ޓޯކިޔޯ (ޖުލައި 25) - މިހާރު ކުރިއަށްދާ ޓޯކިޔޯ އޮލިމްޕިކްސްގެ ފިރިހެން ފުޓްބޯޅަ އިވެންޓްގައި މިއަދު ކުޅުނު މެޗުތަކުން ފްރާންސާއި ސްޕެއިން މޮޅުވިއިރު، އެންމެ ފަހުން މި އިވެންޓުން ރަން މެޑަލް ހާސިލްކުރި ބްރެޒިލް ކުޅުނު މެޗުން އައިވަރީ ކޯސްޓާ ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.
ތޭވީސް އަހަރުން ދަށަށް ހާއްސަކޮށްގެން ކުޅޭ އޮލިމްޕިކްސް ފިރިހެން ފުޓްބޯޅަ އިވެންޓުގައި ސީނިއާ ތިން ކުޅުންތެރިންނަށް ފުރުސަތު ދޭ ގޮތަށް ގަވައިދުގައި އޮވެ އެވެ.
މި ފަހަރުގެ މުބާރާތުގައި ވަރުގަދަ ސްކޮޑަކާ އެކު ނުކުތް ސްޕެއިން ކުޅުނު ފުރަތަަމަ މެޗުން މިސްރު ކައިރިން ލަނޑެއް ނުޖެހި އެއްވަރުވިއިރު، މިއަދު ސްޕެއިނުން ވަނީ 1-0 އިން އޮސްޓްރޭލިއާ ބަލިކޮށްފަ އެވެ. ފުރަތަމަ މެޗުން މެކްސިކޯ އަތުން 4-1 އިން ބަލިވި ފްރާންސް މިއަދު ވަނީ 4-3 އިން ދެކުނު އެފްރިކާގެ މައްޗަށް ކުރިހޯދައިފަ އެވެ.
ސްޕެއިނަށް މިއަދުގެ މެޗުގައި ކާމިޔާބުކޮށްދިން ހަމައެކަނި ގޯލު ޖެހީ މެޗު ނިމެން ނުވަ މިނިޓަށް ވެފައި ހުއްޓައި މިކޭލް އޮޔާޒަބާލް އެވެ. އޭނާ މި ގޯލު ޖެހީ މާކޯ އަސެންސިއޯ ދިން ބޯޅައަކުންނެވެ. ފުރަތަމަ މެޗެކޭ އެއްގޮތަށް މި މެޗު ވެސް ޑޮމިނޭޓް ކޮށްގެން ކުޅުނީ ސްޕެއިނުންނެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ލިބި ގޯލަކަށް ހަދައިލެވުނީ އެންމެ ބޯޅައެކެވެ.

އޮސްޓްރޭލިއާ ކުޅުންތެރިއަކު ކައިރިން އޮޔާޒަބާލް (ކ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
މި ގްރޫޕްގެ އަނެއް މެޗުން އާޖެންޓީނާ ވަނީ ދެ ވަނަ ހާފްގައި ފަކުންޑޯ މެޑީނާ ޖެހި ގޯލުން 1-0 އިން މިސްރު ބަލިކޮށްފަ އެވެ.
ފޯރިގަދަ މެޗެއް ފެނިގެންދިޔަ ފްރާންސް މެޗުގެ ތަރިއަކީ އެ ޓީމުގެ ކެޕްޓަން އަންދްރޭ-ޕިއޭ ޖީނިއަކް އެވެ. އުމުރުން 35 އަހަރުގެ ޖީނިއަކް ވަނީ ހެޓްރިކެއް ހެދުމުގެ އިތުރުން ފްރާންސް މޮޅުކޮށްދިން ލަނޑު ޖަހައިދޭން އިތުރު ވަގުތުގައި ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ފްރާންސް މޮޅުކޮށްދިން ގޯލު ޖެހީ ތޭޖީ ސަވޭނިއާ އެވެ. ސީނިއާ ތިން ކުޅުންތެރިންގެ ޖާގައިގެ ތެރެއިން މި ފަހަރުގެ އޮލިމްޕިކްސްގައި ފްރާންސަށް ކުޅެމުން އަންނަ ޖީނިއަކް އަކީ މި ފަހަރުގެ ފިރިހެން ފުޓްބޯޅަ އިވެންޓުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ޖުމްލަ ހަތަރު ގޯލު ޖަހައިފަ އެވެ.
ފްރާންސް ކޮޅަށް ދެކުނު އެފްރިކާގެ ގޯލުތައް ޖެހީ ކޮބަމެލޯ ކޮޑީސަން، އެވިޑެންސް މަކްގޮޕާ އަދި ތެބޯހޯ މޮކޭނާ އެވެ.
އައިވަރީ ކޯސްޓުން ބްރެޒިލް ހިފެހެއްޓުމުގައި ކުރިހޯދިއިރު، މި މެޗުގައި ބްރެޒިލަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ދިޔައީ ބޭނުމެއް ނުހިފި އެވެ. ބްރެޒިލް ވަނީ ކުޅުނު ފުރަތަމަ މެޗުގައި ޖަރުމަނު އަތުން 4-2 އިން މޮޅުވެފަ އެވެ. ޖަރުމަނު މިއަދު ކުޅުނު މެޗުން ވަނީ 3-2 އިން ސައުދީ އަރަބިއްޔާ ބަލިކޮށްފަ އެވެ.












