ޝުކުރިއްޔާ، ސައްޔިދުނާ ޔޫސުފު ޢަލައިހިއްސަލާމް!

މިސްރުގެ އަހުރާމަތައް: ސައްޔިދުނާ ޔޫސުފު ޢަލައިހިއްސަލާމް ވަނީ މިސްރުގައި ވެރިކަން ކުރައްވާފައި.

މިސްރުގެ އަހުރާމަތައް: ސައްޔިދުނާ ޔޫސުފު ޢަލައިހިއްސަލާމް ވަނީ މިސްރުގައި ވެރިކަން ކުރައްވާފައި.

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

އާންމު ގޮތެއްގައި ޤައުމެއްގައި ފަސާދަ އުފެދެނީ އެ ޤައުމެއްގެ އިދާރީ ހިންގުން ދޯހަޅިވުމުން ކަމާއި، އެއީ އާމުދަނީ ލިބޭނެ މަގުތައް ނެތިގެން ނޫންކަން، ކަލޭގެފާނުގެ ވާހަކައިން ދަސްވެއްޖެ އެވެ. މިޞްރުގެ ރައްޔިތުންނާ ކުރިމަތިވި ބަނޑުހައިހޫނުކަމުން، ކަލޭގެފާނު އެ މީހުން ސަލާމަތްކޮށްދެއްވިއިރު، ކާބޯތަކެތީގެ އާ މަޞްދަރުތަކެއް ކަލޭގެފާނު ނުގެންނަވަމު އެވެ. އެހެނެއްކަމަކު، ކަލޭގެފާނު ގެނެސްދެއްވީ، ކުރިން ވެސް ހުރި ތަކެތީގެ ބޭނުންކުރާނެ ގޮތުގެ ހެޔޮ ވިސްނުންފުޅެކެވެ.

ޝުކުރިއްޔާ، ސައްޔިދުނާ ޔޫސުފު ޢަލައިހިއްސަލާމް!

ދުނިޔޭގައި ޙައްޤާއި ބާޠިލާ ދެމެދުގައި ހަނގުރާމަކުރުން ޤިޔާމަތަށް ދާންދެން ދެމިއޮންނާނެކަމާއި، ބަދަލުވަމުންދާނީ ހަމައެކަނި ހަނގުރާމަވެރިންކަން، ކަލޭގެފާނުގެ ވާހަކައިން ދަސްވެއްޖެ އެވެ. ކަލޭގެފާނާ ދެކޮޅަށް ޒުލައިޚާ ކުރި ހަނގުރާމައަކީ، ޢިއްފަތްތެރިކަމާ ދެކޮޅަށް ޝަހުވަތްތެރިކަމުގެ އަހުލުވެރިން ހުރިހައި ޒަމާނެއްގައި ވެސް ކުރާ ހަނގުރާމައެކެވެ. ކަލޭގެފާނާ ދެކޮޅަށް ކަލޭގެފާނުގެ އަޚުން ކުރި ހަނގުރާމައަކީ، ލޯބިވެރިކަމާ ދެކޮޅަށް ޙަސަދަވެރިކަމުގެ އަހުލުވެރިން ހުރިހައި ޒަމާނެއްގައި ވެސް ކުރާ ހަނގުރާމައެކެވެ.

ޝުކުރިއްޔާ، ސައްޔިދުނާ ޔޫސުފު ޢަލައިހިއްސަލާމް!

ބައެއް މީހުން، އަނެކުންނަށް ނަފުރަތުކުރަނީ، އަނެކުންގެ ކިބައިގައި އުނިސިފަތަކެއް ވާތީނޫންކަމާއި، އެއީ އަނެކުންގެ ކިބައިގައި ރަނގަޅު ސިފަތަކެއް ވާތީކަން، ކަލޭގެފާނުގެ ވާހަކައިން ދަސްވެއްޖެ އެވެ. ކަލޭގެފާނު ދެކެ ނަފުރަތުކުރި މީހުން އެ ކަން ކުރީ، އެ މީހުންގެ ކިބައިގައިވާ އަނދޮޅުކަން ކަލޭގެފާނުގެ ކިބައިގައި ނެތަތީ އެވެ. އަދި އެ މީހުންގެ ކިބައިގައި ނެތް މޮޅު ސިފަތަކެއް ކަލޭގެފާނުގެ ކިބައިގައި ވާތީ އެވެ. އެފަދަ މީހުންނަކީ އެ މީހުންގެ ކިބައިގައިވާ އުނި ސިފަތައް، އެ މީހުންނަށް ހަނދާންކޮށްދޭން ބޭނުންވާނެ ބަޔެއް ނޫނެވެ.

ޝުކުރިއްޔާ، ސައްޔިދުނާ ޔޫސުފު ޢަލައިހިއްސަލާމް!

ބައެއް ފަހަރު އަނިޔާވެރިން އަޅުގަނޑުމެންގެ ފަހަތުން އައިސް އަޅުގަނޑުމެންނަށް ގެއްލުންދެނީ، ކުރިން ހީކުރެވިފައި ވެސް ނެތްފަދަ ގޮތްގޮތަށްކަން، ކަލޭގެފާނުގެ ވާހަކައިން ދަސްވެއްޖެ އެވެ. އެހެނީ، މިނިކާވަގުގެ ނުރައްކަލުން ކަލޭގެފާނު ސަލާމަތްވެވަޑައިގަތްއިރު، ކަލޭގެފާނުގެ އަޚުންގެ ނުބައިކަމުން ކަލޭގެފާނު ސަލާމަތްވެވަޑައެއްނުގަތެވެ!

ޝުކުރިއްޔާ، ސައްޔިދުނާ ޔޫސުފު ޢަލައިހިއްސަލާމް!

ބައެއް ޙާލަތްތަކުގައި މުޖުރިމުންނަކީ ހެޔޮއެދޭ މީހުންގެ ފޭރާން ލައިގެންއުޅޭ ބަޔެއްކަން، ކަލޭގެފާނުގެ ވާހަކައިން ދަސްވެއްޖެ އެވެ. ސަލާމްލެއްވި އާދަމުގެފާނުގެ އަރިއަހުގައި އިބްލީސް ނުބުނޭތޯ އެވެ؟

"އޭ އާދަމުގެފާނެވެ! (އެ ގަހުން ފަރިއްކުޅުއްވައިފިނަމަ، ކަލޭގެފާނު އަބަދަށް ދެމިހުންނަވާނެ) ޝަޖަރަތުލްޚުލްދި ގަހާއި، ފަނާވެގެންނުދާނޭ ވެރިކަމެއް، ކަލޭގެފާނަށް ތިމަން ދައްކަންތޯ އެވެ؟"

ކަލޭގެފާނުގެ ބައްޕާފުޅު ޔަޢުޤޫބުގެފާނުގެ އަރިއަހުގައި ކަލޭގެފާނުގެ އަޚުން ނުބުނޭތޯ އެވެ؟

"ހަމަކަށަވަރުން، ތިމަންމެންނީ، އެކަލޭގެފާނަށް (އެބަހީ: ކަލޭގެފާނަށް) ހެޔޮއެދޭ ބަޔަކީމު އެވެ." އަދި "ހަމަކަށަވަރުން، ތިމަންމެން އެ ކަލޭގެފާނު (އެބަހީ: ކަލޭގެފާނު) ބަލަހައްޓައި ރައްކާތެރިކުރާހުށީމު އެވެ."

ޝުކުރިއްޔާ، ސައްޔިދުނާ ޔޫސުފު ޢަލައިހިއްސަލާމް!

ބައެއް އަނިޔާތަކަކީ ބައެއް އެހެން އަނިޔާތަކަށްވުރެ ލުއި އެއްޗެއްކަން، ކަލޭގެފާނުގެ ވާހަކައިން ދަސްވެއްޖެ އެވެ. ހެޔޮ ޢަމަލުތައް ކުރުމުގައި މީސްތަކުން ތަފާތުވާ ފަދައިން، ނުބައި ޢަމަލުތައް ކުރުމުގައި ވެސް މީސްތަކުން ތަފާތުވެ އެވެ. މާތް ﷲ ގެ ވާގިފުޅާއެކު، ކަލޭގެފާނު ސަލާމަތްކޮށްދެއްވީ ކަލޭގެފާނުގެ އަޚުންގެ ތެރެއިން އެންމެ ނުބައިކަން ކުޑަ އަޚެވެ. އޭނާ ނުބުނޭތޯ އެވެ؟

"ތިޔަބައިމީހުން ޔޫސުފުގެފާނު ޤަތުލުނުކުރާށެވެ! ތިޔަބައިމީހުން ކަމެއްކުރަންޏާ (އަނދިރި) ވަޅެއްގެ އަޑިޔަށް އެ ކަލޭގެފާނު އެއްލައިލާށެވެ! އޭރުން، ދަތުރުކުރަމުންދާ ބަޔަކު، އެ ކަލޭގެފާނު ހޮވައިގެން ގެންގޮސްފާނެތެވެ."

ޝުކުރިއްޔާ، ސައްޔިދުނާ ޔޫސުފު ޢަލައިހިއްސަލާމް!

ކަންކަން ރާވައި ޕްލޭންކުރަންޖެހޭ ކަމާއި، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދެވޭނީ ހިންގުންތެރި ރަނގަޅު އިދާރާއަކުންކަން، ކަލޭގެފާނުގެ ވާހަކައިން ދަސްވެއްޖެ އެވެ. ކަލޭގެފާނުގެ ޒަމާނުގައި މިޞްރުގެ އަހުލުވެރިންނާ ކުރިމަތިވި ބަނޑުހައިހޫނުކަމުގެ މައްސަލަ، ކަލޭގެފާނު ޙައްލުކުރެއްވީ އެކަމަށްޓަކައި ޕްލޭނެއް އެކަށައަޅުއްވައިގެންނެވެ. އަދި ކަލޭގެފާނުގެ އަޚު ކަލޭގެފާނުގެ އަރިއަހުގައި ބެހެއްޓެވީ ވެސް ޕްލޭނެއް އެކަށައަޅުއްވައިގެންނެވެ.

ޝުކުރިއްޔާ، ސައްޔިދުނާ ޔޫސުފު ޢަލައިހިއްސަލާމް!

މީސްތަކުންނަށް ލިބޭ މަތީ މަޤާމުތަކަކީ، އެ މީހުންނަށް ލިބޭ ޝަރަފުތަކެއް ނޫންކަމާއި، އެއީ އެ މީހުންނާ ޙަވާލުކުރެވޭ މަސްއޫލިއްޔަތުތަކެއްކަން، ކަލޭގެފާނުގެ ވާހަކައިން ދަސްވެއްޖެ އެވެ. މިޞްރުގެ ބިމުގެ ޚަޒާނާތަކުގެ ވެރިކަން، ކަލޭގެފާނަށް ދެއްވުމަށް ކަލޭގެފާނު އެދިވަޑައިގަތީ، ކަލޭގެފާނުގެ މިލްކެއް ކަމުގައި އެ ޚަޒާނާތައް ހެއްދެވުމަކަށެއްނޫނެވެ. އެކަމަކު އެ ޚަޒާނާތަކުން މިޞްރުގެ ރައްޔިތުންގެ ޙައްޤުތައް އަދާކުރެއްވުމަށްޓަކަ އެވެ. އެ ކަން ކުރުމަށް ކަލޭގެފާނަށްވުރެ ކުޅަދާނަ މީހަކު އޭރު މިޞްރުގައި ހުރިނަމަ، ކަލޭގެފާނު އެ ކަމަށް އެދިވަޑައިނުގަތީސްކަން ކަށަވަރެވެ.

ޝުކުރިއްޔާ، ސައްޔިދުނާ ޔޫސުފު ޢަލައިހިއްސަލާމް!

ލޯތްބަކީ އެއަށް މީރުވަހެއް ވާ އެއްޗެއް ކަމާއި، އެ މީރުވަހަކީ ލޯބިވެރިން ނޫން ބަޔަކަށް ނޭނގޭނެ އެއްޗެއްކަން، ކަލޭގެފާނުގެ ވާހަކައިން ދަސްވެއްޖެ އެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ހަށިކޮޅުގެ މީރުވަސް، ކަލޭގެފާނުގެ ބައްޕާފުޅުގެ ނޭފަތްޕުޅަށް ވާޞިލުވި އެވެ! އެއީ، ކަލޭގެފާނުގެ ގަމީސްކޮޅު އެކަލޭގެފާނާ ހަމައަށް ވާޞިލުވުމުގެ ކުރިންނެވެ!

ޝުކުރިއްޔާ، ސައްޔިދުނާ ޔޫސުފު ޢަލައިހިއްސަލާމް!

ދަރީންގެ މެދުގައި ޢަދުލުވެރިވުމަކީ، މައިންބަފައިންގެ މައްޗަށް އޮތް ވާޖިބެއްކަން، ކަލޭގެފާނުގެ ވާހަކައިން ދަސްވެއްޖެ އެވެ. މައިންބަފައިންނަށް ނޭނގޭ ޙާލު، އެ މީހުންގެ ދަރީންގެ މެދުގައި، އެ މީހުން ޙަސަދަވެރިކަން އުފައްދަ އެވެ. މާތް ﷲ، ކަލޭގެފާނުގެ ބައްޕާފުޅުގެ ހިތްޕުޅުގައި އެ ކަލޭގެފާނުގެ އެހެން ބޭފުޅުންގެ މައްޗަށް ލައްވާފައިވާ ވަރަށްވުރެ އިތުރަށް ކަލޭގެފާނުގެ މައްޗަށް ލޯބި ލެއްވި އެވެ. އެއީ، އަޅުގަނޑުމެން ދަރީންދެކެ ލޯބިވާއިރު، އެ ކަމާމެދު ޚަބަރުދާރުވުމަށްޓަކަ އެވެ. ދަރީންގެ ތެރެއިން ވަކި ކުއްޖަކު ދެކެ ބޮޑަށް ލޯބިވެވޭނަމަ، އެ ކަން ބާއްވަންވާނީ ހިތުގެއަޑީގަ އެވެ. އެ ކަން ހިތުން ބޭރުކޮށް، އެ ކަމަށް ޢަމަލީ ސިފަ ގެނައުމަކީ، ދަރީންގެ މެދުގައި ޙަސަދަވެރިކަން އުފައްދާނެ ފިތުނައެކެވެ.

ޝުކުރިއްޔާ، ސައްޔިދުނާ ޔޫސުފު ޢަލައިހިއްސަލާމް!

މޮޅިވެރިކަމާއި ހިތާމައިގެ ޝަކުވާތައް ދަންނަވަންޖެހެނީ މާތް ﷲ ގެ ޙަޟުރަތަށް ކަމާއި، އެއީ އެ ކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ހުށަހަޅަންޖެހޭ އެއްޗެއް ނޫންކަން، ކަލޭގެފާނުގެ ވާހަކައިން ދަސްވެއްޖެ އެވެ. މީސްތަކުން ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއީ، ރުހޭ މީހުންނާއި ނުރުހޭ މީހުންނެވެ. ރުހޭ މީހެއްގެ ގާތުގައި ހިތާމައިގެ ޝަކުވާތައް ހާމަކޮށްފިނަމަ، އޭނާ ހަމްދަރުދީވާނެ އެވެ. ނުރުހޭ މީހެއްގެ ގާތުގައި ހިތާމައިގެ ޝަކުވާތައް ހާމަކޮށްފިނަމަ، އޭނާ މަލާމާތްކުރާނެ އެވެ. އެ ދެ މީހުންނަށް އަޑުއިވޭ ޝަކުވާތަކުގެ މައްސަލަ، އެ ދެ މީހުންކުރެ މީހަކަށް ޙައްލުކޮށެއްނުދެވޭނެ އެވެ. އެހެންވީމާ، މޮޅިވެރިކަމާއި ހިތާމައިގެ ޝަކުވާތައް ދަންނަވަންޖެހޭ ހަމައެކަނި ފަރާތަކީ، ކަށަ ކުޅަދުންވަންތަ މާތް ﷲ އެވެ.

ޝުކުރިއްޔާ، ސައްޔިދުނާ ޔޫސުފު ޢަލައިހިއްސަލާމް!

ތިމާއާމެދު މީހުން ބުނާ ދެރަބަސްތައް ހިތުގެ އަޑީގައި ސިއްރުކުރަންޖެހޭ ކަމާއި، އެ މީހުންނާ މުޢާމަލާތުކުރަންވާނީ އެކަން ނުދަންނަ މީހެއް ފަދައިންކަން، ކަލޭގެފާނުގެ ވާހަކައިން ދަސްވެއްޖެ އެވެ. ކަލޭގެފާނުގެ އަޚުގެ އިސްތަށިފުޅުގައި އޭނާގެ އަޚުން އެޅުވި ވައްކަމުގެ އިލްޒާމު، ކަލޭގެފާނުގެ ހިތްޕުޅުގައި ސިއްރުކުރެއްވީމު އެވެ. އަދި ކަލޭގެފާނު އެ އަޚުންނާ މުޢާމަލާތުކުރެއްވީ، އެ އިލްޒާމަކީ ބުހުތާން ދޮގެއްކަން ދެނެވަޑައިނުގަންނަވާ ބޭކަލެއްގެ ގޮތުގަ އެވެ. އެ ކަމުގެ ސަބަބުން ކަލޭގެފާނުގެ ޢިއްޒަތާއި ޤަދަރަށް އުނިކަމެއް ނާދެ އެވެ. ޢަރަބީންގެ ޙިކުމަތްތެރި ބަހެއްގައި ވެ އެވެ.

"މީސްތަކުންގެ ވެރިޔަކީ، އެ މީހުންގެ މެދުގައި ހިނގާ ކަންކަން ނޭނގޭކަމަށް ހެދިގެން ހުންނަ މީހާއެވެ!"

ޝުކުރިއްޔާ، ސައްޔިދުނާ ޔޫސުފު ޢަލައިހިއްސަލާމް!

ތިމާގެ ޙައްޤަކަށް އަރައިގެންފައިވާ ބަޔަކަށް އަދަބުދިނުމުގެ ކުޅަދާނަކަން ތިމާއަށް ލިބިފައިވާ ޙާލު، އެ މީހުންނަށް މަޢާފުކުރުމަކީ މަކާރިމުލްއަޚުލާޤުގެ ތެރެއިންވާ ރީތި ކަމެއްކަން، ކަލޭގެފާނުގެ ވާހަކައިން ދަސްވެއްޖެ އެވެ.

ކަލޭގެފާނަށާއި ކަލޭގެފާނުގެ އަޚަށް އަނިޔާވެރިވި އަޚުންގެ ގާތުގައި، ކަލޭގެފާނު ވިދާޅުވީ މިހެން ނޫންތޯ އެވެ؟

"ތިޔަބައިމީހުންނަށް ނޭނގިތިބި ޙާލު، ޔޫސުފުގެފާނަށާއި، އެ ކަލޭގެފާނުގެ އަޚާއަށް ތިޔަބައިމީހުން ކުރިކަންތައް ތިޔަބައިމީހުން ދެނެތިބީމުހެއްޔެވެ؟"

ކަލޭގެފާނު އެ އަޚުންނަށް އަދަބެއް ދެއްވާފާނެތީ އެ އަޚުން ބިރުގަތް ހިނދު ކަލޭގެފާނު ވިދާޅުވީ މިހެން ނޫންތޯ އެވެ؟ "މިއަދު ތިޔަބައިމީހުންގެ މައްޗަކަށް މަލާމާތެއް ދެރަބަހެއް ނެތެވެ. ތިޔަބައިމީހުންނަށް اللَّه ފާފަފުއްސަވާށި އެވެ!"

ކަލޭގެފާނުގެ ވާހަކައިން، މަޢާފުކުރުމާއި ދޫދިނުމުގެ މިފަދަ އެތައް ފިލާވަޅުތަކެއް ދަސްވެއްޖެ އެވެ!

ސައްޔިދުނާ ޔޫސުފު ޢަލައިހިއްސަލާމްގެ ވެރި ރަސްކަލާނގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ހުއްޓެވެ!

އެ ކަލާނގެއީ، އެ ކަލޭގެފާނާއި އަޅަމެންގެ ވެރި ރަސްކަލާނގެ އެވެ. އިބަ ރަސްކަލާނގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ތަކުރާރުކުރަމެވެ. އިބަ ރަސްކަލާނގެ ބާވައިލެއްވި ޔޫސުފުގެފާނުގެ ވާހަކައިގައި ވަނީ، އިބަ ރަސްކަލާނގެ އެންގެވި ފަދައިން އެންމެ ރިވެތި ވާހަކަތަކެވެ. އެ ވާހަކަ ކިޔާ ކޮންމެ ފަހަރަކުމެ، އެއިން އާ ޙިކުމަތްތައް ދަސްވަމުންދެ އެވެ. އެލަކުނިއްޔާ، މުޅި ކީރިތި ޤުރުއާން ނުކިޔަވައި ތިބެންވީ ކީއްވެތޯ އެވެ؟ އެ މާތް ފޮތުގައިވާ ހުރިހައި އާޔަތްތަކާމެދު ފިކުރު ހިންގައިފިނަމަ، އެއިން ޙާޞިލުވާނެ ޢިބްރަތްތަކާއި ޙިކުމަތްތައް މާގިނަވާނެނޫންތޯ އެވެ؟

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox