ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ އުމުރުން 12-18 އަހަރާ ދެމެދުގެ ކުދިންނަށް މި މަސް ނިމުމުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒު ދީ ނިންމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
މި އުމުރު ފުރައިގެ ކުދިންނަށް ރާއްޖޭގައި ވެކްސިން ދޭން މި ފަށަނީ އަލަށެވެ. އެކަމަށް ރާއްޖެ އިން ވަނީ ވެކްސިން ހޯދައިފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާ ގޮތުގައި ކުޑަކުދިންނަށް ޖަހާނީ އެމެރިކާ އިން ރާއްޖެ އަށް ހަދިޔާކުރި ފައިޒާ ވެކްސިނެވެ. އެ ގައުމުން ހަދިޔާކުރި 128،000 ޑޯޒު ލިބުނީ އިއްޔެ އެވެ.
ފައިޒާ އަކީ މިހާތަނަށް ޑަބްލިޔުއެޗްއޯއިން ކުއްލި ބޭނުމަށް ހުއްދަ ދީފައިވާ ވެކްސިންތަކުގެ ތެރެއިން، ކުޑަކުދިންނަށް ރައްކާތެރި ހަމައެކަނި ވެކްސިނެވެ.


ދިރާސީ އަހަރުގެ ކިޔެވުން ފެށުން ފާހަގަކުރުމުގެ ގޮތުން ބޭއްވި އެސެމްބްލީގައި ރައީސް ސޯލިހާއި އެޑިއުކޭޝަން މިނިސްޓަރު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަން ރެހެންދި ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ނިއު ނޯމަލްގައި ސްކޫލްތައް ކުރިއަށް ދެވޭނީ، ސަރުކާރުން މިހާރު ފަށާފައިވާ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް އެއްބާރުލުންދީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްގެން ކަމަށެވެ.
"ސަރުކާރުގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން، ހުރިހާ ކުދިންނަށް ވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމުން. މިކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވައި، ތިޔަ ބޭފުޅުންގެ ތުއްތު ކުދިންނަށް ވެކްސިން ޖައްސަވައިދެއްވުމަށް، ހުރިހާ ބެލެނިވެރިންނާއި މައިންބަފައިންގެ އަރިހުން އަޅުގަނޑު އެދެން،" ރައީސް ވިދާޅުވި އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ކޮވިޑްގެ ނުރައްކާތެރި ވަބާއިން ރާއްޖެއަށް ރައްކާތެރިކަން ލިބޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުންނެވެ. މިއަދު ފެށި ދިރާސީ އަހަރާ އެކު، ޓީޗަރުންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ދަރިވަރުންތަކެއް އެސެމްބްލީގައި: ދަރިވަރުންގެ ކިޔެވުން ނުހުއްޓި ކުރިއަށް ގެންދިއުމަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް މުހިއްމު. -- ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު
އެޑިއުކޭޝަނުން ބުނެފައިވާ ގޮތުގައި ތައުލީމީ ދާއިރާގެ މުވައްޒަފުންނާއި ޓީޗަރުންގެ ތެރެއިން 96 ޕަސަންޓް މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ފުރިހަމަ ކޮށްފަ އެވެ. އެ މިނިސްޓްރީގެ ނިންމުމަކީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމުން ނޫނީ ސެޕްޓެމްބަރު 1 ގެ ފަހުން ސްކޫލްތަކަށް ނުވެއްދުމެވެ.
މިއީ ދަރިވަރުންގެ ކިޔެވުން ހުއްޓުމެއް ނެތި ކުރިޔަށް ގެންދިއުމަށާއި ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއް ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ. ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި ހުރިހާ އެންމެން ވެކްސިންގެ ޑޯޒްތައް ވީހާވެސް އަވަހަކަށް ފުރިހަމަ ކުރަން އެ މިނިސްޓްރީން ވެސް އޮތީ އިލްތިމާސްކޮށްފަ އެވެ.













