ބާސެލޯނާ (އޮގަސްޓް 6) - ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އެ ކްލަބްގައި މަޑުކުރެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި ނަމަވެސް މާލީ ހާލަތު އޮތްގޮތުން އެކަން ކާމިޔާބުވާ ގޮތެއް ނުވެ، އެންމެ ފަހުން މެސީ ދޫކޮށްލަން ނިންމާފައިވާ ކަމަށް ބާސެލޯނާ އިން އިއުލާނުކޮށްފި އެވެ.
މިދިޔަ ޖޫން މަހުގެ ނިޔަލަށް މެސީ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން ވަނީ ހަމަަވެފަ އެވެ. ރަސްމީ ހައިސިއްޔަތުން ބަލާނަަމަ ޖުލައި އެއް ވަނަ ދުވަހުން ފެށިގެން މެސީ އަކީ އެއްވެސް ކްލަބެއްގެ ކުޅުންތެރިއެއް ނޫނެވެ.
ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާއާ އެކު މިދިޔަ މެއި މަހު ބޭއްވި ބައްދަލުވުންތަކަށް ފަހު އުމުރުން 34 އަހަރުގެ މެސީ ބާސެލޯނާގައި އިތުރު ފަސް އަހަރަށް މަޑުކުރަން ނިންމީ 50 ޕަސެންޓް ކުޑަ މުސާރައެއް ލިބޭ ގޮތަށް ކްލަބްގެ މާލީ ހާލަތަށް ބެލުމަށް ފަހު އެވެ. ދާދި ފަހަކާ ޖެހެންދެން މެސީ ބާސެލޯނާގައި މަޑުކުރެވޭނެ ގޮތެއް ހޯދަން މާލީ ކަންތައްތަކާ ބެހޭ އެކި ކުންފުނިތަކާ އެކު ބާސެލޯނާ އިން މަޝްވަރާތައް ބޭއްވި އެވެ.
މެސީ ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއިކުރަން ބާސެލޯނާ އިން ބެލިއިރު، އެންމެ ބޮޑު މައްސަލަ އަކަށް ދިމާވީ ބާސެލޯނާގެ ހުރިހާ ކުުޅުންތެރިިންގެ ޖުމްލަ މުސާރަ އިންތިހާ އަށް ބޮޑުވެފައިވުމެވެ. އަދި ޔޫރަޕިއަން ސުޕަ ލީގުގައި ބާސެލޯނާ ދެމި އޮންނަން ނިންމި މައްސަލައިގައި ލަލީގާ އިން ވެސް އޮތީ ބާސެލޯނާ އަށް އެއްވެސް ކަމެއްގައި ދުލެއް ދޭ ގޮތަކަށް ނޫނެވެ.
ބާސެލޯނާ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެސީ ލައްވައި އާ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވީ ނަމަވެސް ލަލީގާގެ މާލީ ގަވާއިދުތަކުގެ އުސޫލުތަކުގެ ތެރެއިން މި ވަގުތު ބާސެލޯނާ އަށް މެސީގެ ކޮންޓްރެކްޓް ކަންކަން ނިންމެން ނެތް ކަމަށެވެ.
"މީގެ ނަތީޖާ އަކީ މެސީ ބާސެލޯނާގައި މަޑުނުކުރުން. ވަރަށް ހިތާމައާ އެކު ބުނަން ޖެހެނީ މެސީ އާއި ކްލަބުން ބޭނުންވި ގޮތަކަށް ނޫން މިކަން މިދިޔައީ،" ބާސެލޯނާ އިން ނެރުނު ބަޔާނުގައިވެ އެވެ.
މެސީ މަޑުކުރުވަން ބެލިއިރު، ބާސެލޯނާ އަށް ދިމާވި އަނެއް މައްސަލަ އަކީ އެ ކްލަބުން ބޭނުންވި އަގުގައި މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބައެއް ކުޅުންތެރިން ވިއްކައިނުލެވުމެވެ.
ބާސެލޯނާ އިން ބޮޑު އަގުގައި ވިއްކާލެވޭތޯ ބެލި ކުޅުންތެރިންގެ ތެރޭގައި އޮންޓޮއިން ގްރީޒްމަން އާއި ސެމިއުލް އުމްޓީޓީ އަދި ފިލިއްޕޭ ކުޓީނިއޯ ހިމެނެ އެވެ. މީގެއިން ކުޅުންތެރިއަކު ލޯން އެއްބަސްވުމެއްގެ ދަށުން އެހެން ކްލަބަކަށް ދީގެން ވެސް ބާސެލޯނާ އަށް މާލީ ގޮތުން ލުޔެއް ލިބެން ނެތް ސަބަބަކީ މުސާރައިގެ ވަކި ޕަސެންޓެއް ބާސެލޯނާ އިން ދައްކާ ގޮތަށް ޑީލް ކުރިއަށްދާން އޮތުމުންނެވެ.
އެއް އަހަރު ފަހުން ވެސް މެސީ މައްސަލައިގައި ބާސެލޯނާ އަށް ހައްލެއް ނުހޯދުނު
ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން މިދިޔަ އަހަރު މެސީ ވަނީ އިއުލާނުކޮށްފަ އެވެ. އެއީ އޭރު އެ ކްލަބްގެ އިސްވެރިންގެ ގޮތުގައި ތިބި ކްލަބްގެ އޭރުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއުގެ ލީޑަޝިޕާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިގެންނެވެ. އެކަމަކު މެސީ އެދުނު ގޮތަށް އޭނާ ވިއްކާލަން ބާޓޮމެއު ދެކޮޅު ހެދި އެވެ. ބާސެލޯނާ އިން މިދިޔަ ސީޒަން ފެއްޓިއިރު، މެސީ މަޑުކުރުވީ ބާރުގެ ބޭނުން ކޮށްގެންނެވެ.
މިދިޔަ އަހަރު އޮގަސްޓް މަހުގެ 26 ވަނަ ދުވަހު މެސީ ބާސެލޯނާ ދޫކޮށްލަން ހުށަހެޅީ ހިލޭ ޓްރާންސްފާއެއްގަ އެވެ. އެއީ ކޮންޓްރެކްޓްގައިވާ ވަކި މައްދާއެއްގެ ދަށުންނެވެ. އެކަމަކު ބާސެލޯނާ އިން ބުނީ ކޮންޓްރެކްޓްގައިވާ އެ މާއްދާގެ މުއްދަތު ޖޫން 10 ވަނަ ދުވަހު ހަމަވެފައިވާ ކަމަށެވެ.
ބާސެލޯނާގެ ވާހަކަތަކަށް ތާއީދުކޮށް ސްޕެނިޝް ލީގުން ވެސް ވަނީ މެސީ އަށް ކްލަބް ބަދަލުކުރެވޭނީ އޭނާ ގެންދަން ބޭނުންވާ ކްލަބަކުން 700 މިލިއަން ޔޫރޯ (624 މިލިއަން ޑޮލަރު) ދެއްކުމުން ކަމަށް ބުނެފަ އެވެ. ލަލީގާ އާއި ބާސެލޯނާ އިން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މެސީ އަށް ކްލަބް ބަދަލުކުރެވޭނީ އެ އަގު ދައްކައިގެން ކަމަށް ބުނަމުންދިއުމާ އެކު މެސީ އެންމެ ފަހުން ކްލަބްގައި މަޑުކުރަން ނިންމީ އެވެ.
މި އަހަރު ކުރީކޮޅުގައި ލަޕޯޓާ ބާސެލޯނާގެ ރައީސަކަށް އިންތިހާބުވުމުން މެސީ ވަރަށް ބޮޑަށް ކްލަބްގައި މަޑުކުރަން ހިތްޖެހުނެވެ. ލަޕޯޓާ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހުރީ މެސީ ކްލަބްގައި މަޑުކުރެވޭނެ ކަމުގެ އުއްމީދުގަ އެވެ. އެކަމަކު، އެހެން އެކަމެއް ނުވި އެވެ.
އެކާވީސް އަހަރަށް ފަހު މެސީ ބާސެލޯނާ ދޫކޮށްލާނެކަން ކަށަވަރު ވެފައިވާއިރު، އޭނާ ވަނީ އެ ޓީމަށް 778 މެޗުން 672 ގޯލު ޖަހައިދީފަ އެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހަ ފަހަރެއްގެ މަތިން ހޯދި މެސީ ވަނީ ބާސެލޯނާއާ އެކު ސްޕެނިޝް ލީގު 10 ފަހަރާއި ހަތަރު ޗެމްޕިއަންސް ލީގާއި ހަތް ކޮޕަ ޑެލް ރޭ ތަށި ހޯދައިފަ އެވެ. އަދި ތިން ޔުއެފާ ސުޕަ ކަޕާއި ކްލަބް ވޯލްޑް ކަޕް ތަށި އުފުލާލި އެވެ.
އުމުރުން 13 އަހަރުގައި ބާސެލޯނާގެ ޖޯޒީގައި ފެންނަން ފެށި މެސީ ދެން ބަދަލުވާނެ ކްލަބެއްގެ ވާހަކަ މީޑިއާގައި މިހާރު ދެކެވެމުން އަންނައިރު، މެންޗެސްޓާ ސިޓީ އާއި ޕީއެސްޖީން މީގެ ކުރިން މެސީ ގެންނަން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.
މެސީ މި ވަގުތު ހިލޭ ޓްރާންސްފާއެއްގައި ކޮންމެ ޓީމަކާ ގުޅެވޭ ގޮތަށް އޮތްއިރު، މުސާރަ ބޮޑުކޮށް އޭނާ ގެންދިއުމުގެ ފުރުސަތު ބޮޑުވާނީ ސިޓީ އަށެވެ. އެއީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީން ބޮޑު މުސާރައިގައި ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައިވާތީ އެވެ.












