ސިޔާސީ ގޮތުން ބުރަދަނެއް ނެތް، ކުޑަ ޕާޓީއެއް ކަމުގެ ފާޑުކިއުން އަމާޒުވިޔަސް އަދާލަތަށް މައްސަލައެއް ނެތެވެ; ވެރިކަން ކުރާ ކޯލިޝަންގައި، ރައްޔިތުންނަށް ވި ވައުދުތަކުގެ މަތީގައި އެ ޕާޓީ ދެމިއޮތީ ސާބިތުކަންމަތީގަ އެވެ. ކޯލިޝަންގައި ކުރިއަށްދާންވީ މިސްރާބު ވެސް ޕާޓީއަށް ސާފެވެ. ސަރުކާރުތަކުގައި ކުރިން ކުރެވުނު ތަޖުރިބާތަކުން ހޯދި ފިލާވަޅުތަކުންނެވެ.
ރާއްޖޭގައި ވެރިކަން ހޯދުމުގެ މުޖައްރިބު ފޯމިއުލާގައި ކޮންމެ ފަހަރަކު އަދާލަތު ޕާޓީގެ ބައިވެރިވުން ބޮޑެވެ. އެއީ އިންތިހާބު ކާމިޔާބުކުރަން އެކުލަވާލާ ބިޔަ ކޯލިޝަން ފަޅީގައި އަދާކުރާ ދައުރުންނެވެ. އެކަމަކު މި ފޯމިއުލާ ރަނގަޅީ ހަމައެކަނި ވޯޓު ހޯދުމަށެވެ. ވެރިކަން ހިންގުމުގައި ރަނގަޅަށް ބައިވެރިވާން އުޅެގެން ނުކުންނަ މައްސަލަތަކުން ކޮންމެ ފަހަރަކު ވެސް ކޯލިޝަން ރޫޅެނީ އެވެ.
ފުރަތަމަ ދެ ފަހަރު, 2008 އާއި 2013 ގައި ކޯލިޝަން ވެރިކަމުގެ ހިތި ތަޖުރިބާކޮށްފި އެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ކޯލިޝަން ރޫޅި، ޕާޓީތައް ސަރުކާރާ ދެކޮޅަށް ތެދުވެ މާބަދަހި ގުޅުމަކަށް އިއްތިހާދުވަނީ އެވެ.

އިމްރާން "އަދަދު"އަށް ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަބްދުﷲ ޝަފީއު/ އަދަދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެނައުމުގެ ކޯލިޝަނެއްގައި, ފިކުރު ދިމާނުވާ ސިޔާސީ ޕާޓީތަކުން ގޮށްޖެހީ ފޭލްވި ކޯލިޝަންތަކުގެ ލީޑަރުން ހިޔާލު އެއްގޮތްވެއްޖެ ކަމަށް ރައްޔިތުންނަށް ދައްކައިގެންނެވެ. ރައީސް އަބްދުالله ޔާމީނާ ދެކޮޅަށް ކޯލިޝަނެއް ހެދީ ވެސް އެހެންނެވެ. ހިނގަހިނގާ މިއޮތީ އެ ކޯލިޝަނެވެ.
މި ވެރިކަމުގައި ކޯލިޝަން ބަދަހިކުރަން ޕާޓީތަކުން ހިއްސާވާނެ މިންވަރު ކަނޑައަޅައި ގާނޫނީ ހައިސިއްޔަތު ދޭން ވައުދުތަކެއް ވެސް ވި އެވެ. އެކަމަކު ދައުރު ދެބައިވި އިރު މާ ބުރަދަން ހުރި އެއްބަސްވުންތަކަކަށް ނުވި ނަމަވެސް ރެކޯޑަކީ މިހާތަނަށް އެންމެ ގިނަ ދުވަހު ދެމިއޮތް ކޯލިޝަންގެ ލަގަބު ލިބުމެވެ.
މާނައަކީ ވެރިކަމުގައި ކަން ހިނގާ ގޮތާ މެދު ލީޑަރުގެ ހިތްހަމަނުޖެހުންތައް ނެތުމެއް ވެސް ނޫނެވެ. ހަމައެކަނި ތަފާތަކީ އެހެން ފަހަރުތަކާ ހިލާފަށް, ޕާޓީތަކުގެ ލީޑަރުންނަށް މައްސަލަތަކުގައި ރައީސް ސޯލިހާ މަޝްވަރާކުރަން ޖާގަ ލިބުމެވެ.
ކޯލިޝަން ސަރުކާރުގެ ރައީސް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން ބޭނުން ވަނީ މިހާރުން މިހާރަށް ވެސް ކޯލިޝަން ރޫޅާލާށެވެ. އެކަމަކު އެ ވާހަކައިން ޕްރެޝަރު ބޮޑުވި ކޮންމެ ފަހަރަކު އެމަނިކުފާނު ދެއްވާ ޔަގީންކަމަކީ ކޯލިޝަން ދެމިއޮންނާނެ ކަމެވެ.
ކޯލިޝަން ލީޑަރެއްގެ ގޮތުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވީ ކޯލިޝަން އެކުލަވާލި އިރު އެއްބަސްވެވުނު ގޮތަށް މުޅިން ނުދިޔަ ނަމަވެސް ރައީސް ސޯލިހް ދެއްވާ އެ ޔަގީން ކަމަކީ މިހާތަނަށް ޕާޓީތަކަށް އެކުގައި ތިބެވުނު އެއް ސަބަބު ކަމަށެވެ. ލީޑަރުންގެ ހިތްހަމަނުޖެހުންތަކާއި ހިޔާލުތަފާތުވުން އަދި ހިތްނޭދޭ ކަންކަން ހިނގާފައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ފަހު މަޖިލީސް އިންތިހާބަށް ޕާޓީތަކުން ވާދަކުރަން އެކުގައި ވީ އެއްބަސްވުމާ އެމްޑީޕީން ދެކޮޅު ހެދުމަކީ މައްސަލަ ބޮޑުވެ ކޯލިޝަން ރޫޅުމާ ހިސާބަށް ދިޔަ ކަމެކެވެ. އެކަމަކު އެކަމުގައި ވެސް ދޫ ދިނުމާ އެކު މި ހިސާބަށް ދިޔައީ ޕާޓީތައް ގުޅިގެން ގައުމަށް ހަމަޖެހުން ގެނެސް ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދޭން ވި ވައުދުތައް ލީޑަރުން ހަނދާން ނައްތާނުލެއްވުން ކަމަށް އިމްރާން ވިދާޅުވި އެވެ.
"މި ކޯލިޝަން ކާމިޔާބުވާނެ"
އިމްރާން ވިދާޅުވީ ސަރުކާރުގެ ބައެއް ނިންމުންތަކާ މެދު އެ ޕާޓީން ހިތްހަމަ ނުޖެހޭ ކަމަށެވެ. އޭގެ މާނައަކީ ގޯސްތައް އަބަދު ދައްކައި ރަނގަޅަށް ހިނގާ ގިނަ ކަންކަން ހަނދާން ނައްތާލުމެއް ނޫން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުން ސިޔާސަތުތައް ކަނޑައަޅަނީ އަދި ނިންމުންތައް ނިންމަނީ އާއްމު ގޮތެއްގައި ވަރަށް ބޮޑަށް މަޝްވަރާކޮށްގެންނެވެ. ވަރަށް ބޮޑަށް ހުޅުވާލައި އެންމެންނަށް ފުރުސަތުތައް ދީގެންނެވެ.

ކޯލިޝަންގެ ލީޑަރުން: އިމްރާން ދެކެވަޑައިގަންނަވާ ގޮތުގައި މިހާތަނަށް ވެސް މި ވެރިކަމަކީ ކޯލިޝަންގައި ރެކޯޑެއް. -- ފޮޓޯ/ރައީސް އޮފީސް
ކޯލިޝަން ވެރިކަމެއް ދެމެހެއްޓުމަކަށްޓަކައި ކޮންމެހެން ކުރަންޖެހޭ މުހިއްމު ކަންކަން ވެސް އިމްރާން ވިދާޅުވި ގޮތުގައި ރައީސް ސޯލިހް ގެންދަވަނީ ކުރައްވަމުންނެވެ.
"އަޅުގަނޑު ދެކެނީ 2008 ވަނަ އަހަރުން ފެށިގެން އުފެދިގެން މިއައި ކޯލިޝަންތަކުގެ ތެރެއިން އެންމެ ބޮޑަށް މަޝްވަރާކޮށްގެން ހިނގާ ސަރުކާރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުކަން ޔަގީންކަމާ އެކު ދަންނަވަން ކެރޭ," އިމްރާން ވިދާޅުވި އެވެ.
އެހެންވެ އޭނާ ގަބޫލުކުރައްވަނީ ކޯލިޝަން ވެރިކަމުގެ މަތީގައި ދައުރު ދެބައިވި ގޮތަށް ލީޑަރުންނަށް އެކުގައި ތިބެ ފަސް އަހަރު ނިންމާލެވޭނެ ކަމަށެވެ. ރާއްޖޭގައި ކޯލިޝަން ވެރިކަމެއް ކާމިޔާބު ވާ ނަމަ އެއީ މިވެރިކަން ކަމަށް ރައްޔިތުންގެ ގާތުގައި ވިދާޅުވި ވާހަކަ އަދިވެސް ތަކުރާރު ކުރައްވަން ބޭނުންވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
"އެ މަންޒަރު އެބަފެނޭ. ދެ އަހަރު ބައިވެއްޖެ. ކުރިއަށް ދިއުމުގައި ގޮންޖެހުންތަކެއް ހުއްޓަސް ހިޔާލިތަފާތުވިޔަސް އެ ކަންކަން ހައްލުކުރެވޭ," އިމްރާން ވިދާޅުވި އެވެ.
ކޯލިޝަން ލީޑަރުންގެ ބައްދަލުވުންތަކާއި ވާހަކަތަކުން ރައްޔިތުންނަށް ވި ވައުދުތަކާ އެއްގޮތަށް ވެރިކަމުގެ މިސްރާބު މުޅިން ނުދިއުމާއި ވައުދު ފުއްދުމުގައި ލަސްތަކެއް އުޅޭ ކަމަށް އަދާލަތުން ގަބޫލުކުރެ އެވެ. ރައްޔިތުންގެ އުއްމީދުތަކާ ހަމައަށް ވާސިލްނުވެ ހުރި ކަންކަން އެބަހުރި ކަމަށް ވިދާޅުވި އެވެ. އެކަމަކު އެކަންކަމުން އަރައިގަތުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އިމްރާން ވިދާޅުވި އެވެ.
ހައްގު މިންވަރެއް ނުލިބޭ, އެއީ ސުވާލެއް
މި ވެރިކަން އެކުލަވާލި އިރު ކޮންމެ ޕާޓީއަކުން ވެސް ސަރުކާރުގައި ހިއްސާވާނެ ނިސްބަތާ މެދު އެއްބަސްވެވުނެވެ. އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމްގެ އިތުރުން އަދާލަތު ޕާޓީ, ކެބިނެޓާ ހަމައިން ފެށިގެން ސަރުކާރުގެ މަގާމްތަކާއި ކުންފުނިތަކުން ގޮނޑިތައް ދޭނެ އަދަދެވެ. މި އެއްބަސްވުމާ އެއްގޮތަށް މަގާމްތައް ނުލިބޭ ކަމުގެ ޝަކުވާ ޕާޓީތަކުގައި އެބައޮތެވެ.
އިމްރާން ވިދާޅުވީ ސަރުކާރުގައި ހައްގުވާ މިންވަރު އަދާލަތަށް ނުލިބޭ ކަމަށެވެ. އެކަމަކު މިއީ ހުރިހާ ޕާޓީތަކުގެ ވެސް ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހައްގުވާ މިންވަރު ލިބުނު ކަމަކަށް ހަތަރު ޕާޓީން ވެސް ގަބޫލެއް ނުކުރޭ. ހައްގުވާ މިންވަރުގައި އެބައޮތް ވަރަށް ބޮޑު ސުވާލެއް. އެ ބަޔަކު ދެކޭ ގޮތުގައި އެ ބަޔަކަށް ހައްގުވާ މިންވަރު ނުލިބުމުގެ ސުވާލު އެބައޮތް މިއަދު. ހުދު އެމްޑީޕީން ވެސް ގަބޫލެއް ނުކުރޭ ހައްގު މިންވަރު އެ ބޭފުޅުންނަށް ލިބުނު ކަމަކަށް" އިމްރާން ވިދާޅުވި އެވެ.
ހައްގު މިންވަރު އެއްފަރާތްކޮށްފައި, ވެރިކަން ދެމެހެއްޓުން އަދާލަތަށް މުހިއްމެވެ.
އިމްރާން ވިދާޅުވީ ސަރުކާރުގައި އަދާލަތު ޕާޓީއަށް މުހިއްމު ދައުރުތަކެއް އެބައޮތް ކަމަށެވެ. އެއާއެކު ޖުމްހޫރީ ޕާޓީ އަށާއި އެމްޑީޕީ އަދި އެމްއާރުއެމަށް ވެސް މުހިއްމު ދައުރުތަކަކާއި ފުރުސަތުތަކެއް އެބައޮތް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވިސްނުމުގެ ތަފާތުތަކާ އެކު ވެސް ކުރިއަށް ދިއުމުގެ ގާބިލްކަން މި ކޯލިޝަންގައި އެބަހުއްޓެވެ.
ބަރުލަމާނީ ހާސްކަމެއް ނެތް!
މި ކޯލިޝަންގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ތެރޭގައި އޮތް އެންމެ ބޮޑު ހާސްކަމަކީ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ހިންގުން ފުރޮޅާލަން ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ މަސައްކަތްޕުޅެވެ.
އެމަނިކުފާނުގެ ވިސްނުންފުޅު ސާފުކޮށް ރައީސް ސޯލިހަށް މިހާރު އޮތީ ވިދާޅުވެދެއްވައިފަ އެވެ. ރިޔާސީ އިންތިހާބުގެ ކުރިން ނިޒާމް ބަދަލުކޮށް ބޮޑުވަޒީރަށް ވެވަޑައިގަތުމަށް ބޭނުންފުޅުވާ ކަމެވެ.
ރައީސް އެ ޖަވާބު ދެއްވުން ދޫކޮށްލައްވަނީ ރައްޔިތުންނަށެވެ. ރިޔާސީ ނިޒާމުން ބަރުލަމާނީއަކަށް ދާން ވެއްޖެ ނަމަ އެކަން ނިންމާނީ އަނެއްކާވެސް ރައްޔިތުން ކަމެވެ.
މަސްލަހަތަށްޓަކައި ކުރު ޖަވާބަކުން ރައީސް ފުއްދާލެއްވި ނަމަވެސް ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ސާފުކޮށް އެ ނިޒާމާ ދެކޮޅު ހައްދަވައިފަ އެވެ. ރާއްޖެ އަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމް ކަމަށް ދެ ބޭފުޅުން ވެސް އެކި ފަހަރު މަތިން ވިދާޅުވެއްޖެ އެވެ. އަދާލަތުން މިކަމުގައި މިހާތަނަށް އޮތީ ހިމޭނުންނެވެ.

އެމްޑީޕީގެ ރައީސް ނަޝީދާއި އިމްރާން: ބަރުލަމާނީގެ ވާހަކަ ފެށުމަކީ ވައުދުތަކަށް ހުރަސްއެޅޭނެ ކަމެއް ކަމަށް އަދާލަތުން ދެކޭ.
އިމްރާން ވިދާޅުވީ އެއްބަސްވުންތަކެއްގެ މަތީގައި އުފެއްދި ސަރުކާރުގެ މެދުތެރެއިން ރައްޔިތުންނަށް ވީ ވައުދާ ހިލާފަށް މިސްރާބު ހިފާނެ ފަދަ އެއްވެސް ކަމަކަށް އެ ޕާޓީގެ ތާއީދެއް ނެތް ކަމަށެވެ. ބަރުލަމާނީ ވާހަކައަށް އަދާލަތުގެ ޝައުގުވެރިކަން މިވަގުތު ނެތް ސަބަބަކީ އެއީ ކަމަށް ވިދާޅުވި އެވެ.
"މި ކޯލިޝަންގެ އިސް ލީޑަރަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް. އަޅުގަނޑުމެން ކޯލިޝަން އެކުލަވާލެވިފައި ވަނީ އެކަމަށް އެއްބަސްވުންތަކެއްގެ ތެރެއިން. އެކަން ދެމިއޮތްހާ ހިނދަކު ކޯލިޝަން ދެމިއޮންނާނެ," އިމްރާން ވިދާޅުވި އެވެ.
"ދެހާސްއަށާރައިގެ ރިޔާސީ އިންތިހާބަށް ތައްޔާރުވި އިރު ތި [ބަރުލަމާނީ] މައުލޫ ގެނެވުނު. އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވާފައި ވާނެ އަޅުގަނޑުމެން ތި ވާހަކަ ދައްކާނީ 2023 ވަނަ އަހަރުގެ މެދު ތެރޭގައޭ."
އޭނާ ވިދާޅުވި ގޮތުގައި އިތުރު ނިޒާމަކަށް ރާއްޖެ ދާން ޖެހޭ ނަމަ އެ ވާހަކަ އަދާލަތުން ދައްކާނީ އެ ވަގުތުގަ އެވެ.
"އޭގެ ކުރިއަކުން އަޅުގަނޑުމެން އެ ވާހަކަ ދައްކާކަށް ނެތިން," އިމްރާން ވިދާޅުވި އެވެ.
އިމްރާން ވިދާޅުވި ގޮތުގައި މި ވަގުތަކީ ބަރުލަމާނީ ވާހަކައަށް އެންމެ ރަނގަޅު ވަގުތެއް ނޫނެވެ. މި ހިސާބުން އެ ވާހަކަ ނަގައިފި ނަމަ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދަން ހުރަސްއެޅި ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ.
ދެހާސް ތޭވީހުގައި އަދާލަތު ޕާޓީގެ ސިޔާސީ ނިންމުން ނިންމާނެ ގޮތެއް އިމްރާނަކަށް އަދި އެނގިވަޑައެއް ނުގަންނަވަ އެވެ. އެކަމަކު އޭނާ ހުންނެވީ އުއްމީދެއްގެ މަތީގަ އެވެ. މި ކޯލިޝަން 2023 އާ ހަމައަށް ދެމިއޮންނާނެ އެވެ. އަދި ރައްޔިތުންނަށް ޔަގީންކަން ދިން ގޮތަށް, އެހާ ތަނަށް ސަރުކާރުން ވައުދުވި ނަތީޖާތައް ނެރޭނެ އެވެ. ބަރުލަމާނީ ނިޒާމާ މެދު ރައްޔިތުން ދެކޭ ގޮތް އަލުން ބަލާ ނަމަ އެކަމަށް އޮތް އެންމެ ރަނގަޅު ވަގުތަކީ ވެސް އެއީ ކަމަށް ތިބީ ސިއްކަ ޖަހައިގެންނެވެ.
އޭގެ ކުރިން ބަރުލަމާނީ ކޯޅުގެ ތެރޭގައި ތާށިވާކަށް އަދާލަތު ޕާޓީން ބޭނުމެއް ނުވެ އެވެ. މި ވެރިކަމުގައި މިހާތަނަށް ގިނައީ އެ ޕާޓީން ހިތްހަމަޖެހޭ ކަންކަމެވެ.












