ޓޯކިޔޯ (ޖުލައި 27) - މި ފަހަރުގެ އޮލިމްޕިކްސްގައި އިޒްރޭލާ ދެކޮޅަށް ޖޫޑޯގައި ވާދަނުކުރަން އިތުރު އެތުލީޓަކު ނިންމައިފި އެވެ.
އެންމެ ފުރަތަމަ އިޒްރޭލާ ވާދަނުކުރަން ނިންމީ އަލްޖީރިއާގެ ކުޅަދާނަ ޖޫޑޯ ފައިޓަރު ފެތީ ނޫރިން އެވެ. އިއްޔެ ސޫދާންގެ މުހައްމަދު އަބްދުއްރަސޫލް ވަނީ އިޒްރޭލާ ދެކޮޅަށް ކުޅެން އޮތް މެޗަށް ހާޒިރުނުވަން ނިންމައިފަ އެވެ.
ނޫރިން އާއި އަބްދުއްރަސޫލް ވެސް މެޗުގައި ވާދަނުކުރަން ނިންމިއިރު، އެ ދެ އެތުލީޓުން ވެސް ނުކުންނަން ޖެހިފައި އޮތީ އިޒްރޭލުގެ އިޒްރޭލުގެ ތޯހާރް ބުޓްބުލްއާ އެވެ. ތޯހާރް ވާދަކުރަނީ 73 ކިލޯގެ ޑިވިޝަނުގަ އެވެ.
ތޯހާރަކީ ޖޫޑޯގެ ދުނިޔޭގެ ރޭންކިންގެ ހަތް ވަނައިގައި އޮތް އެތުލީޓެވެ. އޭނާ މީގެ ކުރިން ވަނީ އިޒްރޭލާއި ފަލަސްތީނުގެ ކަންތައްތަކާ ބެހޭގޮތުން ވާހަކަތަކެއް ދައްކައިފަ އެވެ. ގިނަ ބަޔަކު ތޯހާރާ މެދު ހިތްހަމަނުޖެހެނީ ވެސް އެ ސަބަބާ ހެދި އެވެ.
ނޫރިން މެޗަށް ނުނިކުންނަން ނިންމީ އިޒްރޭލާ ދެކޮޅަށް ކުޅެގެން "އަތްހަޑި" ކުރަން ބޭނުންނުވާތީ ކަމަށް މީޑިއާގައި ބުނުމަށް ފަހު އެވެ. އޮލިމްޕިކްސްގައި ވާދަނުކޮށް މި ފަދަ ގޮތަކަށް ވަކި މައްސަލައިގައި ނޫރިން އާއި އޭނާގެ ކޯޗު އަމަރު ބެން ޔަކްލިފް ސަސްޕެންޑްކޮށް އެ ދެ މީހުންގެ މައްސަލަ ވަނީ ބަލަން ފަށައިފަ އެވެ.
ސޫދާންގެ އަބްދުއްރަސޫލް މެޗަށް ހާޒިރުނުވާން ނިންމި ސަބަބެއް ރަސްމީކޮށް މީޑިއާގައި ހާމައެއް ނުކުރެ އެވެ.

ސޫދާނުގެ އަބްދުއްރަސޫލް (ވ) އާއި އިޒްރޭލްގެ ތޯހާރް.
މިކަމާ ބެހޭގޮތުން ޖޫޑޯގެ އިންޓަނޭޝަނަލް ޖަމިއްޔާ، އައިޖީއެފް އާއި ޓޯކިޔޯ އޮލިމްޕިކްސް ކޮމިޓީ އަދި ސޫދާންގެ އޮލިމްޕިކް ކޮމިޓީން ވެސް ރަސްމީކޮށް މީޑިއާގައި ވާހަކަ ދައްކާފައި ނުވެ އެވެ.
މީގެ ކުރިން 2019 ވަނަ އަހަރު ޖޫޑޯ ވޯލްޑް ޗެމްޕިއަންޝިޕްގައި އީރާންގެ ސައީދު މޮލާއީ އާއި އިޒްރޭލްގެ ސާގީ މުކީ ވާދަކުރަން އޮތް މެޗުގެ ކުރިން އީރާންގެ ޖޫޑޯ ފެޑެރޭޝަނުން ވަނީ ސައީދު މެޗު ދޫކޮށްލައި މުބާރާތުން ވަކިވާން އަންގައިފަ އެވެ. ކުޅުންތެރިއަކަށް އެ ފަދަ ގޮތަކަށް އަމުރެއް ކުރުމުން އައިޖީއެފް އިން ވަނީ އީރާން ހަތަރު އަހަރަށް ސަސްޕެންޑްކޮށްފަ އެވެ. އެކަމަކު، މި އަހަރުގެ މާޗް މަހު ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ވަނީ އެ ސަސްޕެންޝަން އުވާލައިފަ އެވެ.
އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އެ ގައުމާ މެދު ގިނަ ބަޔަކު ހިތްހަމަނުޖެހެ އެވެ. ފަލަސްތީނަށް އޮތް ސަޕޯޓް ދައްކުވައިދޭން އެކި ކުޅިވަރުތަކުގެ ތަރިން އަންނަނީ ޝުއޫރުފާޅުކުރަމުންނެވެ.












