އަނިޔާވެރި ރަސްކަލަކާއި ޙިކުމަތްތެރި ޢިލްމުވެރިއެއްގެ ވާހަކަ

އަނިޔާވެރި ރަސްކަލަކާއި ޙިކުމަތްތެރި ޢިލްމުވެރިއެއްގެ ވާހަކަ

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

އެއް ސަހަރެއްގައި ވަރަށް އަނިޔާވެރި ރަސްކަލަކު އުޅުއްވި އެވެ. އެއްދުވަހަކު އެ ރަސްގެފާނުގެ ދަރުބާރަށް ޢިލްމުވެރިޔަކު ވަޑައިގެންނެވި އެވެ. އެ ޢިލްމުވެރިޔާ އެ ރަސްގެފާނުގެ އަރިއަހުގައި ވިދާޅުވި އެވެ.

"ރައްޔިތުންގެ މައްޗަށް މަނިކުފާނު ވެރިކަންކުރައްވަމުން ތިޔަ ގެންދަވަނީ، ޙައްޤު ގޮތުގައެއްނޫނެވެ."

ޢިލްމުވެރިޔާ މިހެން ވިދާޅުވުމުން، ރަސްގެފާނު ވަރަށް ބޮޑަށް ކޯފާއިސްކުރެއްވި އެވެ. އަދި ޢިލްމުވެރިޔާ ޖަލަށްލުމަށް އަމުރުކުރެއްވި އެވެ.

އެއަށްފަހު، ހަތް އަހަރު ދުވަސް ފާއިތުވެފައިވަނިކޮށް، ޢިލްމުވެރިޔާގެ މަތިން ރަސްގެފާނު ހަނދުމަފުޅުވި އެވެ. ދެން ޢިލްމުވެރިޔާ ހާޒިރުކުރުމަށް އެންގެވި އެވެ.

ރަސްގެފާނުގެ ކުރިފުޅުމައްޗަށް ޢިލްމުވެރިޔާ ހާޒިރުކުރެވުމުން ވިދާޅުވި އެވެ.

"ތިމަން މަނިކުފާނުގެ ކުރިފުޅުމަތީގައި ތިބާ ހަރުކަށި ބަހުން ވާހަކަދެއްކީމެއް ނޫންހެއްޔެވެ؟ އެ ކަމުގެ ސަބަބުން ތިބާ ވަނީ ވަރަށް ބޮޑު ނުރައްކަލަކަށް ހުށަހެޅިފަ އެވެ."

ޢިލްމުވެރިޔާ ވިދާޅުވި އެވެ. "ތިމަންނާއަކީ، ހަރުކަށްޓާއި މަޑުކަށްޓަށް ބެއްލެވުމެއް ނެތި، މަގުއޮޅިފައިވާ މީހުންނަށް ތެދުމަގު ދައްކަވައިދެއްވާ މުރުޝިދަކީމެވެ."

ރަސްގެފާނު ވިދާޅުވި އެވެ. "ތިމަން މަނިކުފާނުގެ ކުރިފުޅުމަތީގައި ތިޔަ ގޮތަށް ވާހަކަދެއްކުމަށް ތިބާއަށް އެންގީ ކާކުހެއްޔެވެ؟"

ޢިލްމުވެރިޔާ ވިދާޅުވި އެވެ. "މި ސަހަރުގެ ރަސްކަމުގެ ތަޚުތުގައި ތިޔަ ގޮތަށް އިށީނދެވަޑައިގަތުމަށް މަނިކުފާނަށް އެންގީ ކާކުތޯ އެވެ؟"

ރަސްގެފާނު ވިދާޅުވި އެވެ. "މި ސަހަރުގެ ރަސްކަމުގެ ތަޚުތުގައި އިށީނދެވަޑައިގަތުމަށް ތިމަން މަނިކުފާނަށް އެންގެވީ، މި ސަހަރާއި މިފަދަ އެހެން ސަހަރުތަކުގެ ރަސްރަސްކަލުންގެ ރަސްގެފާނެވެ."

ޢިލްމުވެރިޔާ ވިދާޅުވި އެވެ. "މަނިކުފާނުގެ ކުރިފުޅުމަތީގައި ވާހަކަދައްކައި މަނިކުފާނަށް ތެދުމަގު ދެއްކުމަށް ތިމަންނާއަށް އަމުރުކުރެއްވީ އެންމެހައި މީސްތަކުންގެ ވެރިރަސްކަލާނގެ އެވެ."

ރަސްގެފާނު ވިދާޅުވި އެވެ. "ރަސްގެފާނު ކުރައްވާ ކަންކަމާމެދު ނުރުހުން ފާޅުކޮށް ފާޑުކިޔާ މީހާ، އޭނާގެ ނަފުސު އެ ހުށަހަޅަނީ ހަލާކަށްކަން ތިބާއަށް ނޭނގެނީ ހެއްޔެވެ؟"

ޢިލްމުވެރިޔާ ވިދާޅުވި އެވެ. "މާތް ﷲ ގެ އަމުރުފުޅުތަކަށް ފުރަގަސްދީ، މީސްތަކުންނަށް އަނިޔާވެރިވާ މީހާ، އޭނާގެ ނަފުސު އެ ހުށަހަޅަނީ މާތް ﷲ ގެ ކޯފާއާއި ޢަޛާބަށްކަން މަނިކުފާނަށް އެނގިވަޑައިނުގަންނަވަނީތޯ އެވެ؟"

ރަސްގެފާނު ވިދާޅުވި އެވެ. "އެހެން ޢިލްމުވެރިން ތިޔަފަދަ ބަސްތައް، ތިމަން މަނިކުފާނުގެ ކުރިފުޅުމަތީގައި ވިދާޅެއްނުވެ އެވެ!"

ޢިލްމުވެރިޔާ ވިދާޅުވި އެވެ. "އެއީ، މަނިކުފާނުގެ އަނިޔާވެރިކަން ބޮޑުކަމުން އެއުރެން މަނިކުފާނު ދެކެ ބިރުގަންނާތީ އެވެ! މަނިކުފާނު، ހަތް އަހަރު ވަންދެން އެއުރެން ޖަލުގައި ހައްޔަރުކުރައްވާފާނެތީ އެއުރެން ޖެހިލުންވެ އެވެ! މަނިކުފާނު ދެކެ ބިރުގަތުމާއި، މަނިކުފާނުގެ އަނިޔާވެރިކަމަށް ޖެހިލުންވުމަށްވުރެ، ޔޫސުފުގެފާނު ފަދައިން ހަތް އަހަރު ޖަލުގައި އޮތުން ތިމަންނާއަށް މާރަނގަޅެވެ."

ޢިލްމުވެރިޔާ މިހެން ވިދާޅުވުމުން، ރަސްގެފާނުގެ ހިތްޕުޅު މަޑުމޮޅިވި އެވެ. ދެން ވިދާޅުވި އެވެ. "ތިބާ ބޭނުން ކަމެއް ބުނާށެވެ! އެ ކަމެއް ކޮށްދެއްވާނަމެވެ."

ޢިލްމުވެރިޔާ ވިދާޅުވި އެވެ. "ތިމަންނާއަކީ ޢުމުރުން ދުވަސްވެފައިވާ މުސްކުޅިއަކީމެވެ. ތިމަންގެ ޒުވާންކަން ތިމަންނާއަށް އަނބުރާ ރައްދުކޮށްދެއްވާށެވެ!"

ރަސްގެފާނު ވިދާޅުވި އެވެ. "ތިޔަ ކަން ކުރުމުގެ ކުޅަދާނަކަމެއް ތިމަން މަނިކުފާނުގެ ކިބަޔަކު ނެތެވެ."

ޢިލްމުވެރިޔާ ވިދާޅުވި އެވެ. "އެހެންކަމަށްވަނީނަމަ، ތިމަންނާ މަރުނުވާނެ ގޮތް ހައްދަވައިދެއްވާށެވެ!"

ރަސްގެފާނު ވިދާޅުވި އެވެ. "ތިޔަ ކަން ކުރުމުގެ ކުޅަދާނަކަމެއް ވެސް ތިމަން މަނިކުފާނުގެ ކިބަޔަކު ނެތެވެ."

ޢިލްމުވެރިޔާ ވިދާޅުވި އެވެ. "އެހެންކަމަށްވަނީނަމަ، ތިމަން މިދަނީ އެ ކަންކަން ކޮށްދެއްވުމަށް ކުޅަދުންވަންތަ ފަރާތެއްގެ ޙަޟުރަތަށް ކުއްތަންވެ، އެ ކަންކަމަށް އެދި ދެންނެވުމަށެވެ."

ރަސްގެފާނު ވިދާޅުވި އެވެ. "މި ތަނުން އެހެން ތަނަކަށް ދިއުމުގެ ކުރިން، ތިމަން މަނިކުފާނަށް ކޮށްދެވޭނެވަރުގެ ކަމަކަށް އެދޭށެވެ!"

އެ ހިނދު، ރަސްގެފާނުގެ އަޅަކު އެ ތަނަށް ދިއުމުން ޢިލްމުވެރިޔާ ވިދާޅުވި އެވެ. "ތިމަން މިއަދު އިތުރު ކަމަކަށް އެދެންޏާ އެދޭނީ މަނިކުފާނުގެ ކިބަޔަކުން ނޫނެވެ. އެކަމަކު މި އަޅު މީހާގެ ކިބައިންނެވެ."

ރަސްގެފާނު ވިދާޅުވި އެވެ. "ތިމަން މަނިކުފާނުގެ ކިބައިން ކަމަކަށް އެދުމުގެ ބަދަލުގައި، ތިމަން މަނިކުފާނުގެ އަޅެއްގެ ކިބައިން ކަމަކަށް އެދެނީ ހެއްޔެވެ؟ ތިޔަ ހާމަކުރެވުނީ ތިބާގެ ޖާހިލުކަން ނޫންހެއްޔެވެ؟"

ޢިލްމުވެރިޔާ ވިދާޅުވި އެވެ. "މަނިކުފާނުގެ އަޅެއްގެ ގާތުން ތިމަންނާ ކަމަކަށް އެދެންއުޅުނީމާ، ކޯފާއިސްކުރައްވަނީތޯ އެވެ؟ މާތް ﷲ ގެ ޙަޟުރަތަށް ކަމަކަށް އެދި ދެންނެވުމުގެ ބަދަލުގައި، މަނިކުފާނުގެ އަރިއަހުން ކަމަށް އެދޭއިރު، އެކަލާނގެ ކޯފާވެވޮޑިގެންފާނެތީ ބިރުވެތިވާން ޖެހެ އެވެ. މަނިކުފާނަކީ، އެކަލާނގެ އަޅުތަކުންގެ ތެރެއިން ނިކަމެތި އަޅެކެވެ."

ރަސްގެފާނު ވިދާޅުވި އެވެ. "މިއަދު ތިބާއަށް ކޮންމެވެސް ކަމެއް ކޮށްދެއްވަން ބޭނުންފުޅެވެ. ކަމަކަށް އެދޭށެވެ!"

ޢިލްމުވެރިޔާ ވިދާޅުވި އެވެ. "މަނިކުފާނުގެ ބުރަކަށިފުޅުމަތީގައި ތިން ބަސްތާ ގޮދަން އުފުއްލަވައިދެއްވާށެވެ!"

ރަސްގެފާނު ވިދާޅުވި އެވެ. "ތިޔައީ ތިމަން މަނިކުފާނަށް ކުރެއްވޭނެ ވަރުގެ ކަމެއް ކަމުގައި ވީނަމަ، މިއަދު ތިޔަ ކަން ކޮށްދެއްވީމުހެވެ."

ޢިލްމުވެރިޔާ ވިދާޅުވި އެވެ. "މަނިކުފާނުގެ ބުރަކަށިފުޅު މަތީގައި އެންމެ ތިން ބަސްތާ ގޮދަން އުފުއްލެވުމަށް މަނިކުފާނު ކުޅަދާނަފުޅު ނޫންކަން ސާބިތުވީތާ އެވެ! މި ސަހަރުގެ ރައްޔިތުންނަށް މަނިކުފާނު ކުރައްވަމުން ތިޔަ ގެންދަވާ އަނިޔާތަކުގެ ގިނަކަން ހަނދުމަފުޅުކުރައްވާށެވެ! އޭގެ ޖަޒާ، އުފުއްލެވުމަށް އާޚިރަތްދުވަހު މަނިކުފާނު ކުޅަދާނަފުޅުވާނެތޯ އެވެ؟"

އެ ދުވަހު ރަސްގެފާނުގެ ކުރިފުޅުމަތީގައި ޢިލްމުވެރިޔާ ދެއްކެވި މިފަދަ ވާހަކަފުޅުތަކުން، އެ މަނިކުފާނުގެ ޙާލަތު ހުރިގޮތް އެ މަނިކުފާނަށް އެނގިވަޑައިގަތެވެ. ދެން މާތް ﷲ ގެ ޙަޟުރަތަށް ކުއްތަންވެވަޑައިގަތުމާއި ތައުބާވެވަޑައިގަތުމުގެ އެދުންފުޅު ހިތްޕުޅުގައި ގަދަވި އެވެ. ދެންފަހެ، އެ މަނިކުފާނުގެ މިލްކުގައިވާ އެންމެހައި އަޅުން މިނިވަންކުރެއްވި އެވެ. އަދި ފަޤީރުންނަށް ޞަދަޤާތް ދެއްވައި، އިތުރު ހެޔޮ ޢަމަލުފުޅުތައް ކުރައްވަން ފެށްޓެވި އެވެ.

ލޮބުވެތި ކިޔުންތެރިންނޭވެ! މި ވާހަކައިން ޢިބްރަތް ޙާޞިލުކުރައްވާށެވެ! އަޅުގަނޑުމެންނަކީ ވަކި އިމެއްގެ ތެރޭގައި މެނުވީ ކަންކަން ކުރެވޭނެ ބަޔެއް ނޫނެވެ. އެ ކަންކަން ކުރެވޭނީ ވެސް މާތް ﷲ ގެ އިރާދަފުޅާއެކުގަ އެވެ... މި ދުނިޔޭގައި ދިރިއުޅޭއިރު ކުރެވޭ ފާފަތަކަށް ތައުބާވާންޖެހެ އެވެ. ނޫންނަމަ، އާޚިރަތުގައި އޭގެ ޖަޒާ ތަޙައްމުލުކުރަންޖެހޭނެ އެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox