މިއުނިކް (އޮގަސްޓް 4) - ޖަރުމަނު ކަޕްގައި އަންނަ ހުކުރު ދުވަހު ބަޔާން މިއުނިކް ކުޅެން އޮތް މެޗު ކޮވިޑް-19ގެ ކޭސްތަކެއްގެ ސަބަބުން ފަސްކޮށްފި އެވެ.
ޖަރުމަނު ކަޕްގައި ބަޔާން ކުޅެން ޖެހިފައި އޮތީ ފަސް ވަނަ ޑިވިޝަނުގެ ބްރެމާ އެސްވީއާ ދެކޮޅަށެވެ. ބްރެމާ އެސްވީގެ ތިން ކުޅުންތެރިއަކު ކޮވިޑަށް ޕޮޒިޓިވްވެ، މިހާރު އެ ޓީމު ވަނީ 14 ދުވަހަށް ކަރަންޓީނުވާން ޖެހިފަ އެވެ. އެހެންވެ، ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ ބްރެމާ އާއި ބަޔާންގެ މެޗު ފަސްކުރާށެވެ. ފަސް ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުން ހަދާފައިވާ އުސޫލުތަކުގައިވާ ގޮތުން ކަރަންޓީނުވާން ނުޖެހެނީ ވެކްސިން ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ކުޅުންތެރިންނެވެ.
ބްރެމާގެ ޗެއާމަން ޕީޓާ ވެނާކޭ ވިދާޅުވީ މި ވަގުތަށް ކުޅުންތެރިންގެ ސިއްހީ ހާލަތަށް ބަލައި އެންމެ ރަނގަޅު ގޮތަކީ މެޗު ފަސްކުރުން ކަމަށްވާތީ އެ ގޮތަށް ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަން ކައިރިން އެދުނީ ކަމަށެވެ.
ހުކުރު ދުވަހު މެޗު ކުޅުނުނަމަ ބަޔާންގެ ފްރާންސް މިޑްފީލްޑަރު ކޮރެންޓީން ޓޯލީސޯ އަށް ވެސް ނުކުޅެވޭނެ އެވެ. މިދިޔަ ހަފްތާގައި އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
މި ސީޒަނުގައި ބަޔާން ނުކުންނާނީ މިދިޔަ އަހަރު އާރްބީ ލައިޕްޒިގުގައި ހުރި ޒުވާން ކޯޗު ހޫލިއަން ނާގަލްސްމަންގެ އިރުޝާދުގެ ދަށުންނެވެ. ޕްރީ ސީޒަން މެޗުތަކުގައި ނާގަލްސްމަން ވަނީ އޭނާ ބޭނުންވާ ސިސްޓަމަށް ކުޅުވަން ބަޔާންގެ ގިނަ އާ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފަ އެވެ. އެ މެޗުތަކުގައި ބަޔާނާ އަލަށް ގުޅުނު ފްރާންސްގެ ޑަޔޫޓް އުޕަމެކާނޯ ވަނީ ކުޅެފަ އެވެ.
ބަޔާންގެ މެޗު ފަސްކުރަން ޖެހުނުއިރު، ހޮނިހިރު ދުވަހު ބޮރޫޝިއާ ޑޯޓްމަންޑް ކުޅެން އޮތް ކަޕް މެޗު ވެސް ފަސްކުރުމުގެ ފުރުސަތު ބޮޑެވެ. ޑޯޓްމަންޑުން ހޮނިހިރު ދުވަހު ނުކުންނާނީ ތިން ވަނަ ޑިވިޝަނުގެ ވަހެން ވިއެސްބަޑެންއާ ދެކޮޅަށެވެ.
އެ މެޗަށް ތައްޔާރުވަމުން ދަނިކޮށް ޑޯޓްމަންޑްގެ ހޫލިއަން ބްރަންޑްޓް އާއި ތޯމަސް މޮނިއޭ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
ޑޯޓްމަންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޅުންތެރިންގެ ސިއްހީ ކަންތައްތައް ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށާއި ސިއްހީ ކަމާބެހޭ ފަރާތްތަކާ އެކު ދެން ތިބި ކުޅުންތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ.
ޖަރުމަނު ލީގު ފަށަން ނިންމާފައިވަނީ މި މަހު 13 ވަނަ ދުވަހު އެވެ. އެ ދުވަހު އެންމެ ފަހުގެ ޗެމްޕިއަން ބަޔާން ނުކުންނާނީ ބޮރޫޝިއާ މުންޗެންގްލަޑްބެކާ ދެކޮޅަށެވެ. އޭގެ ހަތަރު ދުވަސް ފަހުން ޖަރުމަނު ސުޕަ ކަޕްގައި ބަޔާނާއި ޑޯޓްމަންޑް ކުޅޭ މެޗު އޮންނާނެ އެވެ.












