ފުލުހުންގެ އިދާރާ އިސްލާހުކުރަން އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރުމަށް ފުލުހުންގެ ބޯޑުން ނިންމައިފި އެވެ.
"އަދަދު"އަށް ކަށަވަރުވެފައިވާ ގޮތުގައި ޕޮލިސް ބޯޑުން ނިންމީ "ހަތް އޮފިސަރަކު މަގާމުގައި ބައިތިއްބަން ނުފެންނަ" ކަމަށެވެ. ގާނޫނުގައިވާ ގޮތުން އެ ނިންމެވުން ތަންފީޒުކުރައްވާނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ.
ފުލުހުންގެ ލީޑަޝިޕްގައި ތިއްބަވަނީ ގާބިލް ބައެއްތޯ ކަށަވަރުކުރުމުގެ ޒިންމާ ބޯޑާ މަތިކޮށްފައިވަނީ ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުންނެވެ. އަމަލުކުރަން ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭ ފުލުހުންގެ އިދާރާ އިސްލާހުކުރުމުގެ މަސައްކަތް ނިންމުމަށް ގާނޫނުގައި ބުނެފައިވެ އެވެ.
އެ މުއްދަތު ހަމަވީ މިއަދަށެވެ.
ގާނޫނުގައިވާ ގޮތުން ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝާނާ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން، ފުލުހަކަށް ވީތީ އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތޯ ބޯޑުން ބަލަން ޖެހެ އެވެ.

އެފަދަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓުކޮށްފައިވާ އޮފިސަރުންނަކީ އެ މަގާމުތަކަށް ގާބިލު އަދި މަގާމާ އެކަށޭނަ ތައުލީމާއި ހުނަރާއި މަސައްކަތުގެ ތަޖުރިބާއާއި ނަޒާހަތްތެރިކަން ހުރި އޮފިސަރުންކަމާމެދު ޕޮލިސް ބޯޑުން ގޮތެއް ކަނޑައަޅަންޖެހެ އެވެ.
އެގޮތުގެ މަތިން ފުލުހުންގެ ބޯޑުން އިސް އޮފިސަރުންގެ މައްސަލަތައް ބަލައި ނިންމާފައިވަނީ ހަތް އޮފިސަރަކު ވަކިކުރުމަށެވެ. އެގޮތަށް ނިންމާފައިވަނީ އެ އޮފިސަރުން ބޯޑަށް ހާޒިރުކޮށް، މައްސަލަތައް ބަލައި ގާނޫނުގައި ބުނާ ކަންކަމުގެ މައްޗަށް ރިއާޔަތްކުރުމަށްފަހު އެވެ.
މަގާމުން ވަކިކުރަން ނިންމި ހަތް އޮފިސަރުން
- އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ
- އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
- އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދު (ޓޫފޯ)
- ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދު
- ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް
- ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު
- ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް
ވަކިކުރަން ނިންމާފައިވާ ހަތް އޮފިސަރުންގެ ތެރޭ ތިން އެސިސްޓެންޓް ކޮމިޝަނަރުން ހިމެނެ އެވެ. އެއީ، ފަރުހާދު ފިކުރީ އާއި އަހުމަދު މުހައްމަދު (ޓޫފޯ) އަދި މުހައްމަދު ޖަމްޝީދެވެ.
އޭގެއިތުރުން ވަކިކުރަން ނިންމާފައިވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލައާ ގުޅިގެން ސަސްޕެންޑްކުރި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދާއި ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އެވެ. މީގެތެރެއިން ރާއްޖޭން ބޭރުގައި ހުންނެވި ޝުހާދަކީ ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝުކޫރުގެ ދަރި އެވެ.
ފުލުހުންގެ ބޯޑުން ދެން ވަކިކުރަން ނިންމީ ޗީފް ސުޕްރިންޓެންޑެންޓްގެ މަގާމުގައި ހުންނެވި އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ. މީގެތެރެއިން އަބްދުﷲ ޝަރީފަކީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި އިސްކޮށް ފުލުހުންގެ ފަރާތުން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ގާނޫނުގައި ބުނާ ގޮތުން ފުލުހުންގެ ބޯޑުން ނިންމި ނިންމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވުމުން މިހާތަނަށް ތަންފީޒު ކުރެއްވި ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނޫނެވެ.
އާ ގާނޫނުގެ ދަށުން އާއްމު ހަތް މެމްބަރެއްގެ މައްޗަށް އެކުލެވޭ ޕޮލިސް ބޯޑު އައްޔަންކޮށްފައި ވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ. ވަޒީރަށް ލަފާ ދޭ އެންމެ އިސް ފަރާތެއްގެ ގޮތުގައި ގާނޫނުން ކަނޑައަޅާފައިވާ ބޯޑަށް މަތިކޮށްފައިވާ މުހިއްމު ޒިންމާއަކީ އައްޔަންކުރާ ތާރީހުން ފެށިގެން ހަތަރު މަސް ދުވަހުގެ ތެރޭގައި ފުލުހުންގެ އިސް ސަފަށް ހަރުދަނާ ބަދަލުތައް ގެނައުމެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ގާނޫނުގައި ބުނާ މުއްދަތުގައި ފުލުހުންގެ އިސް ސަފަށް ހެޔޮ ބަދަލެއް ގެނައުމަކީ މުއައްސަސާގެ އިތުބާރު ބޮޑުވެގެންދާނެ ކަމެކެވެ.












