ހިޖްރައިގެ ހާދިސާއިން ލިބިދޭ ފިލާވަޅަކީ، ކޮންމެ ފަރުދެއްގެ އިންސާނީވަންތަކަމަށް ހުރުމަތްތެރިކޮށް ހިތައި، އިންސާނީ ކަރާމާތް ދަމަހައްޓަން މަސައްކަތް ކުރުމަކީ، ކޮންމެ މުސްލިމެއްގެ ފަރުދީ ވާޖިބެއްކަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ހިޖްރައިން 1443 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރައީސް ވިދާޅުވީ ހިޖްރައިގެ ހާދިސާއަކީ، އެފަދަ ދެވަނައެއް ނެތް މަތިވެރި ނަމޫނާތަކެއް މުޅި އިންސާނިއްޔަތަށް ދޫކުރެއްވި، މަތިވެރި ހާދިސާއެއް ކަމަށެވެ.
"ހިޖްރީ އާ އަހަރެއްގެ ފެށުން ފާހަގަކުރުމަކީ، ހިޖްރައިގެ ހާދިސާއިން ލިބިދިން އިބްރަތްތަކުގެ އަލީގައި، އަޅުގަނޑުމެންގެ ކުރިމަގު އަލުން ބައްޓަންކުރުމަށް ލިބޭ ނުހަނު އަގުހުރި ފުރުސަތެއް. ހިޖުރައިގެ މަތިވެރި ޒިކުރާއާ ގުޅުވައިގެން މުސްލިމުން ތާރީހު ޖަހަމުން އަންނަނީ، ނަބަވީ ހިޖްރައިން މުޅި އިސްލާމީ އުންމަތަށް ދައްކަވާފައިވާ މަތިވެރި ނަމޫނާތަކުން އިބްރަތް ހާސިލްކުރުމުގެ ބޭނުމުގައި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާން ވިދާޅުވި ގޮތުގައި ނަބަވީ ހިޖްރައިން އިސްލާމީ އުންމަތަށް އުނގަންނައިދިން އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ފިލާވަޅަކީ، ރަހިމުގެ ގުޅުމާއި ގާތްތިމާގެ ކަމުގެ ގުޅުމުގެ އިތުރުން، އެންމެހައި މުސްލިމުންނަކީ، އިންސާނީ އަހުވަންތަކަމާއި، މާތް اللهُގެ އެއްކައުވަންތަކަމުގެ އަގީދާއިން ގުޅިލާމެހިފައި ތިބި ބައެއް ކަމެވެ. ތަރައްގީ އާއި ތަހުޒީބުގެ ގޮތުން މުޅި ދުނިޔެއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން އުންމަތަކަށް، އިސްލާމީ އުންމަތް ވެގެން ދިޔައީ، އެ މަތިވެރި ގުޅުމުގެ މަތީގައި މުސްލިމުން ދެމިތިބުމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއަދު ދުނިޔޭގެ ކުރިމަތީގައި އިސްލާމީ އުންމަތް ނިކަމެތިވެ ބާރުކެނޑިގެން ދިޔައީ، އިސްލާމީ އަހުވަންތަކަމުގެ ގުޅުންތައް ދެމެހެއްޓުމުގައި ފަރުވާ ކުޑަކުރެވުމުގެ ސަބަބުން، އިސްލާމީ އުންމަތް ބައިބައިވެފައިވާތީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ދިވެހި މުޖްތަމައު ވެސް އެކަކު އަނެކަކަށް އިހުތިރާމާއި ލޯތްބާއެކު މުއާމަލާތުކުރާ ބަޔަކަށް މިއަދު ބޭނުންވާކަމުގައި ވިދާޅުވެފަ އެވެ. އަދި ދެކޮޅުވެރިކަމާއި ޒާތީ ހަސަދައާއި ނަފްރަތަށް، ފާޅުގައި ނޫނެކޭ ބުނެ، މުޖްތަމައުގެ ބަދަހިކަމާއި ހަމަޖެހުމަށް މަސައްކަތް ކުރާ ބަޔަކަށް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.











