ޤާނޫނު ނަންބަރު 2010/23 ނުވަތަ ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނު ފާސްކުރުމާއެކު، ދިވެހިރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކުރުމުގެ އާ ބާބެއް ފެށގެންދިޔައީކަމަށް އުއްމީދުކުރެވުނެވެ. ދިވެހި ފަންނުވެރިންނާއި އުފެއްދުންތެރިންގެ ފިކުރީ މުދަލުން ވައްކަންކޮށްފި ހާލަތެއްގައި، އެ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކޮށްދީ، ލިބެންޖެހޭ މާލީ ބަދަލު ހޯދައިދޭނޭ މަގު ފަހިވެގެންދިޔަކަމުގެ އުއްމީދުގެ ސަބަބުން، އުފެއްދުންތެރިކަމާއި ފަންނުވެރިކަމަށް އާ ދިރުމެއް ލިބޭނޭކަމަށް އުއްމީދުކުރެވުނެވެ. ޙާއްޞަކޮށް، ދިވެހިންގެ ތެރޭގައި މޫލާފައި އޮތް ނޭއްގާނީ ޘަޤާފަތެއްކަމަށްވާ، ބޭރު ޤައުމުތަކުގެ ފަންނުވެރިކަމުން، ޚާއްޞަކޮށް މިއުޒިކާއި ފިލްމު ނަކަލުކޮށްގެން އެއީ ތިމާމެންގެ އުފެއްދުންތަކެއް ކަމުގައި ހަދައިގެން އެއިން މާލީ އަދި އިޤްތިޞާދީ ފައިދާތައް ހޯދަމުން ދިޔަ ދިޔުން ނިމުމަށް އައުމުގެ ކޮޅުމަތި ފެންނާނޭކަމަށް އުއްމީދުކުރީމެވެ.
އޭގެ ފަހުން އެގާރަ އަހަރު ދުވަސް ފާއިތުވެގެން ހިނގައްޖެ އެވެ. އުއްމީދުކުރި ގޮތާ ޚިލާފަށް ފަންނުވެރިކަމުގެ ބައެއް ދާއިރާތަކުގައި މި ޘަޤާފަތަށް ބަދަލެއް އައިކަމަކަށް ފާހަގަކުރެވުނެކޭ ނުދެންނެވޭނެ އެވެ. މި ދުވަސްވަރުވެސް އެންމެ ގަދައަށް ދެއްކޭ އެއް ވާހަކަ އަކީ ޤައުމީ އިޙުތިފާލުތަކުގައި ވެސް އަވަށްޓެރި ޤައުމުތަކުގެ ފަންނުވެރިންގެ ކޮޕީ ރާގުތަކަށް ދިވެހި ޅެން ހަދައިގެން، އެ ފަދަ އުފެއްދުންތައް ޤައުމީ ޝުޢޫރުތަކުގެ ގޮތުގައި "ވިއްކާ" ވާހަކަ އެވެ.
މީގެ މާ ކުރީ ޒަމާނެއްގައި ހަދާފައި ހުރި، ގިނަ ލަވަތަކާއި ރާގުތަކެއް ހަދާފައިވަނީ އަވަށްޓެރި ޤައުމުތަކާއި ދިވެހިންނަށް ފަރިތަ ހުޅަނގުގެ މިއުޒީޝަނުންގެ އުފެއްދުންތައް އަޞްލެއްކަމުގައި ބަލައިގެންނެވެ. އިޝްޤީ ލަވަތަކާއި ޤައުމީ ލަވަ އަދި މަދަހަ ވެސް ހިމެނޭގޮތަށެވެ. ޚުދު ދިވެހިންގެ ޤައުމީ ލަވައިގެ ރާގު ވެސް އެންމެ ފުރަތަމަ ހަދާފައިވަނީ މަޝްހޫރު "ފަރަންޖީ" ރާގެއް އަސްލެއްކަމުގައި ދެކެގެންނެވެ. އެހެންނަމަވެސް އަހަރެމެން ހަނދާންކުރަން ޖެހޭ ކަމަކީ، މި ރާގަށް ވެސް ބަދަލުތަކެއް ގެނައިކަމާއި މިއަދު ދިވެހިން ކިޔާ ޤައުމީ ސަލާމަކީ އެއަށް ޚާއްޞަ ރާގެއް އުފައްދައިގެން ކިޔާ ޤައުމީ ސަލާމެއްކަމެވެ.
އިރެއްގައި، ނޭނގުމުގެ ތެރޭގައި ތިބެ، ދިވެހިންނަށް ގޯހެއް ހެދިފައިވުމަކީ އެކަން ތަކުރާރުކޮށް، އެ ގޯސް އަލުން ހަދަން ލިބޭ ލައިސެންސަކަށް ހަދާ ވަރަށް ވުރެ، އަޅުގަނޑުމެން ހޭލުންތެރިވެއްޖެ އެވެ. ދިވެހިންގެ މެދުގައި ކުރިން އެންމެ ރަނގަޅު ކަމެއް ކަމުގައި ބެލެވެމުންދިޔަ ކޮޕީ ރާގަށް ލަވަހަދައި އެ ކިޔުއްވައިގެން ވިޔަފާރީގެ ފައިދާހޯދުމަކީ ޙަޤީޤަތުގައި "މިއުޒިކް ޕްލޭޖަރިޒަމް"ކަމާއި، ދިވެހިންގެ އަމިއްލަ ޤާނޫނުތަކުން ވެސް އެފަދަ އުފެއްދުންތައް ބްރޯޑްކާސްޓުކުރުން ވެސް މަނާކުރާކަން އަހަރެމެން ދަނެ، ބަލައިގަންނަންވެއްޖެ އެވެ. މި ފަދަ ވައްކަމުގެ މަތިއޮމާންކުރުމަށް އެއަށް ކިޔާ އެހެނިހެން ނަންތައް ކިޔުން ހުއްޓާލާ، އެއީ ވައްކަންކަން ދެނެގަނެ، އެކަމާ ލަދުވެތިވާންވެސް ދަސްކުރަންވީ އެވެ.
ދިވެހިންގެ ތެރޭގައި ފަންނުވެރިން ނެތީކީއެއް ނޫނެވެ. ފަންނުވެރިންނަށް އެކަށީގެންވާ އަގުދޭން ކެރޭ ޕްރޮޑިއުސަރުން މަދީ އެވެ. ބަދަލުގައި ހެޔޮ އަގުގައި، ދެރަ ފެންވަރެއްގައި، ބައެއްގެ ފިކުރީމުދަލުން ވައްކަންކުރުން ވެސް މާ ބުއްދިވެރިކަމަށް ބަޔަކު ދެކެނީ އެވެ. މީހުން ހަދާފައި ހުންނަ ރާގަށް އެހެން ބަހަކުން ލަވަ ހެދުމާއި މީހުން އުފައްދާފައި ހުންނަ ފިލްމުގެ ކޮޕީ ފިލްމު ހެދުމާއި މަޝްހޫރު ވާހަކަތައް އެތައް ބަހަކަށް ތަރުޖަމާކޮށްގެން ވިޔަފާރިކުރުމުގައި ވެސް، ބައިނަލްއަޤުވާމީ ސުލޫކެއް އޮވެ އެވެ. އެއީ އެފަދަ މަސައްކަތެއް ކުރުމުގެ ކުރިން އަޞްލު މުޞައްނިފުގެ ހުއްދަ ހޯދުމާއި، އެއިން ކުރާ ވިޔަފާރިއަކުން ފައިދާ ބަހާނޭ ގޮތަކާމެދު ވެސް ދެ ފަރާތުން އެއްބަސްވުމެވެ.
މި ފަދަ އެއްބަސްވުމެއް ނެތި މަޝްހޫރު އާޓިސްޓުންގެ މަސައްކަތްތައް ޖެހިލުމެއް ނެތި ކޮޕީކޮށް އޭގެން މާލީ މަންފާ ހޯދަމުންދާ ދިވެހި "ފަންނާނުންނަށް" އޭގެ ޙަޤީޤީ "މުޞައްނިފަކު" ކޯޓަށްދާން ޗިޓެއް ފޮނުވައިފިނަމަ، އެ "ހަނގުރާމަ"އާ ކުރިމަތިލާނޭ ޤާބިލިއްޔަތު ލިބިފައިވޭތޯ ސުވާލުއުފައްދަން ޖެހެ އެވެ.
ފަނުންވެރިންގެ މެހެފިލެއްގައި ވެސް މިފަދަ ވާހަކައެއް ދައްކައިފިނަމަ ގިނަ ފަހަރަށް މި ގޯސްވަނީ ވާހަކަ ދައްކާ މީހާ އެވެ. ބައެއް ޅެންވެރިން ވެސް އަދިވެސް ދެކޭ ގޮތުގައި ލަވައެއް ހަދާލަން ރީތި ފެންވަރެއްގެ ރާގެއް، ދިވެހިންނަކަށް ނުއުފެއްދެ އެވެ. ބޮލީވުޑްގެ ފިލްމުތަކުގައި އެ ހުންނަ މިއުޒިކުގައި އެ ހުންނަ އިހުސާސެއް ދިވެހި އަމިއްލަ އުފެއްދުންތަކަކުން ނުފެންނަ ކަމަށް ބައެއް ޕްރޮޑިއުސަރުން ދެކެ އެވެ. ތެދެކެވެ. އަހަރެމެންގެ ގިނަ ފަންނާނުންނަށް، ބޮލީވުޑް ލަވަތަކުގައި އެ ބޭނުންކުރާ ފެންވަރުގެ އޮކެސްޓްރާތައް ބޭނުންކޮށްގެން ލަވަ ހެދޭނޭ ފުރުޞަތެއް ނުލިބެ އެވެ. ދެތިން ލައިވް އިންސްޓްރޫމަންޓާއެކު ހަދާ ލަވަޔަކަށްވެސް އެކަށީގެންވާ އަގެއް ދޭނޭ ޕްރޮޑިއުސަރުން އެއް އަތުން ގުނާލެވޭހާ މަދުކަމަށްވާ ހިނދު، ފަންނާނުންނަށް އެފަދަ ބުރަ އުފުލާނޭ ހިތްވަރެއް ނުލިބެ އެވެ. އަދި ދިވެހި އޯޑިއަންސްގެ ބަޔަކު އަދިވެސް ބޭނުންވަނީ ހިންދީ ރާގަށް، އިނގިރޭސި ރާގަށް ހަދާ ލަވަތައް އަޑުއަހަންކަމަށް ޕްރޮޑިއުސަރުން ޤަބޫލުކުރާތީ ބައެއް ފަންނުވެރިން ހަތިޔާރު ބަހައްޓާ ޕްރޮޑިއުސަރުގެ ބަސް ޤަބޫލުކުރަނީ އެވެ.
މިހުރިހާ ކަމަކުންވެސް އެނގެނީ ދިވެހިން ފަންނުވެރިކަމުން ކުރާ ވައްކަން ހުއްޓުވުމަށް އަދި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމެވެ. އަދި މިހާތަނަށް އަޅުގަނޑުމެންނަށް ޢާއްމުކޮށް މި ފެންނަނީ ޅެން ލަފުޒުން ލަފުޒަށް ތަރުޖަމާކުރުމުންނާއި، ލަވަތަކުގެ ރާގު ކޮޕީކުރުމުންނާއި ކުރެހުމާއި ފޮޓޯ ހުއްދަނެތި ބޭނުންކުރުމުން ނިކުންނަ މައްސަލަތަކެވެ. އެހެންނަމަވެސް މި ޒަމާނަކީ ކޮރިއޯގްރާފަރުންގެ "ސިގްނެޗާ" ނެށުމުގެ ހަރަކާތްތައް ވެސް ޕޭޓެންޓު ކުރެވޭ ޒަމާނެވެ. ފަންނުވެރިކަމުން ކުރާ ވައްކަން ވަރިހަމަކޮށްލައިގެން ތިބޭ ނަމަ، ހީނުކުރާ ވަރުގެ ގެއްލުމެއް ވަކި ވަކި ފަރުދުންނާއި ފަންނުވެރީންގެ މުޅި މުޖުތަމަޢަށް ލިބުމަކީ އެކަށީގެންވާ ކަމެކެވެ.
ހައްލަކީ ތޯއެވެ؟ ދިވެހި އުފެއްދުމެއް، މުޞައްނިފުގެ ހުއްދަ ނެތި ބޭރުމީހަކު ބޭނުންކޮށްފިނަމަ، އެކަމާ ދެކޮޅަށް ދިވެހި މުޖުތަމަޢު ތެދުވަނީ އެކަތިގަނޑަކަށްވެގެންނެވެ. އެ ދަނޑިވަޅުގައި ދިވެހިން ނުދަންނަ ކޮޕީ ރައިޓް ޤާނޫނެއް ޕޭޓެންޓު ޤަވާއިދެއް ނޯވެ އެވެ. އެހެން ނަމަވެސް އަޅުގަނޑުމެން އަމިއްލައަށް ބޮލީވުޑާއި ހޮލީވުޑްގެ ރާގުތަކަށް ލަވަހަދައިގެން އެ ވިއްކާ، ބޭރު މީހުންގެ މަޝްހޫރު ފޮޓޯތައް ބޭނުންކޮށްގެން ވިޔަފާރިތައް އިޝްތިހާރުކުރަންވުމުން، އެއްކަލަ ޤަވާއިދުތަކާއި ޤާނޫނުތައް ހަނދާންނައްތާލަމު އެވެ.
މިއީ ބަދަލުކުރަންވެފައި އޮތް ޘަޤާފަތެކެވެ. މިއާ އެކުއެކީ ބަދަލުކުރަންވީ، ފަންނުވެރިންގެ މަސައްކަތް އަގުކުރާ ގޮތެވެ. ދިވެހި އަމިއްލަ އުފެއްދުންތަކަށް އިހުތިރާމު ނުކުރުމުގެ މައްސަލައެވެ. އެފަދަ ތަކެއްޗަށް މާލީ ބަދަލު ދިނުމަށް ފަސްޖެހޭ ފަސްޖެހުމެވެ.
ދިވެހިންނަށް ދިވެހިންގެ އަގުވަޒަންކުރެވެން ޖެހެ އެވެ. ފަންނުވެރިންގެ މަސައްކަތްތަކަކީ ވެސް "ހުދު ގިރުވާނުލީ" މަސައްކަތެކޭ އެއްގޮތަށް، ވަކި ހުނަރުތަކެއް ހުރި ބަޔަކަށް، ވަކި ވަރަކަށް ވަގުތު ހޭދަކޮށްގެން، ފުންކޮށް ފިކުރު ހިންގައިގެން ކުރާ މަސައްކަތްކަން އަޅުގަނޑުމެން ދިވެހިންނަށް ބަލައިގަނެވެން އެބަޖެހެ އެވެ. ތިމާގެ ލޮލަށް ފެންނަން ހުންނަ ތަކެތިން ކުރާ ވައްކަމާއި، ތިމާގެ ފިކުރީ މުދަލުން ކުރާ ވައްކަމުގެ ފަރަޤެއް ނެތްކަން ބަލައިގަނެވެން އެބަޖެހެ އެވެ.
ކަރުދާހުގައި، ކަޅާއި ހުދުގައި މި ހުރިހާ ކަމެއްވެސް ވަނީ ހައްލުވެފަ އެވެ. ދެން އޮތީ ވަކި ވަކި ފަރުދުންނާއި މުވައްސަސާތަކުން މި ކަންކަން ތަންފީޒުކުރުމެވެ. ތިމާގެ ޙައްޤުތައް ބޭނުންކުރުމުގެ މިނިވަންކަމުން އުފާ ޙާޞިލުކުރާއިރު އަނެކާގެ ޙައްޤުތަކަށް އިޙުތިރާމުކޮށްގެން ނޫނީ ޙަޤީޤީ މިނިވަންކަމެއްނެތެވެ.








