އަހަރެމެންނަށްވެސް ކިޔަވައިދޭށެވެ.

އަހަރެމެންނަށްވެސް ކިޔަވައިދޭށެވެ.

ރޭ ހޭލާ ތިބެގެން ދަރިފުޅުގެ ފޮތްތަކުގައި ސެލޯފޭން ލެއްވީ ކިތައް ބެލެނިވެރިންބާ އެވެ؟ މިއަދު ދަރިފުޅުގެ ދަބަހަށް ލާނޭ ސެނިޓައިޒަރާއި، ލަންޗް ބޮކްސް އަށް އަޅާނޭ ކާނާ މިހާރު ހުންނާނީ ހޯދާފަ އެވެ. ޔުނިފޯމުތަކުން ތާން ކަނޑުވައި، އިސްތިރިކޮށް އެކުދިން ސްކޫލަށް ފޮނުވާލަން ތައްޔާރުވަމުންދާއިރު، ދަރިފުޅާ މެދު ކުރާ އުއްމީދުތަކުގެ ބުރަދަނާއި، އެ ދަރިފުޅުގެ ރައްކާތެރިކަމާމެދު ކުރެވޭ ފިކުރުން ދުވަހުގެ އެހެން ހުރިހާ ޚިޔާލެއް ފުސްކޮށްލާހާވެ އެވެ.

ދަރީންނާއި ދަރިވަރުންނަށް އުނގަންނައިދޭން މަންހަޖު ތައްޔާރުކޮށް، ރޭވުންތައް ރާވައި ތައްޔާރީތައް ފުރިހަމަކުރަމުންދާއިރު، ޚުދު އަހަރެމެން މިތިބީ ހުރިހާ ފިލާވަޅެއް ލިބި ދަސްވެނިވެފައިތޯ ސުވާލުއުފައްދަން ޖެހެ އެވެ. ތަޢުލީމީ މަންހަޖުތަކުގައި ސްކޫލްތަކާއި ކޮލެޖު ޔުނިވާސިޓީތަކުގައި އެ ކިޔަވައިދޭ އެއްޗަކުން ދިރިއުޅެން ދަސްވޭތޯ ވިސްނާލަންޖެހެ އެވެ.

ޤައުމާއެވެ! މި ފެށުނު ހިޖުރީ އަދި ދިރާސީ އާ އަހަރާއެކު، އަހަރެމެންނަށްވެސް ދަރުސްތަކެއް ދީބަލާށެވެ! ދުނިޔެ އެނބުރެނީ ތޮށަލި ދުޅައަށްކަމަށް ފޮތްފޮތުގައި އޮވެ އެވެ. އެހެންނަމަވެސް ދިރިއުޅުމުގެ އެކި ކަންކަން އެއްވަތުމަތީން އަނެއް ވަތު ދަށުން ދާންވީމާ، ކެތްތެރިވެ އެކަންކަމަށް ޝުކުރުކުރަން އަހަރެމެންނަށް އަދިވެސް ދަހެއް ނުވެ އެވެ. ކެތްތެރިކަން، އަހަރެމެންނަށް ކިޔަވައިދޭށެވެ!

މިނިވަންކަމުގެ ފުރިހަމަ ބޭނުން ހިފަމުންދާ މި ޒަމާނުގައި މިނިވަންކަމާއެކު ޚިޔާލު ފާޅުކުރުމަކީ ޙައްޤެއްކަން ނުދަންނަ ބޮޑުމީހަކު ދިވެހިންގެ ތެރޭ ހުރުމަކީ ނާދިރުކަމެކެވެ. އަހަރެމެންނަށް އަދިވެސް ދަސްނުވަނީ، އެފަދަ މިނިވަން ޚިޔާލު ތަހައްމަލުކުރުމުގެ މަސްއޫލިއްޔަތެވެ. މި އާ އަހަރާއެކު އަހަރެމެންނަށް ތަހައްމަލުކުރަން ދަސްކޮށްދޭށެވެ!

މި ޒަމާނަކީ، އެކަކު އަނެކެއްގެ ސިފަ އާއި ފެންވަރާއި، ކުޅެދުންތެރިކަމާއި، މިންތީގެ ތަފާތުތަކަކީ، ތިމާގެ ތަޢައްޞަބުތަކުގެ ތަރަހައަށް ހެދުމުގެ ޒަމާނެއް ނޫނެވެ. އިޖުތިމާޢީ އަދި ނަޞްލީ ސިންދަފާތަކީ ޤައުމު މުއްސަނދިކޮށްދޭ ޚަޒާނާއެއްކަމަށް ބަލައިގަންނަން މުޅި ދުނިޔެވެސް ނަޞީޙަތްތެރިވާ ޒަމާނެވެ. އެހެންނަމަވެސް ނުކުޅެދުންތެރި މީހާއަށް އޯގާވެރިވެ އެއީ ތިމާއެކޭ އެއްފަދަ މީހެއްކަމުގައި ބަލައިގަންނަން އަދިވެސް އަހަރެމެން ޖެހިލުންވަމު އެވެ. އަންހެނަކަށް ބޮތްކެއް ބަދަލުކުރެވިދާނެކަން، ފިރިހެނަކަށް ދަރިފުޅުގެ ޕުއްޕު ދޮއްވިދާނެކަން ބަލައިގަންނަށް އަދިވެސް ދަތިވެ އެވެ. މާލޭ މީހާ ރާއްޖެތެރޭމީހާގެ ބަހުސް އަދިވެސް ނިމުމަކަށް ނާދެ އެވެ. މިއަހަރު އަހަރެމެންނަށް ކުލުނާއި އޯގާތެރިކަން ކިޔަވައިދޭށެވެ.

ލޯތްބަކީ ލަދުވެތި އިހުސާސަކަށް ވަނީ އިޝްޤީ ލޯތްބަށް ނުވާ ޙާލަތްތަކުގައި ހެއްޔެވެ؟ ޤައުމީ ލޯތްބަށް މަލާމާތްކުރަނީ ކީއްވެގެންހެއްޔެވެ؟ މުސްކުޅި މައިންބަފައިންގެ ގާތު ލޯބިވެއޭ ބުނަން ނުކެރެނީ ކީއްވެގެންހެއްޔެވެ؟ މަންމައިންގެ ދުވަހާއި ބައްޕައިންގެ ދުވަހާއި މާމަކާފައިންގެ ދުވަސް އަހަރެމެން ފާހަގަކުރާ އިރު ސޯޝަލް މީޑިއާއަށް ފޮޓޯލާން އަހަރެމެން ލަދެއް ނުގަންނަމު އެވެ. އެހެންނަމަވެސް ހޮސްޕިޓާ އެނދުގައި ތިބޭ މައިންބަފައިންނަށް ހޭހަންކޮށްދެވޭ ވަރަށް ވުރެ އަހަރެމެންގެ ދިރުއުޅުމުގެ އަވަދިނެތިކަން ބޮޑެވެ. މާމަގެ ޕެންޝަން ލާރި އަތުލަން ވީމާ ވަގުތުވެ އެވެ. ކާފަގެ ގޭގައި ގެސްޓުހައުސް އަޅަންވީމާ، އޯގާތެރިވެވެ އެވެ. ދަރިންގެ އުފަންދުވަހު ސޯޝަލް މީޑިއާގައި ފޮޓޯލާން ލޯބިވެ އެވެ. ދަރީންނަށް ޚަރަދުކޮށް، އެކުދިންގެ ޒިންމާ ނަގަން ދަހެއް ނުވެ އެވެ. މި އަހަރު އަހަރެމެންނަށް ޙަޤީޤީ ލޯބިވެސް ދަސްކޮށްދީބަލާށެވެ.

ދިވެހިންނަކީ އެއްބައިވަންތަ ބައެއްކަމަށް ކިޔަވައިދީ އަހަރެމެންގެ ސިކުނޑީގައި އެ ވާހަކަ ވަނީ ކަނޑާނަގާފަ އެވެ. ދިވެހިން ގެންގުޅޭނީ އެއް ވިސްނުމެކެވެ. ވާހަކަ ދައްކާނީ އެއް ބަހަކުންނެވެ. ދީނަކީ އިސްލާމްދީނެވެ. ގެންގުޅެން ބުނަނީ އެއް ވިސްނުމެކެވެ. ފަހަކަށް އައިސް އެ ފިލާވަޅު ފަހުމުކުރަން ދަތިވެ އެވެ. ދިވެހިންނަކީ އެއް ބައެއް ނޫނެވެ. ދިވެހިންނަކީ ވެރިކަން ކުރާ ޕާޓީ އާއި އިދިކޮޅު ޕާޓީއެވެ. ދީނީ މީހުންނާއި ލާދީނީ މީހުންނެވެ. ދިވެހި ބަހަށް ލޯބިކުރާ މީހުންނާއި ބަސްދެކެ ފޫހިވާ މީހުންނެވެ. އެއްބައިވަންތަކަމުގެ އަސާސްތަކަކީ މިއީ ކަމުގައިވާނަމަ، އެ އަސާސްތަކަށް ބަރޯސާވެ، މިއަދުގެ ދިވެހި މުޖުތަމަޢުން އެއްބައިވަންތަކަން ހޯދާނީ ކިހިނެތްހެއްޔެވެ؟ އެގޮތެއްވެސް ދަސްކޮށްދީބަލާށެވެ!

ޤާނޫނުގެ ދިގުއަތޯލަ އެވެ. އެ ނުފޯރާ ހިސާބެއް ނޯވެޔޯލަ އެވެ. އެވެސް ކިޔަވައިދިން އެއްޗެކެވެ. ޤާނޫނާއި ޢަދުލު އިންސާފުގެ ބާރުގެ ވާހަކަ އެވެ. އިންސާފުގެ މަގުގައި ދަތިކަން ވިޔަސް، އިންސާފު ލިބޭނެ ކަމުގެ ވާހަކަ އެވެ. މި ފިލާވަޅު އޮޅިއްޖެ އެވެ. ވާނުވާއެއް ނޭނގޭ ހިސާބަށް ހިނގައްޖެ އެވެ. އިންސާފަށް ލޯބިކުރި، އިންސާފަށް ވަކާލާތު ކުރި އެކުވެރިންނަށް އިންސާފު ނުލިބި އެތަށް އަހަރެއް ވޭތުވެގެންދާއިރު، އިންސާފުގެ މާނަވެސް އޮޅިއްޖެ އެވެ. ތިޔަ ބުނާ މި ޒަމާނުގެ ނުލިބޭ އިންސާފުވެސް އަހަރެމެންނަށް ކިޔަވައިދީބަލާށެވެ!

އާ ފޮތެއް ހުޅުވާލައިފީމެވެ. ގަލަން އަތަށް ހެޔޮވަރުކޮށްލައިފީމެވެ. ދިރާސީ އާ އަހަރާއެކު އަހަރެމެންވެސް މިތިބީ ތައްޔާރަށެވެ. އަހަރެމެންނަށްވެސް ކިޔަވައިދޭށެވެ. މިތިބީ އަޑުއަހައި ދަސްކުރަން ހިތުލައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox