މި އަހަރުގެ ފުރަތަމަ ކުއާޓާގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވިޔަފާރި ރަނގަޅުވެ، ސާފު ފައިދާއަށް 1.1 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި ސަރުކާރު ކުންފުނިތަކުގެ ކުއާޓަލީ ރިވުއު ދައްކާ ގޮތުގައި، މިއީ މިދިޔަ އަހަރުގެ މި ކުއާޓާއަށް ވުރެ 26 ޕަސެންޓު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ސާފު ފައިދާއަށް ލިބުނު 1.5 ބިލިއަން ރުފިޔާއަށް ވުރެ 419 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
މިދިޔަ އަހަރާ އަޅާ ކިޔާއިރު ފައިދާ ދަށްވި ނަމަވެސް، މިއީ އެ ކުއާޓާގެ ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބުނު ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ ފަހު ތިން ކުއާޓާގައި ކުންފުނިތަކަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނުއިރު، އެ ތިން ކުއާޓާގެ ސާފު ފައިދާ އެއްކޮށްލުމުން ވެސް ލިބުނީ 644 މިލިއަން ރުފިޔާ އެވެ.
ސާފު ފައިދާގެ ތިންބައިކުޅަ އެއްބައި ލިބުނީ ހަތަރު ކުންފުންޏަކުން
ސަރުކާރު ހިއްސާވާ 31 ކުންފުނީގެ ތެރެއިން ފުރަތަމަ ކުއާޓާގައި ފައިދާވީ 16 ކުންފުންޏަކަށެވެ. ގެއްލުނު ލިބުނު ކުންފުނިތަކުގެ ތެރޭގައި ގިނައީ ސަރުކާރުން ދޫކުރާ ކެޕިޓަލް ކޮންޓްރިބިއުޝަންސް (ރައުސުލްމާލަށް ދޫކުރާ ފައިސާ)އިން ހިންގާ ކުންފުނިތަކެވެ. އަދި އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އައިލެންޑް އޭވިއޭޝަން، އާރްޑީސީ އަދި ޕޯސްޓުންނެވެ.
ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ލިބުނީ، ބީއެމްއެލް، ދިރާގު، އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަދި އެސްޓީއޯއަށެވެ. މި ކުންފުނިތަކުން ލިބުނު ފައިދާއަކީ ޖުމްލަ ސާފު ފައިދާގެ ތިން ބައިކުޅަ އެއް ބަޔެވެ. މީގެ އިތުރުން އެމްޓީސީސީ އަދި އެމްއޭސީއެލް އަށް ވެސް ބޮޑު ފައިދާއެއް ލިބުނެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު ނުކުތާތަކުގެ ތެރޭގައި މިހާރު ގެއްލުން ވަމުންދާ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރަން ބުނެފައިވެ އެވެ. އެގޮތުން ސަރުކާރުން ބަޖެޓު ދީގެން ހިންގި ނަމަވެސް މި ކުންފުނިތަކުގެ އޯވާހެޑް ހަރަދުތައް މަދުކުރަން ޖެހޭ ކަމަށް ބުންޏެވެ.










