ބިއްލޫރިޖެހިގޭ ޕާކިން ޒޯންގައި ހުރި ސައިކަލްތަކަކަށް ގެއްލުންދީ ވައްކަން ކުރަން މަސައްކަތް ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެތަނުގައި ހުރި 12 ސައިކަލަކަށް ގެއްލުންދީފައިވާ ކަމަށެވެ. ގިނަ ސައިކަލްތަކުގައި ހުރީ މަޑި ހަލާކުކޮށްލައިގެން ގެއްލުން ދޭން އުޅެފަ އެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނެވެ. މިހާތަނަށް އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އެކަމަކު ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ބިއްލޫރިޖެހިގޭ ޕާކިންއަށް އެންމެ ފަހުން ބަދަލުކުރީ ނީލޯފަރު ހިނގުމުގައި ހުރި ސައިކަލްތަކެވެ. އެއްކޮޅަށް ދުއްވާ އެ ގޯޅީގައި ހުރި ވެހިކަލްތައް ޕާކުކުރަން ބިއްލޫރިޖެހިގޭގެ ޕާކިން ހަދަން ޖެހުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މެއި މަހުގެ ތެރޭގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެންނެވެ.













