ކޮވިޑް ކޮންޓްރޯލްކުރުމުގައި ރާއްޖެ އިން ކުރިއެރުންތަކެއް ހޯދާފައި ވިޔަސް ބަލީގެ ނުރައްކާ މުޅިން ފިލައިގެން ނުދާތީ, ދިވެހިންނަށް ލިބުނު ކުރިއެރުން ދަމަހައްޓަން އެންމެން ގުޅިގެން މަސައްކަތް ކުރަން ރައީސް މިއަދު އިލްތިމާސްކުރައްވައިފި އެވެ.
ރާއްޖޭގެ ކޮވިޑުގެ ހާލަތު މި އަހަރުގެ ކުރީކޮޅު ވަރަށް ބޮޑަށް ގޯސްވި އެވެ. މާލެއިން އެކަނި ޕޮޒިޓިވްވާ މީހުންގެ އަދަދު 1000 އިން މައްޗަށް އަރައިގެން ދިޔަ އެވެ. ނަމަވެސް ރާއްޖެއިން އެޅި ހަރުކަށި ފިޔަވަޅުތަކާއެކު ކޭސްތައް ވަނީ ކޮންޓްރޯލް ވެފަ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ގޮތުން ރެހެންދި ސުކޫލުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖެއަށް މިހާރު ވަނީ އާ އާންމު ހާލަތަކަށް އާދެވިފައި ކަމަށެވެ. އޮފީސްތަކާއި ވިޔަފާރިތައް ހުޅުވާލެވިފައިވާ ކަމަށާއި ސްކޫލްތަކުގެ ކިޔެވުން ވެސް އާންމު އުސޫލުން މިއަދު ފެށި އާންމު ދަތުރުފަތުރުތަކަށް ވެސް ވަރަށް ބޮޑެތި ލުއިތަކެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ ހާލަތު މިވަގުތު ރަނގަޅު ނަމަވެސް ބައެއް ގައުމުތަކުގައި މިހާރު ވެސް ކޮވިޑް ޖައްސާ ވައިރަހުގެ ތަފާތު ބާވަތްތައް ފެތުރެމުންދާ ކަން ރައީސް ހަނދާންކޮށްދެއްވި އެވެ.


އިސްކަންދަރު ސްކޫލަށް ދަރިވަރުންތަކެއް ވަންނަނީ: ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށީ ދަރިވަރުން ސްކޫލްތަކަށް ގެންގޮސްގެން. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު
އެމަނިކުފާނު ވިދާޅުވީ ކޮވިޑް ޖައްސާ ވައިރަހުގެ ނުރައްކާތެރި ބާވަތްތައް އަދިވެސް ރާއްޖެއަށް އަތުވެދާނެ ކަމަށެވެ. އެއީ އަބަދުވެސް ސަމާލުވާންޖެހޭނެ ކަމެއް ކަން ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން މިއަދު ގަދައަޅައި މަސައްކަތްކުރަންވީ، ކޮވިޑް ކޮންޓްރޯލް ކުރުމުގައި މި ލިބުނު ކުރިއެރުން އެ ގޮތުގައި ދަމަހައްޓަން. އަޅުގަނޑުމެންގެ ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ދާއިރު ވެސް، ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް، ޓީޗަރުންނާއި ދަރިވަރުންނާއި ބެލެނިވެރިން ވެސް ފުރިހަމައަށް އަމަލުކުރެއްވުން ވަރަށް މުހިންމު،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތައް އާންމު އުސޫލުން ހުޅުވައިގެން ހިދުމަތް ދޭއިރު، މުވައްޒަފުންނާއި ހިދުމަތް ހޯއްދާ މީހުން ވެސް ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް ތަބާވުމަށް ރައީސް އިލްތިމާސްކުރެއްވި އެވެ.
ރާއްޖެއިން މި ބަލި ފެނުނުތާ މިއަދާ ހަމައަށް 520 ދުވަސް ވެފައި ވާއިރު، މި ދިޔަ އަހަރު ނިމުނު އިރު 13،757 ކޮވިޑް ޕޮޒިޓިވް ކޭސް ވަނީ ރިޕޯޓް ކޮށްފަ އެވެ. މި ބަލީގައި މިހާތަނަށް ރާއްޖެ އިން 222 މީހަކު ވަނީ މަރުވެފަ އެވެ.












