ޓޯކިޔޯ (ޖުލައި 24) - އަލްޖީރިއާގެ ކުޅަދާނަ ޖޫޑޯ ފައިޓަރު ފެތީ ނޫރިން އިޒްރޭލުގެ އެތުލީޓަކާ ވާދަކުރަން ޖެހޭތީ އޮލިމްޕިކްސް އިން ވަކިވެއްޖެ އެވެ.
އުމުރުން 30 އަހަރުގެ ނޫރިން 73 ކިލޯގެ ކެޓަގަރީގައި އެންމެ ފުރަތަމަ ކުޅެން އޮތީ ސޫދާންގެ މުހައްމަދު އަބްދުއްރަސޫލާ ދެކޮޅަށް އަންނަ ހޯމަ ދުވަހު އެވެ. އެ މެޗުން މޮޅުވެގެން ދެން ކުޅެން ޖެހޭ މެޗު އޮތީ އިޒްރޭލުގެ ތޯހާރް ބުޓްބުލްއާ ދެކޮޅަށެވެ. އެހެންވެ، ތޯހާރާ ދެކޮޅަށް ކުޅެން ބޭނުންނުވާ ކަމަށް ބުނެ، ނޫރިން ވަނީ އޮލިމްޕިކްސް އިން ވަކިވެފަ އެވެ.
އަލްޖީރިއާގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ނޫރިން ބުނީ މުބާރާތް އެއްކޮށް ދޫކޮށްލަން ނިންމުމަކީ އުނދަގޫ ނިންމުމެއް ނަމަވެސް އޭނާގެ ހިތުގައި ފަލަސްތީނަށް އޮތް ލޯތްބަށްޓަކައި މި ފިޔަވަޅު މުހިއްމު ކަމަށެވެ.
"އިޒްރޭލް ކަހަލަ ލާއިންސާނީ ބަޔަކާ މި ކަހަލަ ގޮތަކަށް ވާދަކޮށްގެން ވެސް އަހަރެން ބޭނުމެއް ނޫން އަތް ހަޑިކުރާކަށް. އަހަރެންގެ ހިތުގައި ފަލަސްތީނަށް އޮތް އިހުތިރާމާއި ލޯބި ވަރަށް ބޮޑު،" ނޫރިން ބުންޏެވެ.
މިއީ އިޒްރޭލް ކުޅުންތެރިއަކާ ދެކޮޅަށް ކުޅެން ޖެހިގެން ނޫރިން މުބާރާތެއް ދޫކޮށްލި ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2019 ވަނަ އަހަރު ޖޫޑޯގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ނޫރީން ވަނީ ތޯހާރާ ކުޅެން ޖެހުމުގެ ކުރިން މުބާރާތް ދޫކޮށްލައިފަ އެވެ.
ނޫރިންގެ ކޯޗު އަމަރު ބެން ޔަކްލިފް ބުނީ ތޯހާރާ ދެކޮޅަށް ކުޅެން ޖެހިއްޖެނަމަ މުބާރާތް ދޫކޮށްލާނެކަން އޮލިމްޕިކްސްގެ ކުރިން ވެސް ނޫރިން އޮތީ ނިންމާފައި ކަމަށެވެ.
"ނަސީބު ދެރަކޮށް ދިޔައީ. އޭނައާ ޖެހުނީމަ. އެކަމަކު މިއީ އަހަރެމެން ނިންމި ރަނގަޅު ނިންމުމެއް،" ޔަކްލިފް ބުންޏެވެ.
މުސްލިމް ގައުމުތަކަށް ނިސްބަތްވާ އެކި އެތުލީޓުން މީގެ ކުރިން ވެސް ވަނީ އިޒްރޭލާ ދެކޮޅަށް ކުޅެން ބޭނުންނުވާތީ މުބާރާތްތަކުން ވަކިވެފަ އެވެ. އޭގެ ތެރޭގައި މިސްރާއި އީރާންގެ އެތުލީޓުން ހިމެނެ އެވެ.
މީގެ ކުރިން 2019 ވަނަ އަހަރު ޖޫޑޯ ވޯލްޑް ޗެމްޕިއަންޝިޕްގައި އީރާންގެ ސައީދު މޮލާއީ އާއި އިޒްރޭލްގެ ސާގީ މުކީ ވާދަކުރަން އޮތް މެޗުގެ ކުރިން އީރާންގެ ޖޫޑޯ ފެޑެރޭޝަނުން ވަނީ ސައީދު މެޗު ދޫކޮށްލައި މުބާރާތުން ވަކިވާން އަންގައިފަ އެވެ.
ކުޅުންތެރިއަކަށް އެ ފަދަ ގޮތަކަށް އަމުރެއް ކުރުމުން ޖޫޑޯގެ އިންޓަނޭޝަނަލް ޖަމިއްޔާ، އައިޖީއެފް އިން ވަނީ އީރާން ހަތަރު އަހަރަށް ސަސްޕެންޑްކޮށްފަ އެވެ. އެކަމަކު، މި އަހަރުގެ މާޗް މަހު ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އިން ވަނީ އެ ސަސްޕެންޝަން އުވާލައިފަ އެވެ.












