ޕެރިސް (އޮގަސްޓް 10) - ދުނިޔޭގައި މޮޅު ކުޅުންތެރިޔާ އަށް ދޭ އެވޯޑް، ބެލޮންޑިއޯ ހަ ފަހަރު ހޯދާފައިވާ ލިއޮނަލް މެސީ ފްރާންސްގެ ގަދަބާރު ޕީއެސްޖީ އަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މެސީ ބާސެލޯނާއާ ގުޅުނީ އުމުރުން 13 އަހަރުގަ އެވެ. ބާސެލޯނާގެ ލަ މާސިއާ އެކެޑަމީން ސީނިއާ ޓީމަށް ޕްރޮމޯޓްވެ، މެސީ ވެފައިވަނީ އެ ކްލަބްގެ ތާރީހުގައި ކުޅުނު އެންމެ ހާއްސަ ކުޅުންތެރިޔާ އަށެވެ. މެސީ، 34، އާ އެކު ބާސެލޯނާ އިން އެންމެ ފަހުން ހެދި ކޮންޓްރެކްޓް މިދިޔަ ޖޫން މަހުގެ ނިޔަލަށް ހަމަވިއިރު، ބާސެލޯނާ އިން އޭނާއާ އެކު އިތުރު ފަސް އަހަރުގެ އެއްބަސްވުމެއް ހަދަން ނިންމި އެވެ. އެކަމަކު، އެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ގޮތެއް ނުވީ ލަލީގާ ގަވާއިދު އެކަމަށް ހުއްދަނުކުރާތީ އެވެ. އެއީ ބާސެލޯނާގެ މުޅި ސްކޮޑުގެ ޖުމްލަ މުސާރަ އިންތިހާ އަށް ބޮޑުވެފައިވާތީ އެވެ.
ބާސެލޯނާއާ އެކު މެސީ ބޭއްވި ވަދާއީ ނޫސްވެރިންގެ ބައްދަލުވުމުގައިވަނީ ޕީއެސްޖީ އަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ. ސްކައި ސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި މެސީ މިހާރު ވަނީ ޕީއެސްޖީ އަށް ބަދަލުވާން އެއްބަސްވެފަ އެވެ. އެއީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އަދި އެ އެއްބަސްވުމުގައިވާ ގޮތުން އިތުރު އަހަރަށް މެސީގެ ކޮންޓްރެކްޓް އާ ކުރުމުގެ އިހުތިޔާރު ޕީއެސްޖީ އަށް އޮންނާނެ އެވެ.
އެކާވީސް އަހަރަށް ފަހު މެސީ ބާސެލޯނާ ދޫކޮށް ޕީއެސްޖީއާ ގުޅޭއިރު، ބޯނަހެއްގެ ގޮތުގައި އޭނާ އަށް 25 މިލިއަން ޕައުންޑް (34 މިލިއަން ޑޮލަރު) ލިބޭނެ އެވެ. އަދި ޕީއެސްޖީ އަށް ކުޅޭ ކޮންމެ އަހަރަކަށް ވެސް 25 މިލިއަން ޕައުންޑް (34 މިިލިއަން ޑޮލަރު) ދޭނެ އެވެ. މިއީ ޓެކްސްގެ ބައި ފުރިހަަމަ ކުރުމަށް ފަހު މެސީ އަށް ލިބޭނެ މުސާރަ އެވެ.
ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި މެސީ ޕީއެސްޖީގެ މެޑިކަލްގައި ބައިވެރިވެ، އެ ޓީމުގެ ކޮންޓްރެކްޓްގައި ސޮއިކުރާނެ އެވެ. މެސީގެ އިންތިޒާރުގައި ޕީއެސްޖީ ސަޕޯޓަރުން އަންނަނީ އެކި ވަގުތުތަކުގައި ޕެރިހުގެ އެއާޕޯޓާއި ޕީއެސްޖީގެ ދަނޑު ބޭރުގައި އެއްވަމުންނެވެ.
ޕީއެސްޖީން މެސީ ގެންނަން އެއްބަސްވުމަކަށް މިއައީ ބާސެލޯނާގައި މެސީ މަޑުކުރުވަން ކުރެވޭނެ އިތުރު ކަމެއް އޮތްތޯ ބަލަން އެ ކްލަބުން ލަލީގާގެ ގަވާއިދު އަލުން މުރާޖާކުރަމުން އަންނަ ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓްކޮށްފައި ވަނިކޮށެވެ.
ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ ވަނީ މެސީ އެ ކްލަބްގައި މަޑުކުރުވަން ކުރެވޭނެ އިތުރު ކަމެއް ނެތް ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. ބާސެލޯނާގެ ވަދާއީ ނޫސްވެރިންގެ ބައްދަލުވުމުގައި މެސީ ވަރަށް ބޮޑަށް ރުޔެވެ. މެސީީ ބުނީ ބާސެލޯނާގައި މަޑުކުރަން ކުރެވެން ހުރި ހުރިހާ ކަމެއް އޭނާގެ ފަރާތުން ކުރި ކަމަށާއި އެކަމަށް ދިމާވި ހުރަހަކީ ލަލީގާގެ ގަވާއިދުތައް ކަމަށެވެ.
މެސީ ވަނީ ބާސެލޯނާ އަށް 778 މެޗުން 672 ގޯލު ޖަހައިދީފަ އެވެ. އަދި އޭނާ ވަނީ އެ ޓީމާ އެކު ސްޕެނިޝް ލީގު 10 ފަހަރާއި ހަތަރު ޗެމްޕިއަންސް ލީގާއި ހަތް ކޮޕަ ޑެލް ރޭ ތަށި ހޯދައިފަ އެވެ. އަދި ތިން ޔުއެފާ ސުޕަ ކަޕާއި ކްލަބް ވޯލްޑް ކަޕް ތަށި އުފުލާލި އެވެ.

ބާސެލޯނާގެ މެސީ ހޭދަކުރި އެކި އަހަރުތަކުގައި ނަގާފައިވާ ފޮޓޯތަކެއް.-- ފޮޓޯ: އޭއެފްޕީ
ޕީއެސްޖީން މެސީގެ ޓްރާންސްފާ ކާމިޔާބުކުރެވިއްޖެނަމަ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމުގެ ވިޔަފާރި ވަރަށް ފުރިހަމަވާނެ އެވެ. ޕީއެސްޖީން މި ފަހަރުގެ ޓްރާންސްފާ ބާޒާރު ފެށި ފަހުން ވަނީ ރެއާލް މެޑްރިޑްގެ ސާޖިއޯ ރާމޯސް އާއި އޭސީ މިލާންގެ ޖިއަންލުއީޖީ ޑޮންނަރުންމާ، ލިވަޕޫލްގެ ޖިއޮޖީނިއޯ ވައިނަލްޑަމް އަދި އިންޓަ މިލާނުގެ އަޝްރަފް ހަކީމީގެ ސޮއި ހޯދައިފަ އެވެ. މީގެ ތެރެއިން 70 މިލިއަން ޑޮލަރަށް ގަތް ހަކީމީ ފިޔަވައި ދެން ތިބި ކުޅުންތެރިންގެ ސޮއި ހޯދީ ހިލޭ ޓްރާންސްފާއެއްގަ އެވެ.
ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މެސީ ގެންނަން ޕީއެސްޖީން ކުރާ މަސައްކަތުގެ ތެރެއިން އެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލާނެ އެވެ. އެ ގޮތުން ޕީއެސްޖީން ދޫކޮށްލާ ކުޅުންތެރިންގެ އަދަދު 10 އަކަށް އެރުމުގެ ފުރުސަތު ވެސް އެބައޮތެވެ.
މިހާތަނަށް ޕީއެސްޖީން ދޫކޮށްލަން ނިންމާފައިވާ ކުޅުންތެރިންނަށް ބަލާއިރު، އަބްދޫ ޑިއާލޯ، ތިލޯ ކެރާ، އިދްރީސާ ގޭއި އަދި ރަފީނިއާ އަލްކަންޓާރާ އަދި ސާޖިއޯ ރިކޯ ހިމެނެ އެވެ. އޭގެ އިތުރުން ވެސް މަޝްހޫރު ކުޅުންތެރިންތަކެއް ދޫކޮށްލުމުގެ ފުރުސަތު ބޮޑެެވެ. އެ ކުޅުންތެރިންގެ ތެރޭގައި މައުރޯ އިކާޑީ އާއި އެންޑަ ހެރޭރާ އަދި ކޭލޯ ނަވާސް ހިމެނެ އެވެ.












