ޓޯކިޔޯ (ޖުލައި 29) - މި ފަހަރުގެ އޮލިމްޕިކްސްގެ ރެފިއުޖީ ޓީމުގައި ހިމެނޭ އަފްގާނިސްތާންގެ ސައިކްލިސްޓް މަސޯމާ އަލީ ޒާދާ ގަބޫލުކުރާގޮތުގައި އޭނާ ތަމްސީލްކުރަމުން ދަނީ 82 މިލިއަން ރެފިއުޖީންނެވެ. އޮލިމްޕިކްސްގައި މަސޯމާ ވާދަކުރުމަކީ އަފްގާނިސްތާންގެ އަންހެނުންގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ތިބި ކުޅިވަރުން ކުރިއަށްދާން ބޭނުންވާ އަންހެނުންނަށް ވެސް އޮތް އުއްމީދެއްގެ ގޮތުގައި އޭނާ ދެކެ އެވެ.
އޮލިމްޕިކްސް އިން ފުރުސަތު ދިން ރެފިއުޖީ ޓީމުގައި ޖުމްލަ 25 އެތުލީޓުން ހިމެނެ އެވެ.
ސައިކްލިސްޓަކަށް ވާން ޒުވާނުން އުމުރުގައި ބައިސްކަލަކަށް އަރައިގެން އަފްގާނިސްތާންގައި މަސޯމާ ޕްރެކްޓިސް ފެށުމާ އެކު ގިނަ ބަޔެއްގެ ނުރުހުން އޭނާ އަށް އަމާޒުވި އެވެ. ކުޅިވަރަކީ އަންހެނުން ކުރިއަށްދާން ރަނގަޅު ދާއިރާއެއް ނޫން ކަމަށް ބުނެ، މަސޯމާއާ ދިމާލަށް ގާ އުކާ ހެދި މީހުންގެ ވެސް އޭނާ އުޅެ ބޮޑުވި ސަރަހައްދުގައި ދިރިއުޅުނެވެ.
ތާލިބާނުންގެ ހަމަލާތަކުން ސަލާމަތްވެ، ރައްކާތެރި ދިރިއުޅުމެއް ހޯދަން މަސޯމާގެ އާއިލާ އަފްގާނިސްތާން ދޫކޮށް ރެފިއުޖީންގެ ގޮތުގައި ފްރާންސަށް ހިޖުރަކުރީ 2016 ވަނަ އަހަރު އެވެ.
އެ ހިސާބުން ސައިކްލިސްޓަކަށް ވުމަށް މަސޯމާ، 25، ދެކެމުން އައި ހުވަފެނަށް ދިރުން ލިބުނެވެ. ކުރި ބުރަ މަސައްކަތުން މަސޯމާ ވަނީ ރެފިއުޖީ އެތުލީޓުންނަށް ދޭ ސްކޮލަޝިޕެއް ހޯދައިފަ އެވެ.

މަސޯމާ: އޮލިމްޕިކްސްގެ ރެފިއުޖީ އެތުލީޓުންގެ ހާއްސަ ޓީޝާޓެއް ލައިގެން.-- ފޮޓޯ: އޭއެފްޕީ
ސްކޮލަޝިޕްގެ ޓްރެއިނިންތަކުގައި މަސޯމާގެ ފަރާތުން ފެނުނު ޕްރޮފެޝަނަލް ވިސްނުމާއި އޭނާގެ މަސައްކަތް ރަނގަޅުވުމުން މިދިޔަ މެއި މަހު އިންޓަނޭޝަނަލް ފެޑެރޭޝަންތަކުގެ ސެލެކްޝަން ޓީމުތަކުން ނިންމީ މަސޯމާ އަށް އޮލިމްޕިކްސް އިން ފުރުސަތު ދޭށެވެ.
އިއްޔެ މަސޯމާ ވަނީ އޮލިމްޕިކްސްގެ 24 އެތުލީޓުންނާ އެކީ އިވެންޓްގައި ވާދަކޮށްފަ އެވެ. މިއީ އޭނާ ދެކޭ ގޮތުގައި ދިގު އިންތިޒާރަކަށް ފަހު ހިތަށް ފިނިކަމެއް ލިބުނު ވަގުތެކެވެ.
"މިއީ ވަރަށް ބޮޑު ޒިންމާއެއް. އަހަރެން މި ތަމްސީލްކުރަނީ ދުނިޔޭގެ 82 މިލިއަން ރެފިއުޖީން. ދެން އަފްގާނިސްތާންގެ ހުރިހާ އަންހެނުންނާއި މުޅި ދުނިޔެ އިން ވެސް އަންހެނުންގެ ތެރެއިން ބައިސްކަލެއް ދުއްވުމުގެ ހުއްދަ ވެސް ނެތް މީހުންނަށް އަހަރެން މި ވަގުތު ހާއްސަކުރަން،" މަސޯމާ ބުންޏެވެ.
"އަހަރެން މިކަން މި ކުރަނީ ވަރަށް ފަހުރުވެރިކަމާ އެކު. އަހަރެން މުޅި ދުނިޔެ އަށް ދޭން ބޭނުންވަނީ ސުލްހައިގެ މެސެޖެއް،"
އޮލިމްޕިކްސްގައި އިއްޔެ ކުރިއަށްދިޔަ ސައިކަލް އިވެންޓަކީ މަސޯމާ ޓައިމް ޓްރަޔަލް އިވެންޓެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. އެންމެ ފުލުން ނިންމާލަން ޖެހުނަސް މަސޯމާގެ ފަރުވާލެއް ނެތެވެ. އެއީ އޮލިމްޕިކްސްއާ ހަމައަށް އާދެވުމަކީ ވެސް އޭނާ އަށް ފަހުރެކެވެ.
މަސޯމާ ބުނީ ކުޅިވަރުން ކުރިއަށްދާން ލިބޭ ރަނގަޅު ކޮންމެ ފުރުސަތަކަށް ވެސް މަރުހަބާ ކިޔާނެ ކަމަށެވެ. އަދި އޮލިމްޕިކްސްގެ މި ތަޖުރިބާގެ އަލީގައި ކުރިއަށް އޮތްތަނުގައި ދިރިއުޅުމުގައި ގިނަ ކަންތައްތަކެއް ހާސިލްކުރެވޭނެ ކަމަށް މަސޯމާ ގަބޫލުކުރެ އެވެ.












