފެނޭ ރިޕޯޓު ހަދައިގެން މިއީ ފަންޑްކޮށްގެން ކުރި ކަމެއް ނޫން ކަމަށް ބާރުއަޅައި ކުރާ މަސައްކަތް ވެސް," އޭނާ ވިދާޅުވި އެވެ.












