ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބޮޑުއީދުގެ ބަންދާ ދިމާކޮށް ސްރީ ލަންކާ އަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގެ ހަވާސާގައި މިއަދު ލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ކޮޅުނބުގައި ހުންނަ ލަންކާ ރައީސްގެ ރަސްމީ އޮފީސްކޮޅުގައި މިއަދު ހެނދުނު އޮތް ބައްދަލުވުމުގައި ދެ ބޭފުޅުން، ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތާއި، އެ މަސައްކަތުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެގޮތުން، ފެސިލިޓީތަކަށް ބުރަނުވާނެގޮތަށް އެޅި ފިޔަވަޅުތައް ފާހަގަކުރައްވައި މި ބަލިމަޑުކަމުން އަރައިގަތުމުގައި އެންމެ އިސްކަމެއް ދެއްވަނީ ވެކްސިން ފުރިހަމަކުރުމަށް ކަމުގައި ދެ ގައުމުގެ ވެރިން ވެސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
"ދެބޭފުޅުންގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ވަނީ ދިވެހިރާއްޖެ އާއި ސްރީލަންކާގެ ގާތް ގުޅުމުގެ މައްޗަށް އަލި އަޅުއްވާލައްވައި، ދެ ގައުމުގެ ގުޅުން މުސްތަގުބަލުގައި ވެސް ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައިވެ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ކޮޅުނބުގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްގާޒާއި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް، ސަބްރާ އިބްރާހީމް ނޫރައްދީން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ރައީސް އާއި އަނބިކަނބަލުން ފަސްޓް ލޭޒީ ފަޒްނާ އަހުމަދު ލަންކާ އަށް މިދިޔަ އަންގާރަ ދުވަހު ފެށްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ވަޑައިގަންނަވާނީ މާދަމާ އެވެ. މި ދަތުރުފުޅުގައި އިތުރު ރަސްމީ ކަމެއް އޮތް ކަމެއް ރައީސް އޮފީހުން ބުނެފައެއް ނުވެ އެވެ.

އީދު ބަންދާއި މިނިވަން ދުވަހާ ދިމާވާތީ 16 ދުވަހަށް ސަރުކާރު ވަނީ ބަންދުކޮށްފަ އެވެ. ދިގު ޗުއްޓީއަކަށް ފަހު ސަރުކާރު ހުޅުވޭނީ އަންނަ މަހުގެ ފުރަތަމަ ދުވަހު އެވެ.











