ޕީޖީގެ ފޯކަސް ހަމަލާއަށް، މަހުލޫފު މައްސަލައިގައި ގޮތެއް ނުނިމޭ

ޕީޖީ ހުސައިން ޝަމީމް: އޭނާ ވިދާޅުވީ މަހްލޫފްގެ މައްސަލައަށް ގޮތެއް ނިންމޭނީ އަންނަ ހިސާބުގައި ކަމަށް. -- ފޮޓޯ: ހުސައިން ޝަޔާހް

ޕީޖީ ހުސައިން ޝަމީމް: އޭނާ ވިދާޅުވީ މަހްލޫފްގެ މައްސަލައަށް ގޮތެއް ނިންމޭނީ އަންނަ ހިސާބުގައި ކަމަށް. -- ފޮޓޯ: ހުސައިން ޝަޔާހް

ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރުމުގެ މައްސަލަ، މި ވަގުތު ފޯކަސްގައި ނެތް ކަމަށާއި އެކަމަކު އަންނަ ހަފްތާ ގޮތެއް ނިންމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަލްއުސްތާޒް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި މަހުލޫފުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ ޖޫން 9 ވަނަ ދުވަހު އެވެ. އަދި އެ ދުވަހުން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަހުލޫފު ވަޒީފާ އިން ސަސްޕެންޑްކުރައްވައިފަ އެވެ.

ފުލުހުންނާއި ޕީޖީ އޮފީހާއި އޭސީސީ އަދި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ހިންގާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތަހުގީގުގެ ތެރެއިން ފެބްރުއަރީ މަހު ތަހުގީގު ނިންމި މި މައްސަލައިގައި ދައުވާކުރާނެތޯ ހަފުތާއެއްގެ ތެރޭ ނިންމާނެ ކަމަށް ޕީޖީން އެންމެ ފުރަތަމަ ބުންޏެވެ. އެކަމަކު ނުނިމި އޭގެ ފަހުން ވެސް އެތައް ތާރީހެއް ދިނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މަހުލޫފްގެ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމުން ޝަމީމް ވިދާޅުވީ މިވަގުތު ޕީޖީ އޮފީހުގެ ފޯކަސް އޮތީ ނަޝީދަށް ދިން ހަމަލާގެ ބައިވެރިންނަށް ދައުވާކުރުމުގެ މައްސަލަ އަށް ކަމަށެވެ.

"އަޅުގަނޑު މި އުއްމީދު ކުރަނީ އަންނަ ހަފްތާގެ ތެރޭގައި ތި ވިދާޅުވި [މަހްލޫފް މައްސަލައިގައި] ކަންތައްތަކާ ގުޅޭގޮތުން ޖަވާބެއް އެރުވޭނެ ކަމަށް،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ޕީޖީ އޮފީހުން މައްސަލައެއް ކޯޓަށް ފޮނުވަން އާއްމުކޮށް ނަގަނީ ހަ ދުވަސް ކަމަށެވެ. ނަމަވެސް ބައެއް މައްސަލަތަށް ތަފާތު ސަބަބުތަކާ ގުޅިގެން ލަސްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހްލޫފް ސަސްޕެންޑް ކޮށްފައި ވަނީ މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށެވެ. މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާ އެވެ. އެނގިފައިވާ ގޮތުގައި ސީދާ މިނިސްޓަރެއް ނެތުމުން އެތަނުގެ ކަންކަން ނިންމުމުގައި ކޮންމެވެސް ވަރެއްގެ ލަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ.

މަހްލޫފުގެ މައްސަލަ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ (ޕީސީސީއާރް) އިން ފުލުހުންނަށް ފޮނުވުމުން ވެސް ގިނަ ދުވަސްތަކެއް ވަންދެން ވަކި ގޮތެއް ނުނިމި އޮތެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫގެ މައްޗަށް ކުރަނީ ރިޝްވަތު ހިފި ކަމުގެ ތުހުމަތު: މައްސަލަ ޕީޖީގައި އޮންނަތާ ދެ މަސް ވާއިރު އެކަމާ ގުޅިގެން ގޮތެއް ނުނިންމާ-- އާޓް ވޯކް: އަބްދުﷲ ޝަފީއު(އަބޯ)
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫގެ މައްޗަށް ކުރަނީ ރިޝްވަތު ހިފި ކަމުގެ ތުހުމަތު: މައްސަލަ ޕީޖީގައި އޮންނަތާ ދެ މަސް ވާއިރު އެކަމާ ގުޅިގެން ގޮތެއް ނުނިންމާ-- އާޓް ވޯކް: އަބްދުﷲ ޝަފީއު(އަބޯ)

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫގެ މައްޗަށް ކުރަނީ ރިޝްވަތު ހިފި ކަމުގެ ތުހުމަތު: މައްސަލަ ޕީޖީގައި އޮންނަތާ ދެ މަސް ވާއިރު އެކަމާ ގުޅިގެން ގޮތެއް ނުނިންމާ-- އާޓް ވޯކް: އަބްދުﷲ ޝަފީއު(އަބޯ)

މަހުލޫފްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް

މަހްލޫފްގެ މައްޗަށް ހިޔާނާތުގެ ދައުވާ އުފުލައިދޭން އޭސީސީން އެދުނީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ހިޔާނާތުގައި، 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެގި ކަމަށް ތުހުމަތުކުރާ މައްސަލައިގަ އެވެ.

މަހްލޫފްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީއަށް ފޮނުވުމަށް ފަހު އޭސީސީން ނެރުނު ބަޔާނުގައި ބުނީ އެމްއެމްޕީއާރްސީގެ ފައިސާ އިން މަނީ ލޯންޑްރިން ހިންގި ކުންފުނި އެސްއޯއެފުން މަހްލޫފަށް ޖަމާކޮށްދިން 33000 ޑޮލަރަކީ ސިޔާސީ ގޮތުން ބޭނުންވި ވަކި މަގްސަދުތަކެއް ހާސިލްކުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާއެއްކަން ތަހުގީގަށް އެނގިފައިވާ ކަަމަށެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލްގައި ލިބިފައިިވާ ފައިސާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އޭސީސީން ބުނިގޮތުގައި މެލޭޝިއާގައި ހުންނެވުމަށް ފަހު މަހްލޫފް ރާއްޖެ ވަޑައިގަތީ އެސްއީޒެޑް ބިލް ފާސްކުރަން އޮތް ދުވަހު ސީދާ ވޯޓަށެވެ. އެ ބިލް ފާސްކުރީ އޮގަސްޓް 27، 2014، ގަ އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، މަހްލޫފަށް ޗެކަކުން ފައިސާ ޖަމާކުރެއްވީ ސަރުކާރާ އެއްކޮޅަށް އެ ބިލް ފާސްކުރަން ވޯޓު ދެއްވުމަށް ކަމަށް ތަހުގީގުން އެނގެން އޮތް ކަމަށް އޭސީސީން ބުންޏެވެ.

ކޮމިޝަނުން ބުނިގޮތުގައި އެ ފައިސާ އަކީ ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތެއް ކަން ދެއްކުމުގެ ގޮތުން އެސްއޯއެފްގެ ނަމުގައި ތައްޔާރުކޮށްފައިވާ ޕޭމަންޓް ރިސީވްޑް ލިއުމެއް މަހްލޫފްގެ ފަރާތުން ހުށަހަޅާފައިވެ އެވެ. އެކަމަކު އެ ފައިސާ އަކީ ޑޮލަރު ގަތުމަށް ދިން ފައިސާކަން އެނގެން ނެތް ކަމަށް އޭސީސީން ބުންޏެވެ.

މަހްލޫފްގެ މައްޗަށް ހިޔާނާތުގެ ދައުވާކުރަން ފޮނުވީ އޭނާ އަށް ލިބިފައި ވަނީ ރިޝްވަތުގެ ފައިސާކަން ހެކިންގެ ބަހުންނާއި ތަހުގީގުން ލިބިފައިވާ ހެއްކާއި ގަރީނާއިން އެނގެން އޮތުމުން ކަމަށް އޭސީސީން ބުންޏެވެ.

މަހްލޫފް އޭސީސީއަށް ދީފައިވާ ސިޓީ އާއި ބަޔާނަކީ ޑޮލަރު ގަނެ ވިއްކުމުގެ މުއާލަމާތަކީ ސައްހަ މުއާމާލަތެއްކަން ދައްކައި އޮޅުވާލަން ދީފައިވާ ލިއުންތަކެއް ކަމަށް ކޮމިޝަނުން ބުންޏެވެ. އެހެންވެ އޭނާގެ މައްޗަށް ވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާ މައްސަލައިގައި ވެސް ދައުވާ އުފުލައިފަ އެވެ.

މި ތުހުމަތު މަހްލޫފް ދޮގު ކުރައްވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީ މައްސަލައިގައި ފެށުނީއްސުރެން އޭނާއާ މެދު އަމަލުކުރަމުން އައީ ޒާތީކޮށް ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއްގެ ގޮތަށެވެ. އެކަން އެގޮތަށް ކުރަނީ ވެސް ސިޔާސީ ބަޔަކު އަޑީގައި ތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށާއި ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން ކަމަށް ވިދާޅުވި އެވެ.

މި މައްސަލައިގައި އެންމެ ފަހުން މަހްލޫފް ފޭސްބުކްގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ މައްސަލައިގައި ހެކި ހޯދާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ ދައުވާ ފުރިހަމަ ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox