އަތޮޅު ތެރޭގައި ގެދޮރު އިމާރާތްކުރަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ތައާރަފުކޮށްފައިވާ "ގެދޮރުވެރިޔާ" ލޯނަށް އެންމެ ގިނައިން އެޕްލިކޭޝަން ލިބިފައިވަނީ ގއ. ވިލިނގިލިން ކަމަށް އެޗްޑީއެފްސީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީ އަދި އެޗްޑީއެފްސީ ގުޅިގެން ހިންގާ ގެދޮރުވެރިޔާ ލޯން ސްކީމަކީ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ގެދޮރު އިމާރާތްކުރަން ދޫކުރާ ދިގު މުއްދަތުގެ އިންޓްރެސްޓް ކުޑަ ލޯނު ދޫކުރުމަށް ހިންގާ ގެދޮރުވެރިކަމުގެ ސްކީމެކެވެ.
މި ލޯނުގެ ތެރެއިން ގިނަވެގެން ހަތް ލައްކަ ރުފިޔާ ގެދޮރު އިމާރާތްކުރަން ނުވަތަ މަރާމާތުކުރަން ދޫކުރަން ސަރުކާރުން އޮތީ ނިންމައިފަ އެވެ.
މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު އިފްތިތާހުކުރި ސްކީމަށް ތަރުހީބު ރަނގަޅުކަމަށް އެޗްޑީއެފްސީން ބުނާއިރު، އެ ލޯނަށް މިހާތަނަށް 89 އެޕްލިކޭޝަން ވަނީ ލިބިފަ އެވެ.
އޭގެ ތެރެއިން އެއް ރަށަކުން އެންމެ ގިނަ އެޕްލިކޭޝަން ލިބިފައިވަނީ ގއ. ވިލިނގިލިންނެވެ. އެ ރަށުން އަށް އެޕްލިކޭޝަން ލިބިފައިވާ ކަމަށް އެޗްޑީއެފްސީން ބުންޏެވެ.
އެޗްޑީއެފްސީގެ މީޑިއާ އޮފިޝަލް "އަދަދު"އަށް މިއަދު ވިދާޅުވި ގޮތުގައި މިހާތަނަށް ލިބިފައިވާ ޖުމްލަ އެޕްލިކޭޝަންތަކުގެ އަގު 56.6 މިލިއަން ރުފިޔާއަށް އަރަ އެވެ.
ނަމަވެސް، އޭގެ ތެރެއިން އެއްވެސް ލޯނެއް އަދި އެޕްރޫވްކޮށްފައި ނުވާ ކަމަށާއި މިހާރު އެ އެޕްލިކޭޝަންތައް ރިވިއު ކުރެވެމުންދާކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ބަލަނީ އެޕްލިކޭޝަންތައް ރިވިއުކޮށް ނިމިގެން މިއަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި ލޯނުތައް ދޫކުރަން ފެށޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ލޯންގެ ތަފްސީލް
- ލޯން ދޫކުރާނީ އަމިއްލަ ގޯތީގައި އަލަށް ގެއެއް އަޅަން ނުވަތަ ނުނިމި ހުރި މަސައްކަތްތައް ކުރަން.
- ހަދަން ފަށާފައި ނުނިމި ހުރި އިމާރާތަށް ބައެއް އިތުރުކުރަން ވެސް ލޯނަށް އެދެވިދާނެ.
- އެކަކަށް އެންމެ ގިނައިން ދޫކުރަން ނިންމާފައި ވަނީ 700,000ރ.
- 15 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,907ރ.
- 16 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,680ރ.
- 17 އަހަރަށް ބަހާލުމުން މަހަކު ޖެހޭނީ 5,485ރ.
- 18 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,307ރ.
- 19 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,153ރ.
- 20 އަހަރަށް ބަހާލުމުން މަހަކު ދައްކަން ޖެހޭނީ 5,015ރ.
މި ލޯނަށް އެދޭ މީހާގެ ނަންމަތީގައި އަމިއްލަ ބިމެއް ރަޖިސްޓްރީވެފައި އޮންނަން ޖެހެ އެވެ. އަދި އެ ބިން ލިބިފައިވާ ރަށުގެ ރަށްވެއްސަކަށް ވުމާއި އެ ރަށުގައި އާއިލާއެކު ދިރިއުޅޭތާ މަދުވެގެން ތިން އަހަރު ވެފައިވާން ޖެހެ އެވެ.
އޭގެ އިތުރުން އެޕްލިކޭޝަން ހުށަހެޅުމުގައި ގޯތީގެ ވެރިފަރާތުގެ އިތުރުން ޝަރުއީގޮތުން ވާރުތަވާ މަދުވެގެން އެކަކު ކޯއެޕްލިކަންޓެއްގެ ގޮތުގައި ބައިވެރިވާންޖެހެ އެވެ.
ގެދޮރުވެރިޔާ ލޯނަކީ ހަ ޕަސެންޓް އިންޓްރެސްޓް ރޭޓުގައި މަހަކު ކުޑަ އިންސްޓޯލްމަންޓެއް ދައްކައިގެން 20 އަހަރު ދުވަހުން އަދާކުރަން ޖެހޭ ލޯނެކެވެ. މިއީ މިހާރު ރާއްޖޭގައި ހުރި ކޮމާޝަލް ބޭންކުތަކާއި މާލީ އިދާރާތަކުން ދޫކުރާ ހައުސިން ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ވުރެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކުޑަ އަދަދެކެވެ.
ނަމަވެސް، ހަތް ލައްކަ ރުފިޔާއަކީ ގެދޮރު އިމާރާތްކުރަން އެކަށީގެންވާ އަދަދެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. އެއާއެކު އެ އަދަދު އިތުރުކުރަން ވިސްނަމުންދާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.










