ލަންޑަން (އޮގަސްޓް 9) - ޓޮޓެންހަމް ހޮޓްސްޕާސް އިން އިންޓަ މިލާންގެ ފޯވާޑް ލަޓާރޯ މާޓީނޭޒް ގަންނަން ބޮޑު އަގު ހުށަހަޅަން ތައްޔާރަށް އޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އިނގިރޭސި ނޫހެއް ކަަމަށްވާ ދި ޓައިމްސް އިން ރިޕޯޓްކުރާގޮތުގައި ޓޮޓެންހަމް އިން ވަނީ މާޓީނޭޒް ގަންނަން އިންޓައާ އެކު އެއްބަސްވުމަކަށް އަތުވެފަ އެެވެ. ދެ ޓީމުން އެއްބަސްވެފައިވަނީ 60 މިލިއަން ޕައުންޑް (83 މިލިއަން ޑޮލަރު) އަށް މާޓީނޭޒްގެ ޓްރާންސްފާ ކުރިއަށް ގެންދާށެެވެ. އެކަަމަކު، ރަސްމީކޮށް މި ދެ ކްލަބުން ވެސް އަދި ބަހެއް ނުބުނެ އެވެ.
އާ ސީޒަން ފެށެންވާއިރަށް އިންޓަގެ ބައެއް މާލީ ކަންކަން ހަމަޖައްސަން ޖެހޭތީ އެ ޓީމުން ވަނީ ޗެލްސީ އަށް ރޮމެލޫ ލުކާކޫ ވިއްކާލަން ވެސް ނިންމައިފަ އެވެ. އަދި ލުކާކޫ އާއި ލަޓާރޯ އެއްކޮށް ދޫކޮށްލައިގެން މާލީ މައްސަލަތައް ހައްލުކުރެވޭނެ ކަމަށް އިންޓަ މެނޭޖްމަންޓުން ގަބޫލުކުރެ އެވެ. މި ފަހަރުގެ ޓްރާންސްފާގައި އިންޓަ އިން ވަނީ މޮރޮކޯގެ ފުލްބެކް އަޝްރަފް ހަކީމީ 80 މިލިއަން ޑޮލަރަށް ޕީއެސްޖީ އަށް ވިއްކާލައިފަ އެވެ.
އާޖެންޓީނާގެ ރޭސިން ކްލަބްގެ ޔޫތު ޓީމުން ފަށައި ފަހުން އެ ކްލަބްގެ ސީނިއާ ޓީމަށް ތިން އަހަރު ކުޅުމަށް ފަހު މާޓީނޭޒް އިންޓަ އަށް ބަދަލުވީ 2018 ވަނަ އަހަރު 27 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. މީގެ ކުރިން ބާސެލޯނާ އަށް ބަދަލުވުމާ ގާތަށް ދިޔަ މާޓީނޭޒް ވަނީ އިޓާލިއަން ލީގުގައި މިހާތަނަށް ކުޅުނު 100 މެޗުން 37 ގޯލު ޖަހައިފަ އެވެ.
މާޓީނޭޒަކީ އަކީ މިދިޔަ ސީޒަނުގައި އިންޓަ އިން އިޓަލީގެ ޗެމްޕިއަންކަން ހޯދިއިރު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. މި ފަހަރު އާޖެންޓީނާ އިން ކޮޕަ އެމެރިކާ ކާމިޔާބުކުރި ޓީމުގައި ވެސް މާޓީނޭޒް ހިމެނެ އެވެ.
ޓޮޓެންހަމުން މި ފަހަރު ގެނައި ޔުވެންޓަސްގެ ކުރީގެ ސްޕޯޓިން ޑިރެކްޓަރު ފަބިއޯ ޕަރަޓިޗީގެ މަސައްކަތާ އެކު މިހާތަނަށް ފުރިހަމަ ކުރި ތިން ޓްރާންސްފާގެ ތެރެއިން ދެ ކުޅުންތެރިން ހޯދީ އިޓާލިއަން ލީގުންނެވެ. އެއީ އެޓަލަންޓާ އަށް ކުޅުނު ގޯލްކީޕަރު އިޓަލީގެ ޕެރްލުއީޖީ ގޮލީނީ އާއި ޑިފެންޑަރު އާޖެންޓީނާގެ ކްރިސްޓިއަން ރޮމޭރޯ އެވެ. މި ދެ ކުޅުންތެރިން ވެސް ލޯން އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަމަށް ބަދަލުވިއިރު، ރޮމޭރޯގެ އެއްބަސްވުން ދާއިމީ ކުރަން 50 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ.
ޓޮޓެންހަމް އިން ވަނީ ސެވިއްޔާގެ އުއްމީދީ ކުޅުންތެރިޔާ ބްރަޔާން ހިލްގެ ސޮއި ހޯދައިފަ އެވެ. އެއީ 30 މިލިއަން ޑޮލަރުގެ އިތުރުން އެރިކް ލަމޭލާ ސެވިއްޔާ އަށް ދޭ ގޮތަށް ކުރިއަށް ގެންދިޔަ ޑީލެެކެވެ. ހިލް އަކީ މި ފަހަރުގެ އޮލިމްޕިކްސްގެ ރިހި މެޑަލް ހޯދި ސްޕެއިން ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ.
ކޭން ބަހައްޓައިގެން ކުރިއަށް ދިއުމުގެ ވިސްނުމެއް
ޓޮޓެންހަމާ އެކު 2024 އާ ހަމައަށް ކޮންޓްރެކްޓްގައި ހުރި ހެރީ ކޭންގެ މުސްތަގުބަލާ ބެހޭގޮތުން ޓޮޓެންހަމް އިން އަވަހަށް ގޮތެއް ނިންމަން އެ ޓީމުގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ވެސް ވަނީ އެދިފަ އެެވެ. ޓޮޓެންހަމް މެނޭޖްމަންޓްގެ ވިސްނުމަކީ ކޭންއާ އެކުގައި ކުޅުވަން މާޓީނޭޒް ގެނައުމަށެވެ.
އެކަމަކު، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޓޮޓެންހަމްގެ ޑިރެކްޓަރު ޕަރަޓީޗީ އާއި ޗެއާމަން ޑެނިއަލް ލިވީއާ އެކު ކޭންގެ ބައްދަލުވުންތަކެއް ބާއްވާނެ އެވެ. އެ އަށް ފަހު ކޭންގެ މުސްތަގުބަލާ ބެހޭގޮތުން ފައިނަލް ގޮތެއް ނިންމާނެ އެވެ. އެ ބައްދަލުވުމުގައި ޓޮޓެންހަމުން ކޭން ކައިރީގައި އިތުރު އެއް ސީޒަނަށް މަޑުކުރަން އެދޭނެ އެވެ.
ޔޫރޯ ފައިނަލްގައި އިންގްލެންޑް ކުޅުނު މެޗަށް ފަހު އެ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ތިން ހަފްތާގެ ބްރޭކެއް ވަނީ ދީފަ އެވެ. އެ މުއްދަތު ހަމަކުރުމަށް ފަހު ކޭން ޓޮޓެންހަމް ޕްރެކްޓިހަށް ނުކުންނަން ޖެހޭ މުއްދަތުގައި އެކަން އެގޮތަށް ނުކުރެ އެވެ.
އެއީ މެންޗެސްޓާ ސިޓީ އަށް ބަދަލުވާން ވެގެން ގަސްދުގައި ކޭން ޓޮޓެންހަމް ޕްރެކްޓިހަށް ނުނުކުންނަނީ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް ކޭން ވަނީ އެ ވާހަކަތައް ދޮގުކޮށް މިހާރު ޕްރެކްޓިހަށް ނުކުންނަން ފަށައިފަ އެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ކޭން ގަންނަން ޝައުގުވެރިވާ ކަަމަށް ބުނެފަ އެވެ. އަދި އެ ޑީލަށް މި ވަގުތު އޮތް ހުރަހަކީ ޓޮޓެންހަމުން މަޝްވަރާކުރަން ބޭނުންނުވުން ކަމަށް ގާޑިއޯލާ ވަނީ މީޑިއާގައި ބުނެފަ އެވެ.












