ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
މިއީ، މަޝްހޫރު މުއައްރިޚު، އަލްޚަޠީބުލް ބަޣުދާދީ (1002-1071 މ.) ބަޔާންކުރައްވާފައިވާ ވާހަކައެކެވެ. މިވާހަކައިގައި ހިމެނިވަޑައިގަންނަވާ ރައްބާނިއްޔާ ހަތަރު ޢިލްމުވެރިންގެ ތެރެއިން ފުރަތަމަ ޢިލްމުވެރިޔާގެ ނަންފުޅަކީ މުޙައްމަދެވެ. ދެ ވަނަ ޢިލްމުވެރިޔާގެ ނަންފުޅަކީ ވެސް މުޙައްމަދެވެ. ތިންވަނަ ޢިލްމުވެރިޔާގެ ނަންފުޅަކީ ވެސް މުޙައްމަދެވެ. ހަތަރު ވަނަ ޢިލްމުވެރިޔާގެ ނަންފުޅަކީ ވެސް މުޙައްމަދެވެ.
އެއްފަހަރަކު، އެ ހަތަރު ބޭކަލުން ކުރެއްވި ދަތުރު ފުޅެއްގައި ބައްދަލުވެވަޑައިގަތެވެ. އެ ބޭކަލުންގެ ތެރެއިން ފުރަތަމަ މުޙައްމަދަކީ، މުޙައްމަދު ބްނު ޖަރީރެވެ. ދެ ވަނަ މުޙައްމަދަކީ، މުޙައްމަދު ބްނު އިސްޙާޤެވެ. ތިން ވަނަ މުޙައްމަދަކީ، މުޙައްމަދު ބްނު ނަޞްރެވެ. ހަތަރު ވަނަ މުޙައްމަދަކީ، މުޙައްމަދު ބްނު ހާރޫނެވެ.
ދަތުރު މަތީގައި އެ ހަތަރު ބޭކަލުން މިޞްރުގައި މަޑުކުރެއްވި އެވެ. އޭރު އެ ބޭކަލުންގެ އަތްޕުޅުން ވަނީ ކާބޯތަކެތި ހުސްވެފަ އެވެ. އަދި އެއްޗެއް ބައްލަވައިގަންނަވާނެ ފައިސާއެއް ވެސް އަތްޕުޅަކު ނުމެ ނެތްމެ އެވެ. އެ ޙާލުކޮޅުގައި އުޅުއްވަނިކޮށް، އެ ހަތަރު ބޭކަލުންގެ ބަނޑުފުޅުގެ ހައިހޫނުކަން އިންތިހާ ދަރަޖައަށް ހިނގައްޖެ އެވެ. ދެން ކާބޯތަކެތި ލިބޭނެ މަގެއް ދެއްކެވުމަށް އެދިވަޑައިގެން، މާތް ﷲ ގެ ޙަޟުރަތުގައި ދުޢާ ދެންނެވުމަށް ޤަޞްދުފުޅުކުރެއްވި އެވެ. ދެން އެ ހަތަރު ބޭކަލުންގެ ތެރެއިން އެ ދުޢާ ދަންނަވާނެ ބޭކަލަކު ހޯއްދެވުމަށްޓަކައި ޤުރުޢަތު ލެއްވި އެވެ. ޤުރުޢަތުން ހޮވިވަޑައިގަތީ، މުޙައްމަދު ބްނު އިސްޙާޤެވެ. އެކަލޭގެފާނު، އަނެއް ތިން ބޭކަލުންނަށް ވިދާޅުވި އެވެ.
"ތިމަންކަލޭގެފާނު ވުޟޫކުރައްވައިގެން ދެރަކުޢަތް ނަމާދެއް ކޮށްލައްވަންދެން މަޑުކުރައްވާށެވެ! އެއަށްފަހު، މާތް ﷲ ގެ ޙަޟުރަތަށް ދުޢާކުރައްވާނަމެވެ."
އެކަލޭގެފާނު ވުޟޫކުރައްވައިގެން ނަމާދުކުރައްވަން ހުންނަވަނިކޮށް، މީހަކު އައިސް އެ ބޭކަލުން ތިއްބެވި ތަނުގެ ދޮރުގައި ޓަކިޖަހައިފި އެވެ. އެ ބޭކަލުން އެއީ ކާކުތޯ ބެއްލެވިއިރު، އެއީ، މިޞްރުގެ ވެރިޔާ ފޮނުއްވި ކީސާތަކެއް ހިފައިގެން އައިސްހުރި މީހެއްކަން އެނގިވަޑައިގަތެވެ. އެ ބޭކަލުންގެ އަރިހުގައި އޭނާ ދެންނެވި އެވެ.
"ތިޔަބޭކަލުންގެ ތެރެއިން މުޙައްމަދު ބްނު ނަޞްރު ކޮބައިތޯ އެވެ؟"
އެ ބޭކަލުން ވިދާޅުވި އެވެ. "އެކަލޭގެފާނު މިހުންނެވީ އެވެ."
ދެން އޭނާ އެކަލޭގެފާނުގެ އަތްޕުޅަށް ފަންސާސް ދީނާރުގެ ކީސާއެއް އެރުވުމަށްފަހު ދެންނެވި އެވެ.
"ތިޔަބޭކަލުންގެ ތެރެއިން މުޙައްމަދު ބްނު ޖަރީރު ކޮބައިތޯ އެވެ؟"
އެ ބޭކަލުން ވިދާޅުވި އެވެ. "އެކަލޭގެފާނު މިހުންނެވީ އެވެ."
ދެން އޭނާ އެކަލޭގެފާނުގެ އަތްޕުޅަށް ފަންސާސް ދީނާރުގެ ކީސާއެއް އެރުވުމަށްފަހު ދެންނެވި އެވެ.
"ތިޔަބޭކަލުންގެ ތެރެއިން މުޙައްމަދު ބްނު ހާރޫނު ކޮބައިތޯ އެވެ؟"
އެ ބޭކަލުން ވިދާޅުވި އެވެ. "އެކަލޭގެފާނު މިހުންނެވީ އެވެ."
ދެން އޭނާ އެކަލޭގެފާނުގެ އަތްޕުޅަށް ފަންސާސް ދީނާރުގެ ކީސާއެއް އެރުވުމަށްފަހު ދެންނެވި އެވެ.
"ތިޔަބޭކަލުންގެ ތެރެއިން މުޙައްމަދު ބިން އިސްޙާޤު ކޮބައިތޯ އެވެ؟"
އެ ބޭކަލުން ވިދާޅުވި އެވެ. "ނަމާދުކުރައްވަން އެ ހުންނެވީ އެވެ."
ދެން އެކަލޭގެފާނު ނަމާދުކުރައްވައި ސަލާމްދެއްވުމުން، އޭނާ، އެކަލޭގެފާނުގެ އަތްޕުޅަށް ވެސް ފަންސާސް ދީނާރުގެ ކީސާއެއް އެރުވި އެވެ. އެއަށްފަހު، އޭނާ އެބޭކަލުންގެ އަރިއަހުގައި ދެންނެވި އެވެ.
"މިޞްރުގެ ވެރިޔާ އިއްޔެ ވިދާޅުވި އެވެ. މުޙައްމަދު އެވެ، ކިޔުނު ބޭކަލުން ބަނޑުހައިހޫނުކަމުގައި އުޅުއްވާތީ ތިމަން މަނިކުފާނަށް ހުވަފެންފުޅެއް ފެނިވަޑައިގެންފި އެވެ. އަވަހަށް އެ ބޭކަލުންނަށް މި ކީސާތައް ގެންގޮސްދޭށެވެ. ތިޔަ ބޭކަލުންގެ އަތްޕުޅުން މި ފައިސާ ހުސްވެއްޖެނަމަ، އެ މަނިކުފާނަށް ޚަބަރުކުރެއްވުމަށް ވެސް ވިދާޅުވި އެވެ. އޭރުން އެމަނިކުފާނު ތިޔަ ބޭކަލުންނަށް އަދިވެސް ދެއްވާނެ ކަމަށް ވިދާޅުވި އެވެ."
މި ވާހަކައަކީ، ރައްބާނިއްޔަ ޢިލްމުވެރިންނާއި އެ ބޭކަލުންގެ ދުޢާ އިޖާބަކުރައްވާ ގޮތް ބަޔާންކޮށްދިނުމަށްޓަކައި ކިޔޭ ވާހަކައެކެވެ. މި ވާހަކައިގައި ނަންގަނެވުނު ހަތަރު ބޭކަލުންނަކީ، އިސްލާމީ އުންމަތުގެ މަޝްހޫރު ހަތަރު ޢިލްމުވެރިއެކެވެ. އެ ބޭކަލުންގެ ތެރެއިން:
މުޙައްމަދު ބްނު ޖަރީރަކީ، ކީރިތި ޤުރުއާނުގެ ތަފުސީރާއި ތާރީޚު ލިއުއްވި މަޝްހޫރު ޢިލްމުވެރިޔާ، އައްޠަބަރީ އެވެ. އެ ކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ، މުޙައްމަދު ބްނު ޖަރީރު އައްޠަބަރީ އެވެ. މަޝްހޫރު ނަންފުޅަކީ، އިބްނު ޖަރީރެވެ.
މުޙައްމަދު ބްނު އިސްޙާޤަކީ، "ޞަޙީޙު އިބްނު ޚުޒައިމާ" އެވެ، ކިޔާ މަޝްހޫރު ޙަދީޘް ފޮތް ލިޔުއްވި ޢިލްމުވެރިޔާ އެވެ. ފުރިހަމަ ނަންފުޅަކީ، މުޙައްމަދު ބްނު އިސްޙާޤު ބްނު ޚުޒައިމާ އެވެ. "ކިތާބުއް ތައުޙީދު" އަކީ ވެސް އެކަލޭގެފާނު ލިޔުއްވި ފޮތެކެވެ.
މުޙައްމަދު ބްނު ނަޞްރަކީ، "ތަޢުޡީމު ޤަދުރިއްޞަލާތި" އެވެ، ކިޔާ ފޮތް ލިޔުއްވި ޢިލްމުވެރިޔާ އެވެ. އެ ކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ، މުޙައްމަދު ބްނު ނަޞްރުލް މަރްވަޒީ އެވެ. ރޭގަނޑު އަޅުކަންކުރުމާ ބެހޭ ގޮތުން ވެސް އެކަލޭގެފާނު ފޮތެއް ލިއުއްވި އެވެ.
މުޙައްމަދު ބްނު ހާރޫނަކީ، "މުސްނަދުއް ރުވަޔާނީ" އެވެ، ކިޔާ ޙަދީޘް ފޮތް ލިއުއްވި ޢިލްމުވެރިޔާ އެވެ. އެ ކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ، މުޙައްމަދު ބްނު ހާރޫނު އައްރުވަޔާނީ އެވެ.
މާތް ﷲ، އެ ބޭކަލުންނަށް ރަޙްމަތް ލައްވާށި އެވެ! އާމީން.








