ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަނި އިތުރުވަމުން ދިޔުމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް އޭގެ ނުރަނގަޅު އަސަރުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އިންޒާރުދީފައިވާއިރު، އެ ނުރައްކާ އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މާލީ ހާމަކަމަށް އަލިއަޅުވާލާ ނެރުނު އިވެލުއޭޝަން ރިޕޯޓެއްގައި އެސްއޯއީތަކާ ގުޅިގެން އައިއެމްއެފުން ބުނީ ދަރަނީގެ މައްސަލައިގައި ކަންބޮޑުވަނީ މި ކުންފުނިތައް ހިންގާ ގޮތުންނާއި ގެންގުޅޭ އުސޫލުތަކުގެ ސަބަބުން ކަމަށެވެ.
އަދި ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ކުންފުނިތަކުގެ އާމްދަނީއަށް އައި ހީނަރުކަމުގެ ސަބަބުން މި ހާލަތު އިތުރަށް ގޯސްވުމުގެ ފުރަސަތު އެބައޮތް ކަމަށް ބުންޏެވެ.
އެގޮތުން މި ކުންފުނިތަކަށް ސަރުކާރުން ފޯރުކޮށްދޭ ސަބްސިޑީ އާއި ކެޕިޓަލް ކޮންޓްރިބިއުޝަންސް (ކުންފުނީގެ ރައުސުލްމާލަށް ދޫކުރާ ފައިސާ)ގެ އިތުރުން ސަރުކާރާއި މަރުކަޒީ ބޭންކުން ދޫކުރާ ލޯނުތަކަށް ކަންބޮޑުވާ މިންވަރަށް ބަރޯސާވާ ކަމަށް އައިއެމްއެފުން ބުންޏެވެ.
އައިއެމްއެފްގެ ކަންބޮޑުވުންތަކާ ގުޅިގެން "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި އަމީރު ވިދާޅުވި އެކަމުގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާ ކުޑަކުރަނީ އެ ދަރަނިތައް ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ކަމަށެވެ.
ދިވެހި ދައުލަތުން ހިއްސާވާ 32 ކުންފުނި އޮތްއިރު، އޭގެ ތެރެއިން ފަސް ކުންފުންޏަކީ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކެވެ.

މި ކުންފުނިތަކުގެ މާލީ ރިޕޯޓްތަކުން ދައްކާ ގޮތުގައި ހުސްވި އަހަރުގެ ނިޔަލަށް އެސްއޯއީތަކުގެ މުދަލާއި ފައިސާގެ އަގު ހުރީ 113 ބިލިއަން ރުފިޔާގަ އެވެ. އަދި ދަރަނި ހުރީ 67 ބިލިއަން ރުފިޔާގަ އެވެ. އެއީ ޖީޑީޕީގެ 84 ޕަސެންޓެވެ.
އޭގެ ތެރޭގައި ސަރުކާރުގެ މައި ކުންފުނިތައް ކަމަށްވާ، އެސްޓީއޯ، އެޗްޑީސީ، އެމްއޭސީއެލް އަދި ސްޓެލްކޯ ފަދަ ކުންފުނިތައް ހިމެނޭއިރު، އެ ކުންފުނިތަކުގެ ދަރަނީގެ ރިސްކު ބޮޑުކަމަށް އައިއެމްއެފުން ފާހަގަކުރެ އެވެ.
އައިއެމްއެފްގެ ރިޕޯޓް ބުނާ ގޮތުން އެސްއޯއީތަކުން ނަގާފައިވާ ދަރަނީގެ 21 ޕަސެންޓު ދަރަންޏަކީ ދައުލަތުން ގެރެންޓީ ދީފައިވާ ދަރަންޏެވެ. އަދި 12 ޕަސެންޓަކީ ސަރުކާރުން ދީފައިވާ ލޯނު ނުވަތަ މަރުކަޒީ ބޭންކުން ނަގާފައިވާ ލޯނެވެ. ސަރުކާރުގެ މާލިއްޔަތަށް އަސަރުކުރުމުގެ ފުރުސަތު ބޮޑުކަމަށް އައިއެމްއެފުން ކަނޑައެޅީ އެސްއޯއީތަކުގެ ތިން ބައި ކުޅަ އެއްބައި ސީދާ ސަރުކާރާ ގުޅޭތީ އެވެ.
އަމީރު ވިދާޅުވި ގޮތުގައި ސޯޝަލް ހައުސިން ފޯރުކޮށްދޭ އެޗްޑީސީ އާއި ކަރަންޓުގެ ހިދުމަތްދޭ ސްޓެލްކޯ ފަދަ ކުންފުނިތަކުން ދެމުންދަނީ އަސާސީ ހިދުމަތްތަކެއް ކަމަށެވެ.
އެހެންކަމުން، އެ ހިދުމަތްތައް ދޭން ސަރުކާރުން ގެރެންޓީދީގެން ނަގާފައިވާ ލޯނުތައް އަނބުރާ ދައްކަން، ހާއްސަކޮށް ކޮވިޑުގެ ހާލަތުގައި އެ ކުންފުނިތަކަށް ދަތިވާނެކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
"އެ ރިސްކު މިޓިގެޓްކުރަން އަޅުގަނޑުމެން މި ކުރާކަމަކީ އެކަމަށް ބަޖެޓުކުރުން. ދެން ސޯޝަލް ހައުސިން ފަދަ އަސާސީ ހިދުމަތްތަކުން ސަރުކާރަށް އޮންނަ ރިސްކު ކުޑަކުރަންޏާ އޭގެ ގެއްލުން ކުރާނީ ސީދާ ރައްޔިތުންނަށް،" އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދައުލަތުން ޒިންމާވާ ގޮތަށް އެ ކުންފުނިތަކުން ނަގާފައިވާ ލޯނުތަކަށް އަނބުރާ ދައްކަންޖެހޭ އަދަދުތައް ތާރީހާއެކު ސަރުކާރަށް އެނގޭއިރު، ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން އެކަމުން ކުރިމަތިވާ ހިރާސްތައް ކުޑަކުރެވޭނެ ކަމަށެވެ.
އޭގެ އިތުރުން ވެސް ސަރުކާރު ކުންފުނިތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހައްލުކުރަން ފިނޭންސް މިނިސްޓްރީން އަންނަނީ އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކޯޕަރޭޓް ގަވަނަންސް ސިޔާސަތު މުރާޖައާކޮށް އެއަށް އަމަލުކުރުމަށް ކުންފުނިތަކަށް އެންގުމުގެ އިތުރުން، ބައެއް ކުންފުނިތައް ޕްރައިވަޓައިޒް ކުރަން ފިނޭންސުން ވަނީ ނިންމާފަ އެވެ.
އަދި، އައިއެމްއެފްގެ ރެކޮމެންޑޭޝަންތަކާ އެއްގޮތަށް ހުރިހާ ކުންފުންޏެއްގެ މާލީ ހިސާބުތައް ހިއްސާކުރާނެ ސެންޓްރަލް ޕޯޓަލްއެއްގެ މަސައްކަތް ނިމި، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ބޭނުންކުރަން ފަށަން އޮތީ ތައްޔާރުވެފަ އެވެ.










