ޕެރިސް (އޮގަސްޓް 7) - ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް އެ ކްލަބްގައި މަޑުކުރެވޭތޯ ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވެ، މެސީ ދެން ފެންނާނީ ފްރާންސްގެ ގަދަބާރު ޕީއެސްޖީން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ ޖޫން މަހުގެ ނިޔަލަށް މެސީ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން ވަނީ ހަމަަވެފަ އެވެ. ބާސެލޯނާ އިން މެސީ ލައްވައި އިތުރު ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރަން ހުރިހާ ކަމެއް ނިންމާފައި އޮތް ނަމަވެސް އެ ކްލަބްގެ ހުރިހާ ކުޅުންތެރިންގެ ޖުމްލަ މުސާރަ އިންތިހާ އަށް ބޮޑުވެފައިވާތީ މެސީގެ ކޮންޓްރެކްޓް ގަވާއިދުގެ ތެރެއިން ރަޖިސްޓްރީ ކުރެވޭނެ ގޮތެއް ނެތުމުން ޖެހުނީ އޭނާ ދޫކޮށްލާށެވެ.
އުމުރުން 34 އަހަރުގެ މެސީ އަށް ބާސެލޯނާގައި މަޑުނުކުރެވޭނެ ކަން ޔަގީންވުމާ އެކު ޕީއެސްޖީން ވަނީ އޭނާގެ ސޮއި ހޯދަން ކުރަން ޖެހޭ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންދަން ފަށައިފަ އެވެ. މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ މި ވަގުތު ސިޓީން މެސީ އަށް ވުރެ ފޯކަސް ކުރަނީ ޓޮޓެންހަމް ހޮޓްސްޕާސްގެ ހެރީ ކޭންގެ ޓްރާންސްފާ އަށް ކަމަށް ބުނެފަ އެވެ.
ފްރާންސާއި ގަތަރުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މެސީ މިހާރު ވަނީ ޕީއެސްޖީއާ އެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމައިފަ އެވެ. އެއީ ތިން އަހަރަށް ޖުމްލަ އެކު 120 މިލިއަން ޔޫރޯ (141 މިލިއަން ޑޮލަރު)ގެ މުސާރަ އަކަށެވެ.

ބްރެޒިލްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީ އަށް މެސީ ސޮއިކޮށްފިނަމަ އޭނާ އަށް 10 ނަމްބަރު ޖޯޒީ ދޭން ނޭމާ ހުރީ ތައްޔާރަށެވެ. ޕީއެސްޖީގެ 10 ނަމްބަރު ބޭނުންކުރަނީ ނޭމާ އެވެ. އެކަމަކު، މެސީ ނިންމީ ނޭމާ އަތުގައި 10 ނަމްބަރު ޖޯޒީ ބޭއްވުމަށެވެ. މެސީ އިހުތިޔާރު ކުރާ ޖޯޒީ ނަމްބަރަކީ 19 އެވެ. މިއީ ބާސެލޯނާ އާއި އާޖެންޓީނާގައި އޭނާ ކުރިން ބޭނުންކުރި ޖޯޒީ ނަމްބަރެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީން މިހާރު މަސައްކަތް ކުރަމުން އަންނަނީ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ ހިލާފުނުވެ، މެސީގެ ޓްރާންސްފާ ކަންތައްތައް ނިންމާއިރު، ޕީއެސްޖީން ކުރާން ޖެހޭނެ ކަންކަން ފުރިހަމަ ކުރުމަށެވެ.
މީގެ ކުރިން ވެސް އެފްއެފްޕީއާ ހިލާފުވެގެން ޕީއެސްޖީ އަށް ވަނީ އަދަބެއް ދީފަ އެވެ. ތަކުރާރުކޮށް އެފްއެފްޕީއާ ހިލާފުވާނަމަ ދޭ އަދަބު ފަހަރަކަށް ވުރެ ފަހަރެއް ބޮޑުވާނެ އެވެ. އެހެންވެ، މެސީގެ ކޮންޓްރެކްޓްގެ ކަންކަން ނިންމާއިރު، ގަވާއިދުގެ ތެރެއިން ފުރިހަމަވާން ޖެހޭ ކަންކަމަށް ޕީއެސްޖީން ވަރަށް ބޮޑަށް ސަމާލުވާނެ އެވެ،
އެފްއެފްޕީ ގަވާއިދާ ހިލާފުނުވެ، ޕީއެސްޖީން ކިލިއަން އެމްބާޕޭ ވެސް ދޫކޮށްނުލައި މެސީ ގެންނަނަމަ އިތުރު ކުޅުންތެރިންތަކެއް ދޫކޮށްލަން ޖެހޭނެ އެވެ. އެ ކުޅުންތެރިންގެ ތެރޭގައި ޕީއެސްޖީ އަށް ކުޅެމުން އަންނަ ލެއަންޑްރޯ ޕަރޭޑޭސް، ޕަބްލޯ ސަރާބިއާ، އެންޑަ ހެރޭރާ، އިދްރީސާ ގޭއި އަދި ޑަނީލޯ ޕެރޭރާ ފަދަ ކުޅުންތެރިން ހިމެނެ އެވެ.
މެސީގެ ސޮއި ހޯދިއްޖެނަމަ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީގެ ވިޔަފާރި ވަރަށް ފުރިހަމަވާނެ އެވެ. ޕީއެސްޖީން މި ފަހަރުގެ ޓްރާންސްފާ ބާޒާރު ފެށި ފަހުން ވަނީ ރެއާލް މެޑްރިޑްގެ ސާޖިއޯ ރާމޯސް އާއި އޭސީ މިލާންގެ ޖިއަންލުއީޖީ ޑޮންނަރުންމާ، ލިވަޕޫލްގެ ޖިއޮޖީނިއޯ ވައިނަލްޑަމް އަދި އިންޓަ މިލާނުގެ އަޝްރަފް ހަކީމީގެ ސޮއި ހޯދައިފަ އެވެ. މީގެ ތެރެއިން 70 މިލިއަން ޑޮލަރަށް ގަތް ހަކީމީ ފިޔަވައި ދެން ތިބި ކުޅުންތެރިންގެ ސޮއި ހޯދީ ހިލޭ ޓްރާންސްފާއެއްގަ އެވެ.












