އިޒްރޭލުގެ އެންއެސްއޯ ގްރޫޕު މެދުވެރިކޮށް ޖާސޫސީ ބޮޑު ހަރަކާތެއް

ޖާސޫސް ކުރުމަށް ބޭނުން ކުރީ އެންއެސްއޯ ގްރޫޕުގެ ޕެގަސޫސް ސްޕައިވެއާ.

ޖާސޫސް ކުރުމަށް ބޭނުން ކުރީ އެންއެސްއޯ ގްރޫޕުގެ ޕެގަސޫސް ސްޕައިވެއާ.

އިޒްރޭލުގެ އެންއެސްއޯ ގްރޫޕުގެ ސްޕައިވެއާ ބޭނުންކޮށްގެން ގިނަ އަދަދެއްގެ ނޫސްވެރިންނާއި، އެކްޓިވިސްޓުން އަދި ސިޔާސީ ވެރިންނަށް ފާރަލަމުންދާކަން ފަޅާ އަރައިފި އެވެ.

އެކަން ފަޅާ އަރުވާލާފައި ވަނީ ދުނިޔޭގެ 10 ގައުމެއްގެ 17 މީޑިއާ އޯގަނައިޒޭޝަނަށް ނިސްބަތްވާ 80 އަށް ވުރެ ގިނަ ނޫސްވެރިން ގުޅިގެން ހިންގި ޕެގަސޫސް ޕްރޮޖްކެޓުގެ ދަށުންނެވެ.

އެ ޕްރޮޖެކްޓު ހިންގާފައި ވަނީ ފްރާންސްގެ އެންޖީއޯ ފޯބިޑަން ސްޓޯރީޒްގެ އެހީތެރިކަމާއެކު އެމްނެސްޓީ އިންޓަނޭޝަނަލްގެ ޓެކްނިކަލް އެހީތެރިކަން ހޯދައިގެންނެވެ.

އެގޮތުން އެމްނެސްޓީން ވަނީ ސްޕައިވެއާގެ ނިޝާންތައް ދެނެގަންނަން ގިނަ އަދަދެއްގެ މޯބައިލް ފޯނުގެ އެންމެ ފަހުގެ ފޮރެންސިކް ޓެސްޓުތައް ހެދުމުގައި އެހީތެރިވެފަ އެވެ.

"ޕެގަސޫސް ޕްރޮޖެކްޓުން ހާމަކޮށްދެނީ އެންއެސްއޯގެ ސްޕައިވެއާއަކީ ހުދުމުހުތާރު ސަރުކާރުތަކުން ނޫސްވެރިން ގެ އަޑުމަޑުކޮށް، އެކްޓިވިސްޓުންނަށް ހަމަލާދީ، އިދިކޮޅު ހަރަކާތް ހުއްޓުވާ، އެތައް ބަޔެއްގެ ދިރިއުޅުނު ނުރައްކަލުގައި ބާއްވަން ގެންގުޅޭ ހަތިޔާރެއްކަން،" އެމްނެސްޓީ އިންޓަނޭޝަނަލްގެ ސެކެޓްރީ ޖެނެރަލް އެގްނިސް ކެލަމާޑް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ހާމަވި ކަންކަމުން އެނގިގެން ދަނީ އެންއެސްއޯގެ ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުން ކުރަނީ ވަރަށް މަދު ހާލަތްތަކެއްގައި ކަމަށް އެންއެސްއޯއިން ބުނާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަން ކަމަށެވެ.

އަދި އެ ކުންފުނީގެ ސްޕައިވެއާ ބޭނުން ކުރަނީ ހަމައެކަނި ގާނޫނީ އިމުގެ ތެރެއިން ހިންގާ ޖިނާއީ އަދި ޓެރަރިޒަމާ ގުޅުން ހުރި ތަހުގީގުތަކަށް ކަމަށް އެންއެސްއޯއިން ބުނި ނަމަވެސް، ސާފުވެގެން ގޮސްފައި މި ވަނީ އެ ކުންފުނީގެ ޓެކްނޮލޮޖީގެ އެހީގައި ރާވައިގެން ޖަރީމާ ހިންގަމުންދާ ކަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނީ އިމުގެ ތެރޭގައި ތިބި ކަމަށް ދައްކުވައިދޭން މަންޒަރުގައި ކުލަ ޖެއްސި ނަމަވެސް، ހަގީގަތުގައި ފައިދާ ހޯދަމުން އެ ދަނީ އިންސާނީ ހައްގުތަކާ ދެކޮޅަށް ފުޅާކޮށް ހިންގާ އަމަލުތަކުން،" އޭނާ ވިދާޅުވި އެވެ.

ކެލަމާޑް ގޮވާލެއްވީ އެންއެސްއޯގެ ޓެކްނޮލޮޖީ އެކްސްޕޯޓް ކުރުމާއި، ވިއްކުމާއި، ޓްރާންސްފާ ކުރުމާއި، ސާވައިލަންސް ޓެކްނޮލޮޖީ ބޭނުން ކުރުން ވަގުތުން ވަގުތަށް ހުއްޓާލުމަށެވެ.

އެ ގްރޫޕާ ގުޅޭ ގޮތުން ހާމަވި ކަންކަން ދޮގުކޮށް ނެރުނު ބަޔާނެއްގައި އެންއެސްއޯއިން ބުނީ "ރިޕޯޓުގައިވާ ދޮގު ވާހަކަތަކާ ދެކޮޅު" ކަމަށާއި ތަހުގީގީ ރިޕޯޓު ބިނާވެފައި ވަނީ ދޮގު މައުލޫމާތުތަކާއި އަސްލެއް ނެތް ތިއަރީތަކެއްގެ މައްޗަށް ކަމަށެވެ.

ތަހުގީގީ ރިޕޯޓުގައި އޮތީ ކީކޭ؟

މި ތަހުގީގަކީ އެންއެސްއޯ ގްރޫޕުން އުފެއްދި ޕެގަސޫސް ސްޕައިވެއާއާ ގުޅޭ ތަހުގީގެކެވެ. އެ ސްޕައިވެއާއަކީ ފޯނަކަށް އިންސްޓޯލް ކުރުމުން އެ ފޯނުގައި ހުންނަ މެސެޖާއި، އީމެއިލް، މީޑިއާ، މައިކްރޯފޯން، ކެމެރާ، ކޯލް ލިސްޓު އަދި ކޮންޓެކްޓްސްގެ ތަފްސީލް އެކަން ކުރާ ފަރާތަކަށް ލިބޭ ސޮފްޓްވެއާ އެކެވެ.

މި ތަހުގީގު ހިންގުމުގައި އުޅުނު ނޫސްތަކުން މިހާރު ވެސް ދަނީ ހޯދުނު ކަންކަމާ ގުޅޭ ލިޔުންތައް ޝާއިއު ކުރަމުންނެވެ. އެގޮތުން ދަ ގާޑިއަން، ލެ މޮންޑޭ، ސުޑެސްޝް ޒެއިޓުންގް އަދި ވޮޝިންޓަން ޕޯސްޓް ފަދަ ނޫސްތަކުން ލިޔުންތައް ފެންނާނެ އެވެ. ލިޔުންތަކުގައި މުޅިން ވެސް ވަނީ މި ސްޕައިވެއާ ބޭނުންކޮށްގެން ދުނިޔޭގެ ސިޔާސީ ވެރިންނާއި، ނޫސްވެރިންނާއި އެކްޓިވިސްޓުންނަށް އަމާޒުކޮށްފައިވާ ގޮތެވެ.

ލީކުވެފައިވާ ޑޭޓާ އާއި އަމިއްލައަށް ހިންގި ތަހުގީގުން ފޯބިޑަން ސްޓޯރީޒް އާއި މީޑިއާ ޕާޓްނަރުން ވަނީ 11 ގައުމެއްގައި އުޅޭ އެންއެސްއޯގެ ކްލަޔަންޓުން ކަމަށް ބެލެވޭ ފަރާތްތައް ހޯދާފަ އެވެ. އެ ގައުމުތަކަކީ އަޒަރްބައިޖާން، ބަހްރެއިން، ހަންގޭރީ، އިންޑިއާ، ކަޒަކިސްތާން، މެކްސިކޯ، މޮރޮކޯ، ރްވާންޑާ، ސައުދީ އަރަބިއްޔާ، ޓޯގޯ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ.

އެންއެސްއޯ ގްރޫޕުގެ ސްޕައިވެއާ ބޭނުން ކުރަނީ ގާނޫނާ ހިލާފަށް އެކި ފަރާތްތަކަށް ޖާސޫސް ކުރުމަށް ކަން އެ ގްރޫޕަށް އެނގުނު ނަމަވެސް އެކަން ހުއްޓުވަން އެއްވެސް ކަމެއް ކޮށްފައެއް ނުވެ އެވެ.

"އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އެންއެސްއޯ ގްރޫޕުގެ ހިދުމަތް ހޯދާ މީހުންގެ ތެރެއިން ގާނޫނާ ހިލާފު އަމަލު ހިންގާ ކަމަށް ބެލެވޭ މީހުންގެ ހިދުމަތް ވަގުތުން ވަގުތަށް ހުއްޓުމަކަށް ގެންނަން ޖެހޭ. ގާނޫނާ ހިލާފު ކަންކަން ކުރާ ކަމުގެ ހެކި ޕެގަސޫސް ޕްރޮޖެކްޓުން ފުރިހަމައަށޤ ލިބޭނެ،" ކެލަމާޑް ވިދާޅުވި އެވެ.

ހަޝޮގްޖީގެ އާއިލާއަށް އަމާޒު ކުރި

ތަހުގީގުގެ ތެރެއިން އެނގުނު ގޮތުގައި މަރާލާފައިވާ ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ހަޝޮގްޖީގެ އާއިލާއަށް ވެސް ޕެގަސޫސް ސޮފްޓްވެއާ ބޭނުންކޮށްގެން ފާރަލާފައި ވެ އެވެ. އެގޮތުން 2018 ގައި އޭނާ މަރާލުމުގެ ކުރިން އަދި އޭގެ ފަހުން ވެސް ޖާސޫސްކުރި އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ ސެކިއުރިޓީ ލެބުން ކަށަވަރު ކުރި ގޮތުގައި ހަޝޮގްޖީ މަރާލިތާ ހަތަރު ދުވަސް ފަހުން އޭނާގެ ލޯބިވެރިޔާގެ ފޯނަށް ޕެގަސޫސް ސްޕައިވެއާ އިންސްޓޯލް ކުރި އެވެ. އޭގެ އިތުރުން 2017 އާއި 2018 އާ ދެމެދު އޭނާގެ އަންހެނުންނާއި، ދަރިފުޅުގެ ފޯނު މެދުވެރިކޮށް ވެސް ޖާސޫސްކޮށްފައި ވެ އެވެ.

ނަމަވެސް އެންއެސްއޯއިން ބުނީ އެ ކުންފުނީގެ ޓެކްނޮލޮޖީއާ ހަޝޮގްޖީގެ މަރާ އެއްވެސް ގުޅުމެއް ނުވާނެ ކަމަށެވެ. މީގެ ކުރިން ވެސް އެ ތުހުމަތު ކުރެވުމުން އެކަން ބެލި ކަމަށް ވެސް އެ ގްރޫޕުން ބުންޏެވެ.

ނޫސްވެރިންނަށް ހަމަލާ

ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި 20 ގައުމެއްގެ 180 ނޫސްވެރިންނަށް ޖާސޫސް ކުރުމަށް ޕެގަސޫސް ސޮފްޓްވެއާ ބޭނުންކޮށްފައި ވެ އެވެ. އޭގެ ސަބަބުން ނޫސްވެރިންގެ ފުރާނައަށް ނުރައްކާވާ މަންޒަރު ފެނިފައިވާ ކަމަށް ވެސް ތަހުގީގު ރިޕޯޓުގައި ވެ އެވެ.

މެކްސިކޯގެ ނޫސްވެރިޔާ ސެސިލިއޯ ޕިނޭޑާ 2017 ވަނަ އަހަރު މަރާލުމުގެ ކުރިން އޭނާއަށް ޖާސޫސްކޮށްފައި ވެ އެވެ. އެ ގައުމުގެ 25 އަށް ވުރެ ގިނަ ނޫސްވެރިންނަށް ޖާސޫސް ކުރަމުންދާ ކަމަށް ތަހުގީގުން ދެއްކި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ނެތް އަޒަރްބައިޖާންގައި 40 ނޫސްވެރިންނަށް ޖާސޫސް ކުރުމަށް ޕެގަސޫސް ބޭނުންކޮށްފައި ވެ އެވެ. އެގޮތުން މެއިދަން ޓީވީގެ ސެވިންޗް ވަގިފްގިޒީގެ ފޯނު މެދުވެރިކޮށް ދެ އަހަރު ވަންދަން ޖާސޫސް ކުރި އެވެ.

އިންޑިއާގެ ބޮޑެތި ނޫސްތަކުގައި މަސައްކަތްކުރާ މަދުވެގެން 40 ނޫސްވެރިންނަށް ޖާސޫސްކޮށްފައި ވެ އެވެ. އެގޮތުން ދަ ވަޔާގެ ކޯ ފައުންޑަރުން ކަމަށްވާ ސިދާތް ވަރަދަރާޖަން އަދި އެމްކޭ ވެނޫއަށް މިދިޔަ ޖޫން މަހު ވެސް ޖާސޫސްކުރި އެވެ.

ތަހުގީގުން ހޯދުނު ގޮތުގައި ބައިނަލްއަގްވާމީ ބޮޑެތި ނޫސްތަކަށް ވެސް ޓާގެޓުކޮށްފައި ވެ އެވެ. އޭގެ ތެރޭގައި އެސޯސިއޭޓެޑް ޕްރެސް، ސީއެންއެން، ނިއު ޔޯކް ޓައިމްސް، ރޮއިޓާޒް ހިމެނެ އެވެ. އެންމެ ނަން މަޝްހޫރު ނޫސްވެރިއެއްގެ ގޮތުގައި ހިމެނުނީ ފައިނޭންޝަލް ޓައިމްސްގެ އެޑިޓަރު ރުލާ ހަލަފް އެވެ.

"ޖާސޫސްކުރުމުގެ ޝިކާރައަކަށްވެފައިވާ ނޫސްވެރިންގެ އަދަދު ހާމަވުމުން އެނގެނީ މިނިވަން ނޫސްވެރިކަމާ ދެކޮޅަށް ޕެގަސޫސް ބޭނުން ކުރަމުންދާ ގޮތް،" ކެލަމާޑް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox