ލަންޑަން (އޮގަސްޓް 6) - މެންޗެސްޓާ ސިޓީން މި ވަގުތު ލިއޮނަލް މެސީގެ ކަންކަމަށް ވިސްނުމަށް ވުރެ ފޯކަސް ކުރަނީ ޓޮޓެންހަމް ހޮޓްސްޕާސްގެ ތަރި ހެރީ ކޭންގެ ޓްރާންސްފާގެ ކަންތައްތަކަށް ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ބާސެލޯނާގައި މެސީ މަޑުކުރެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި ނަމަވެސް އެ ކްލަބްގެ މާލީ ހާލަތު އޮތްގޮތުން އެކަން ކާމިޔާބުވާ ގޮތެއް ނުވެ، އެންމެ ފަހުން މެސީ ދޫކޮށްލަން ނިންމާފައިވާ ކަމަށް ރޭ ބާސެލޯނާ އިން އިއުލާނުކުރި އެވެ. އެއާ އެކު މެސީ ދެން ބަދަލުވާނެ ކްލަބެއްގެ ވާހަކަތައް މީޑިއާގައި ދެކެވެމުން ދިޔައިރު، ސިޓީ އަކީ އޭގެއިން އެއް ޓީމެވެ. ސްޕެއިނުގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި މެސީ ހޯދަން ގާޑިއޯލާގެ ސިޓީން މަސައްކަތް ކުރެ އެވެ.
އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވަން މާދަމާރޭ ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ މެސީގެ ޓްރާންސްފާއާ މެދު މި ވަގުތު ސިޓީން ނުވިސްނާ ކަމަށެވެ.
"މެސީގެ ޓްރާންސްފާ ކަންތައްތައް ދިޔަ ގޮތަކީ އަހަރެން ވެސް ހައިރާންވި ކަމެއް. އެކަމަކު ލަޕޯޓާ (ބާސެލޯނާގެ ރައީސް) މިއަދު އެ އޮޅުންފިލުވައިދިނީ ކަންތައްތައް ދިޔަ ގޮތް. މި ވަގުތު އަހަރެމެންގެ (ސިޓީގެ) ވިސްނުމަކު ނެތް މެސީގެ ޓްރާންސްފާގެ ކަމެއް. އެއީ އަހަރެމެންނަށް (ކުޅުންތެރިން ވިއްކައިގެން) ލިބެން އޮތް ފައިސާ އަށް ބަަލައި ގްރީލިޝް ގަނެފިން،" ގާޑިއޯލާ ބުންޏެވެ.
މެސީ ދެން ބަދަލުވުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ފްރާންސްގެ ޕީއެސްޖީ އަށެވެ. ކުރިން ޓޮޓެންހަމަށް ކޯޗުކޮށްދިން މިހާރު ޕީއެސްޖީއާ ހަވާލުވެ ހުރި މައުރީސިއޯ ޕޮޗެޓީނޯ ބުނީ މެސީ އަށް ޝައުގުވެރިވާ ވާހަކަ މީޑިއާގައި ދެކެވުނު ކަމަށާއި އެއް ވާހަކަތަކެއް ތަކުރާރުނުކޮށް މާދަމާ ފަށާ ފްރާންސްގެ ލީގުގެ ފުރަތަމަ މެޗަށް ފޯކަސް ކުރަން ބޭނުންވާ ކަމަށެވެ.

ބާސެލޯނާގެ މެޗެއްގެ ތެރެއިން މެސީ (ކ) އާއި ގާޑިއޯލާ: މި ވަގުތު މެންޗެސްޓާ ސިޓީން މެސީގެ ޓްރާންސްފާއާ މެދު ނުވިސްނާ.
ސިޓީން މި ފަހަރުގެ ޓްރާންސްފާގައި ދެން ގެންނަން ބޭނުންވާ އެއް ކުޅުންތެރިއަކީ ކޭން އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ވަނީ ކޭން އަށް ސިޓީން ޝައުގުވެރިވާ ކަމަށް ބުނެފަ އެވެ.
"ޓޮޓެންހަމް އިން މަޝްވަރާކުރަން ތައްޔާރަށް ހުރިއްޔާ އަހަރެމެން ވެސް މި ހުރީ އެކަން ކުރިއަށް ގެންދަން ތައްޔާރަށް. ކޭން އަށް އަހަރެމެން ޝައުގުވެރިވޭ،" ގާޑިއޯލާ ބުންޏެވެ.
މިދިޔަ ސީޒަންގެ ފަހުކޮޅުގައި ކޭން ވަނީ އެ ޓީމު ދޫކޮށްލަން ބޭނުންވާކަން ކްލަބްގެ ވެރިންނަށް ރަސްމީކޮށް އަންގައިފަ އެވެ.
މި ދިޔަ މެއި މަހު ސިޓީން ވަނީ ކޭން ގަންނަން 100 މިލިއަން ޕައުންޑު (140 މިލިއަން ޑޮލަރު)ގެ ބިޑެއް ހުށަހަޅައިފަ އެވެ. ޓޮޓެންހަމުން ކޭން ވިއްކާލަން ކިޔާ އަގު އުޅެނީ 150 މިލިއަން ޕައުންޑް (200 މިލިއަން ޑޮލަރު)ގަ އެވެ. އެކަމަކު، އަދިވެސް ސިޓީއާ އެކު ރަސްމީކޮށް ކޭން ވިއްކާލުމުގެ ވާހަކަތައް ދައްކަން ޓޮޓެންހަމުން ބޭނުމެއް ނުވެ އެވެ.
ޓޮޓެންހަމްގެ ޕްރެކްޓިހަށް ނުކުންނަން ކޭން ދެކޮޅެއް ނުހަދާ
ޔޫރޯ ފައިނަލްގައި އިންގްލެންޑް ކުޅުނު މެޗަށް ފަހު އެ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ތިން ހަފްތާގެ ބްރޭކެއް ވަނީ ދީފަ އެވެ. އެ މުއްދަތު ހަމަކުރުމަށް ފަހު ކޭން މިދިޔަ ހަފްތާގައި ޓޮޓެންހަމް ޕްރެކްޓިހަށް ނުކުންނަން ޖެހެ އެވެ. އެހެން ނަމަވެސް ކޭން މިހާތަނަށް ޕްރެކްޓިހަށް ހާޒިރެއް ނުވެ އެވެ. އެއީ ސިޓީ އަށް ބަދަލުވާން ވެގެން ގަސްދުގައި ކޭން ޓޮޓެންހަމް ޕްރެކްޓިހަށް ނުނުކުންނަނީ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނެވެ.

ޓޮޓެންހަމްގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ކޭން އުފާފާޅުކުރަނީ.-- ފޮޓޯ: ޕްރޯ ޝޮޓްސް
އުމުރުން 28 އަހަރުގެ ކޭން މިިއަދު ޓްވިޓާގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ޕްރެކްޓިހަށް ނުކުންނަން އެއްވެސް އިރެއްގައި ދެކޮޅު ހަދާފައިނުވާނެ ކަމަށެވެ.
"އަހަރެންގެ ޕްރޮފެޝަނަލްކަމާ މެދު ސުވާލު އުފައްދާފައިވާތީ ހިތާމަކުރަން. ވަކި މައުލޫ އަކަށް ސީދާ ވާހަކަ ދައްކަން ނެތިން. އަހަރެން ސާފުކޮށް ބުނެލަން ބޭނުންވާ ވާހަކަ އަކީ އެއްވެސް އިރެއްގައި ކްލަބާ އެކު ޓްރެއިނިން އަށް ނުުނިކުންނަން ނިންމާފައެއް ނުވާނެ. އެކަމަށް ދެކޮޅެއް ނުހަދަން. އަހަރެން ރޭވި ގޮތަށް މާދަމާ ޓީމުގެ ޕްރެކްޓިހަށް ނުކުންނާނަން،" ކޭން ބުންޏެވެ.
ގިނަ އަހަރުތަކެއް ވަންދެން ޓޮޓެންހަމަށް ކުޅުނު ކޭން ބުނީ އޭނާ އާއި ކްލަބްގެ ސަޕޯޓަރުންނާ ދެމެދު އޮތް ރަނގަޅު ގުޅުން ގޯސްވާނެ ފަދަ ގޮތަކަށް ކަންތައް ކުރަން އެއްވެސް އިރަކު ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
ޓޮޓެންހަމާ އެކު 2024 އާ ހަމައަށް ކޮންޓްރެކްޓްގައި ހުރި ކޭންގެ މުސްތަގުބަލާ ބެހޭގޮތުން އަވަހަށް ގޮތެއް ނިންމަން ޓޮޓެންހަމްގެ އާ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ވަނީ އެ ކްލަބްގެ މެނޭޖްމަންޓް ކައިރިން އެދިފަ އެވެ. ނޫނޯ އެންމެ ފުރަތަމަ ބުނީ ކޭން އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށެވެ. އެކަމަކު، ކޭން ކްލަބް ބަދަލުކުރުމުގެ ވިސްނުން ބަދަލުނުކުރާތީ ފަހުން ނޫނޯ ވަނީ ކްލަބްގެ މެނޭޖްމަންޓް ބޭނުންވާ ގޮތަކަށް ކުރިއަށްދާން ނިންމައިފަ އެވެ.
އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވާ ޝީލްޑް މެޗުގައި ސިޓީ އާއި ލެސްޓާ ބައްދަލުކުރާ މެޗު އޮންނާނީ މާދަމާރޭ ރާއްޖެ ގަޑިން 21:15 ގަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ސިޓީ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޓޮޓެންހަމާ އެވެ. އެ މެޗުގައި ކޭން ކުޅުމުގެ ފުރުސަތު ކުޑަ އެވެ. އެއީ އެކަށީގެންވާ ވަގުތުގެ ޕްރީ ސީޒަން ޕްރެކްޓިސް ނުކުރެވޭނެތީ އެވެ. އެ މެޗު އޮތީ މި މަހު 15 ވަނަ ދުވަހު އެވެ.












