ބާސެލޯނާ (އޮގަސްޓް 10) - ބާސެލޯނާގައި ލިއޮނަލް މެސީ މަޑުކުރުވަން ކުރެވޭނެ އިތުރު ކަމެއް އޮތްތޯ ބަލަން އެ ކްލަބުން ލަލީގާގެ ގަވާއިދު އަލުން މުރާޖާކުރަމުން އަންނަ ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ވިއްސަކަަށް އަހަރު ބާސެލޯނާގައި ހޭދަކުރުމަށް ފަހު މެސީ ބާސެލޯނާ ދޫކޮށްލީ އެ ކްލަބްގެ މާލީ ހާލަތުގެ ސަބަބުން އާ ކޮންޓްރެކްޓެއް ހެދޭނެ ގޮތެއް ނެތިގެންނެވެ. ބާސެލޯނާއާ އެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް ހަމަވީ މިދިޔަ ޖޫން މަހުގެ ނިޔަލަށެެވެ.
މެސީއާ އެކު ބާސެލޯނާ އިން ފަސް އަހަރަށް އާ އެއްބަސްވުމެއް ހަދަން ހުރިހާ ކަމެއް ހަމަޖެހިގެން ދިޔަ ނަމަވެސް ފަހު ވަގުތު ލަލީގާގެ ގަވާއިދު ތަންނުދޭތީ މެސީ އަށް ބާސެލޯނާގައި މަޑުނުކުރެވި ޖެހުނީ އެ ޓީމު ދޫކޮށްލާށެވެ. އެއީ ބާސެލޯނާގެ ޖުމްލަ މުސާރަ އިންތިހާ އަށް ބޮޑުވެފައިވާތީ މެސީ އަށް ކުޑަ މުސާރައެއްގައި ވެސް އެ ޓީމަށް ކުޅެން ގަވާއިދު ތަންނުދޭތީ އެވެ.
މެސީ ވަނީ ބާސެލޯނާއާ އެކު 50 ޕަސެންޓް ކުޑަ މުސާރަ އަކަށް ކުރިއަށްދާން ވެސް އެއްބަސްވެފަ އެވެ. އެކަމަކު، އެ ގޮތަށް ވެސް ކުރިއަށް ދެވެން އޮތީ ބާސެލޯނާގައި ތިބި ބޮޑު މުސާރަ ލިބޭ ކުޅުންތެރިންތަކެއް ރަނގަޅު ޓްރާންސްފާ ފީއެއް ލިބޭ ގޮތަށް ވިއްކާލެވިއްޖެނަމަ އެވެ. ސްޕެއިނުގެ ގަވާއިދުގައިވާ ގޮތުން ކޮންޓްރެކްޓެއް އާ ކުރާއިރު އެންމެ ކުޑަކޮށް ވެސް އެއްބަސްވެވޭނީ ކުރިން ލިބެމުން އައި މުސާރަ އަށް ބަލާއިރު 50 ޕަސެންޓް ދަށް މުސާރަ އަކަށެވެ.
ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ ވަނީ މެސީ އެ ކްލަބްގައި މަޑުކުރުވަން ކުރެވޭނެ އިތުރު ކަމެއް ނެތް ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. ބާސެލޯނާގެ ވަދާއީ ނޫސްވެރިންގެ ބައްދަލުވުމުގައި މެސީ ވަރަށް ބޮޑަށް ރުޔެވެ. މެސީީ ބުނީ ބާސެލޯނާގައި މަޑުކުރަން ކުރެވެން ހުރި ހުރިހާ ކަމެއް އޭނާގެ ފަރާތުން ކުރި ކަމަށާއި އެކަމަށް ދިމާވި ހުރަހަކީ ލަލީގާގެ ގަވާއިދުތައް ކަމަށެވެ.
މެސީ ދެން ބަދަލުވާނެ ކަމަށް އެންމެ ބޮޑަށް ވާހަކަ ދެކެވެނީ ފްރާންސްގެ ޕީއެސްޖީ އަށެވެ. ޕީއެސްޖީން އަންނަނީ މެސީ އެ ޓީމަށް ސޮއިކުރާނެ ކަމަށް ބަލައި ތައްޔާރީތައް ވަމުންނެވެ. އެ ކްލަބްގެ ސަޕޯޓަރުން ޕެރިހުގެ އެއާޕޯޓް ކައިރީގަޔާއި ޕީއެސްޖީގެ ސްޓޭޑިއަމް ބޭރުގައި އެކި ވަގުތުތަކުގައި އެއްވެ، އިންތިޒާރު ކުރަމުންދަނީ މެސީ އަންނާނެ ވަގުތަކަށެވެ.
އެކަމަކު، ކުއްލިއަކަށް ބާސެލޯނާ އިން ވަނީ ރޭގެ ވަގުތެއްގައި މެސީ މަޑުކުރެވޭނެ ގޮތެއް އޮތްތޯ ބަލަން ގާނޫނީ ޓީމެއް މެދުވެރިކޮށް ލަލީގާގެ ގަވާއިދުތައް މުރާޖާކުރަން ފަށައިފަ އެވެ. އީއެސްޕީއެން އާޖެންޓީނާ އާއި ސްޕެއިނުގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މި ކަންކަން ކުރުމުގައި އެންމެ އިސްކޮށް ހަރަކާތެރިވަނީ ކްލަބްގެ ސީއީއޯ ފެރާން ރިވާޓާ އެވެ.
ބާސެލޯނާ އިން ބަލަމުން އަންނަނީ ވަކި މުއްދަތެއްގެ ތެރޭގައި ކްލަބްގެ ޖުމްލަ މުސާރަ ހަމަޖައްސާގޮތަށް މެސީ ކްލަބްގައި ރަޖިސްޓްރީކުރެވޭނެ ވަގުތީ ހައްލެއް އޮތްތޯ އެވެ.
ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލަލީގާ އިން ބާސެލޯނާ އަށް މެސީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ނުދިނީ ލަލީގާ އިން ޔޫރަޕްގެ ވަރުގަދަ އިންވެސްޓްމަންޓް ކުންފުނި، ސީވީސީ ކެޕިޓަލްއާ އެކު އެއްބަސްވި ތިން ބިލިއަން ޑޮލަރުގެ ޑީލަށް ވޯޓު ނުދޭން ބާސެލޯނާ އިން ނިންމި ހިސާބުންނެވެ. ލަލީގާއާ އެކު ސީވީސީން ވީ އެއްބަސްވުމުގައިވާ ގޮތުން އެ ކުންފުންޏަށް ލީގުގެ ރައިޓްސްގެ 10 ޕަސެންޓް ލިބޭނެ އެވެ.
އެ ޑީލް އެއްބަސްވާން ސީވީސީން ހުށަހެޅި ތިން ބިލިއަން ޑޮލަރުގެ 90 ޕަސެންޓް ބަހަން ހަމަޖެހިފައި އޮތީ ސްޕެއިނުގެ އެއް ވަނަ އަދި ދެ ވަނަ ޑިވިޝަނުގައި އޮތް ކްލަބްތަކަަށެވެ. އެ ގޮތަށް އެ ޑީލްގެ ހުރިހާ ކަމެއް ހަމަޖެހުނުނަމަ އެއްވެސް މައްސަލައެއް ދިމާނުވެ ބާސެލޯނާ އަށް މެސީގެ އާ ކޮންޓްރެކްޓްގެ ކަންކަން ނިންމާލުމުގެ ފުރުސަތު އޮންނާނެ އެވެ.
ބާސެލޯނާ އިން މިހާރު ބަލަމުން އަންނަނީ ގާނޫނީ ގޮތުން މިހާރު މެސީ އަށް އާ ކޮންޓްރެކްޓެއް ހުށަހެޅޭނެ ހަނި ފުރުސަތެއް އޮތް ނަމަވެސް އެ ގޮތަށް ކުރިއަށްދާށެވެ.
ވަދާއީ ނޫސްވެރިންގެ ބައްދަލުވުމުގައި މެސީ ވަނީ ޕީއެސްޖީގެ އިތުރުން އެހެން ކްލަބްތަކަކުން ވެސް އޭނާ އަށް ޝައުގުވެރިކަން ފާޅުކުރިކަމަށް ބުނެފަ އެވެ.
މެސީ ހޯދަން އިނގިރޭސި ދެ ކްލަބަކުން މަސައްކަތްކުރި ކަމަށް ފްރާންސްގެ ނޫހަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެ ދެ ކްލަބަކީ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް އެވެ. ޓޮޓެންހަމާއި ޔުނައިޓެޑުން ބެލީ އެ ދެ ކްލަބްގެ މި ވަގުތުގެ މާލީ ހާލަތު އޮތްގޮތުން މެސީގެ ޑީލުގައި ބައިވެރިވެވޭނެ ގޮތެއް އޮތްތޯ އެވެ. ޔުނައިޓެޑްގެ މުސާރަތައް ހުރި މިންވަރު މަތިވުމުން ރަސްމީކޮށް އެ ކްލަބުން މެސީ ހޯދުމުގެ ރޭހަށް ނުވަދެ އެވެ. އަދި ޓޮޓެންހަމްގެ ދަރަނި ބޮޑުވުމުން މެސީ ގެނެވޭނެ ގޮތެއް ނެތެވެ.
ދެކުނު އެމެރިކާގެ މަޝްހޫރު މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ލަސްވެގެން ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މެސީ ޕީއެސްޖީ އަށް ބަދަލުވުމުގެ ކަންކަން ނިމިގެންދާނެ އެވެ.












