ކޮވިޑްގެ ބަލިމަޑުކަން ރާއްޖޭގައި ކޮންޓްރޯލް ކުރުމަށްޓަކައި ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ހާލަތު "ނިއު ނޯމަލް"އަށް ގެނައުމަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ލޮކްޑައުނަށް ދިން ލުއިތަކާއެކު ނިއު ނޯމަލްގައި ރާއްޖެ ހުޅުވާލީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އޭގެފަހުން ކޮވިޑްގެ ހާލަތު ދެ ފަހަރެއްގެ މަތިން ގޯސްވެ، ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހުނެވެ.
ނަމަވެސް މިހާރު އަނެއްކާވެސް ވަނީ ކޭސްތައް މަދުވެ ލުއިތަކެއް ދީފަ އެވެ.
މިއަދު މެންދުރުފަހު ބޭއްވި ކެބިނެޓުގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ނިއު ނޯމަލް ހާލަތަށް ގެނައުމަށް މިހާރު ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު އެންމެ މުހިންމީ ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމެވެ.
އަދި ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިން ޖަހައި ނިންމުމަށް ބާރުއަޅައި ސަރުކާރުގެ ވުޒާރާތަކާއި އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކުން ވެސް މަސައްކަތްކޮށްދެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގަންނަވާފަ އެވެ.

މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި، ކޮވިޑުން އަރައިގަތުމަށްޓަކައި ކުރާ މަސައްކަތްތަކާއި ވެކްސިން ޖަހާ މީހުންނަށް އެހީތެރިކަންދީ، އެކަމަށް ބާރު އެޅުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން ވަޒީރުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ފެށީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، އަމާޒަކީ އަންނަ މަހުގެ ނިޔަލަށް 90 ޕަސެންޓް މީހުންނަށް ވެކްސިން ޖަހައި ނިންމުން ކަމަށް ވިދާޅުވެފަ އެވެ.
މިހާރު ރާއްޖެއަށް ވަނީ ވެކްސިން ޖެހޭ މުޅި އާބާދީއަށް ދެ ޑޯޒު ދެވޭ މިންވަރަށް ވެކްސިން ލިބިފަ އެވެ.
މި އޮގަސްޓް މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑުގެ ވެކްސިންގެ ދެވަނަ ޑޯޒް 271،552 ފަރާތަކުން ފުރިހަމަކޮށްފައިވެ އެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 323568 ފަރާތެކެވެ.













