މިލާން (އޮގަސްޓް 5) - ޗެލްސީ އިން ފާރަލަމުން އަންނަ ރޮމެލޫ ލުކާކޫ އެއްވެސް އަގެއްގައި ނުވިއްކާނެ ކަމަށް އިންޓަ މިލާނުން އިއުލާންކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީސް، ކްލަބް ދޫކޮށްލަން ބޭނުންވާކަން ލުކާކޫ އިންޓަ އަށް އަންގާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ލުކާކޫ ގަންނަން އޭނާގެ ކުރީގެ ކްލަބް ޗެލްސީން މިހާތަނަށް ކުރި ދެ ބިޑު ވެސް އިންޓަ އިން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. ޗެލްސީން ލުކާކޫގެ ސޮއި ހޯދަން ތިން ވަނަ ބިޑެއް ކުރަން ތައްޔާރުވަމުން އަންނައިރު، ސްކައި އިޓާލިއާ އިން ރިޕޯޓްކުރާގޮތުގައި ލުކާކޫ ވަނީ އޭނާ ޗެލްސީ އަށް ދާން ފުރުސަތު ދޭން އިންޓަ ކައިރިން އެދިފަ އެވެ.
ޗެލްސީން އެންމެ ފުރަތަމަ ލުކާކޫ ގަންނަން އިންޓަ އަށް ހުށަހެޅީ 80 މިލިއަން ޔޫރޯ (94 މިލިއަން ޑޮލަރު)ގެ ބިޑެކެވެ. މާ ގިނައިރުތަކެއް ނުވެ ޗެލްސީން އެ ބިޑް އަނބުރާ ފޮނުވާލި އެވެ. އޭގެ ފަހުން ޗެލްސީން ހުށަހެޅީ 100 މިލިއަން ޔޫރޯ (118 މިލިއަން ޑޮލަރު) އާއި ސްޕެއިންގެ ފުލްބެކް މާކޯސް އަލޮންސޯ އެވެ. އެ ޑީލަށް ވެސް އިންޓަ އިން ވަނީ ނޫނެކޭ ބުނެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ޗެލްސީން ދެން ހުށަހަޅަން ވިސްނަނީ 110 މިލިއަން ޔޫރޯ (130 މިލިއަން ޑޮލަރު) އާއި ސްޕެއިނުގެ ފުލްބެކް މާކޯސް އަލޮންސޯ އާއި ބެލްޖިއަމްގެ ފޯވާޑް މިޝީ ބަޓްޝުއާޔީ ހިމެނޭ ބިޑެކެވެ. އިޓަލީގެ ރިޕޯޓްތައް ބުނާގޮތުން ބަޓްޝުއާޔީގެ ބަދަލުގައި އިންޓަ އިން ބޭނުންވަނީ މި ޑީލްގައި ޑޭވިޑޭ ޒަޕަކޯސްޓާ ހިމަނާށެވެ.
ބެލްޖިއަމްގެ އެންޑަލެކްޓް ޓީމުން ޒުވާން އުމުރުގައި ވިދާލި ލުކާކޫ އެންމެ ފުރަތަމަ ބޮޑު ކްލަބަކާ ގުޅުނީ 2011 ވަނަ އަހަރު ޗެލްސީއާ އެވެ. ޗެލްސީގެ ކޮންޓްރެކްޓްގައި ހުރެ، ދެ ސީޒަނެއްގައި ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓް ބްރޮމްވިޗް އަލްބިއަން އާއި އެވަޓަން އަށް ކުޅުނެވެ.
ޗެލްސީ ދޫކޮށް ދާއިމީ އެއްބަސްވުމެއްގެ ދަށުން ލުކާކޫ އެވަޓަން އަށް ވިއްކާލީ 2014 ވަނަ އަހަރު 38 މިލިއަން ޑޮލަރަށެވެ. އޭގެ ފަހުން މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކުޅުމަށް ފަހު ލުކާކޫ އިންޓަ އަށް ބަދަލުވީ މީގެ ދެ އަހަރު ކުރިންނެވެ. އޭނާ އަކީ މިދިޔަ ސީޒަނުގައި އިންޓަ އިން އިޓަލީގެ ޗެމްޕިއަންކަން ހޯދިއިރު، އެ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ.
ރޭ ޕްރީ ސީޒަން މެޗެއްގައި ޓޮޓެންހަމާއި ޗެލްސީ 2-2 އިން އެއްވަރުވި މެޗަށް ފަހު ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ލުކާކޫ އަކީ ޗެލްސީ ޓީމުގައި ނެތް ކުޅުންތެރިއެއް ކަމަށާއި އެހެން ޓީމެއްގެ ކޮންޓްރެކްޓެއްގައި ހުރި ކުޅުންތެރިއަކާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ. އެކަމަކު، ފެންވަރު ރަނގަޅު ފޯވާޑެއް ހޯދަން ޗެލްސީން ކުރާ މަސައްކަތް ކުރިއަށްދާ ކަމަށް ޓުޗެލް ވަނީ ބުނެފަ އެވެ.
ގޯލާ ރަށްޓެހި ފޯވާޑެއް ހޯދަން ޗެލްސީން ކުރާ މަސައްކަތުގައި އެންމެ ފުރަތަމަ ގެންނަން މަސައްކަތްކުރީ ބޮރޫޝިއާ ޑޯޓްމަންޑްގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑާއި ބަޔާން މިއުނިކްގެ ރޮބަޓް ލެވަންޑޯސްކީ ތެރެއިން ކުޅުންތެރިއެކެވެ. އެ ދެ ކުޅުންތެރިން ތެރެއިން ކުޅުންތެރިއަކު ހޯދަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. އެހެންވެ، ލުކާކޫގެ ސޮއި ހޯދަން މަސައްކަތް ފެށީ އެވެ.












