ރިސޯޓަކަށް ބުކިން ހަދައިގެން ރާއްޖެ އައި ޓޫރިސްޓުންތަކެއް މާލޭ ހޮޓަލަކަށް ޗެކް އިން ވާން އުޅުމުން އަނބުރާ އެއާޕޯޓަށް ފޮނުވާލައިފި އެވެ.
ފުލުހުން ބުނީ އިންޑިއާގެ އެ ހަތަރު މީހުން އެމީހުން އައިސްފައި ވަނީ މާގިރި ހޮޓަލަށް ކަމަށާއި އެ މީހުން އެތަނަށް ޗެކިން ވިޔަ ނުދީ އަނބުރާ އެއާޕޯޓަށް ފޮނުވާލީ ކަމަށެވެ.
ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ފަހު މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތައް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ހުޅުވާލަން ނިންމާފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ.
ދާދި ފަހުން ވަނީ ސައްހަ ނޫން ހޮޓެލް ބުކިން ހިފައިގެން ރާއްޖެ އެތެރެވާން އުޅުނު 248 ފަތުރުވެރިން ޑީޕޯޓްކޮށްލާފަ އެވެ. އޭގެ ތެރެއިން 168 މީހުންނަކީ އިންޑިއާގެ ރައްޔިތުން ކަމަށް އެ ގައުމުގެ ނޫހަކުން ވަނީ ބުނެފަ އެވެ.













