ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން
ޢިރާޤުގެ ފުންނާބުއުސް ޢިލްމުވެރިންތަކެއް، ޝާފިޢީގެފާނަށް ސުވާލުތަކެއް ހުށަހެޅުއްވި ވާހަކައަކީ ބައެއް މަޞްދަރުގައި ބަޔާންވެފައިވާ ވާހަކައެކެވެ. އެ ވާހަކައިގައި ވެ އެވެ. އެކަން ހިނގީ ޚަލީފާ ހާރޫނުއްރަޝީދުގެ އަރިއަހުގަ އެވެ. އެ ޢިލްމުވެރިންގެ މަޤުޞަދެއް ކަމުގައިވީ، ޝާފިޢީގެފާނަށް ޖަވާބު ނުދެއްވޭނެ ވަރުގެ ސުވާލުތަކެއް ހުށަހަޅުއްވައި، ޚަލީފާގެ ކުރިފުޅުމަތީގައި، ޝާފިޢީގެފާނުގެ ޤަދަރު ކުޑަކޮށްލެއްވުމެވެ. ތިރީގައި މިވަނީ އެ ޢިލްމުވެރިން ހުށަހެޅުއްވި ސުވާލުތަކާއި، ޝާފިޢީގެފާނުގެ ދެއްވި ޖަވާބުތަކެވެ.
ފުރަތަމަ ސުވާލު:
މީހަކު އޭނާގެ ގޯތިތެރޭގައި ބަކަރިއެއް ކަތިލިއެވެ. ދެން ކޮންމެވެސް ބޭނުމަކު އޭނާ ގެއިން ބޭރަށް ދިޔަ އެވެ. ދެން އެނބުރި ގެއަށް ގޮސް، އޭނާގެ އަނބި ދަރީންގެ ގާތުގައި ބުންޏެވެ. ތިޔަބައިމީހުން މި ބަކަރި ކައްކައިގެން ކާށެވެ! ތިމަންގެ މައްޗަށް މި ބަކަރީގެ މަސް މިހާރުވަނީ ޙަރާމްވެފަ އެވެ. އޭނާގެ އަނބިދަރީން ބުންޏެވެ. ތިމަންމެންގެ މައްޗަށް ވެސް ތިޔަ ބަކަރީގެ މަސް ޙަރާމްވެއްޖެއެވެ. އެއީ ކީއްވެތޯ އެވެ؟
ޝާފިޢީގެފާނު ދެއްވި ޖަވާބު:
ބަކަރި ކަތިލި މީހާއަކީ، އޭނާ ބަކަރި ކަތިލިއިރު މުޝްރިކެކެވެ. އޭނާ އެ ބަކަރި ކަތިލީ ބުދުތަކަށް ކުރި ޤުރުބާނެއްގެ ގޮތުގަ އެވެ. އެއަށްފަހު އޭނާ ގެއިން ބޭރަށް ގޮސް އުޅުމުގެ ތެރޭގައި، މާތް ﷲ އޭނާއަށް ތެދުމަގު ދެއްކެވި އެވެ. ދެން އޭނާ އިސްލާމްވި އެވެ. މިހެންވެ، އޭނާގެ މައްޗަށް އެ ބަކަރީގެ މަސް ޙަރާމްވި އެވެ. އޭނާ ގެއަށް އެނބުރި ދިއުމުގެ ކުރިން، އޭނާގެ އަނބި ދަރިންނަށް، އޭނާ އިސްލާމްވެއްޖެކަމުގެ ޚަބަރު ލިބުނެވެ. ދެން އެމީހުން އިސްލާމްވި އެވެ. މިހެންވެ، އެމީހުންގެ މައްޗަށް ވެސް އެ ބަކަރީގެ މަސް ޙަރާމްވި އެވެ.
ދެ ވަނަ ސުވާލު:
ބުއްދި ސަލާމަތުންހުރި ދެ މުސްލިމަކު ބަނގުރާ ބުޔެވެ. އެ މައްސަލަ ބެލުމަށްފަހު، އެއިން އެކަކުގެ މައްޗަށް ޙައްދު ޤާއިމުކުރެވުނެވެ. އަނެކަކުގެ މައްޗަށް ޙައްދު ޤާއިމެއްނުކުރެވެ އެވެ. އެއީ ކީއްވެތޯ އެވެ؟
ޝާފިޢީގެފާނު ދެއްވި ޖަވާބު:
އެ ދެ މީހުންކުރެ އެކަކުގެ މައްޗަށް ޙައްދު ޤާއިމުކުރެވުނީ، އޭނާއަކީ ބާލިޣުވެފައިވާ މީހެއް ކަމުގައިވާތީ އެވެ. އެ ދެ މީހުންކުރެ އަނެކަކުގެ މައްޗަށް ޙައްދު ޤާއިމުނުކުރެވުނީ، އޭނާއަކީ ބާލިޣުނުވާ ކުޑަކުއްޖެއް ކަމުގައިވާތީ އެވެ.
ތިން ވަނަ ސުވާލު:
ފަސް ފިރިހެނަކު، އެއް އަންހެނަކާ ޒިނޭކުރި އެވެ. އެ ފަސް ފިރިހެނުންގެ ތެރެއިން ފުރަތަމަ މީހާގެ މައްޗަށް ޤަތުލު ވާޖިބުވި އެވެ. ދެވަނަ މީހާގެ މައްޗަށް ރަޖަމު ވާޖިބުވި އެވެ. ތިންވަނަ މީހާގެ މައްޗަށް ޙައްދުގެ ފުރިހަމަ މިންވަރު ވާޖިބުވި އެވެ. ހަތަރުވަނަ މީހާގެ މައްޗަށް ޙައްދުގެ ދެބައިކުޅަ އެއްބައި ވާޖިބުވި އެވެ. ފަސްވަނަ މީހާގެ މައްޗަށް އެއްވެސް ޢުޤޫބާތެއް ވާޖިބެއް ނުވެ އެވެ. އެއީ ކީއްވެތޯ އެވެ؟
ޝާފިޢީގެފާނު ދެއްވި ޖަވާބު:
ފުރަތަމަ މީހާގެ މައްޗަށް ޤަތުލު ވާޖިބުވީ، އޭނާ ޒިނޭކުރުން ޙަލާލުކޮށް (ޒިނޭކުރުމަކީ ހުއްދަ ކަމެއް ކަމުގައި ބުނެ) މުރުތައްދުވީތީ އެވެ. ދެވަނަ މީހާގެ މައްޗަށް ރަޖަމުކުރުން ވާޖިބުވީ، އޭނާއަކީ ކާވެނިކޮށްގެންހުރި މުޙުޞަނެއް ކަމުގައިވީތީ އެވެ. ތިންވަނަ މީހާގެ މައްޗަށް ޙައްދުގެ ފުރިހަމަ މިންވަރު ވާޖިބުވީ، އޭނާއަކީ ކާވެނިނުކޮށްހުރި ހުއްސަރިބައި މިނިވަނެއް ކަމުގައި ވާތީ އެވެ. ހަތަރުވަނަ މީހާގެ މައްޗަށް ޙައްދުގެ ދެބައިކުޅަ އެއްބައި ވާޖިބުވީ، އޭނާއަކީ އަޅެއް ކަމުގައިވީތީ އެވެ. ފަސްވަނަ މީހާގެ މައްޗަށް ޢުޤޫބާތެއް ވާޖިބުނުވީ، އޭނާއަކީ މޮޔައެއް ކަމުގައިވީތީ އެވެ.
ހަތަރު ވަނަ ސުވާލު:
މީހަކު ނަމާދުކޮށްގެން ކަނާތްފަރާތަށް ސަލާމްދިން ހިނދު، އޭނާގެ އަނބިމީހާ ވަރިކުރި އެވެ. ވާތްފަރާތަށް ސަލާމްދިން ހިނދު، އޭނާގެ ނަމާދު ބާޠިލުވި އެވެ. ދެން އުޑަށް ބަލާލުމަށްފަހު، އެއްހާސް ދިރުހަމު އަދާކުރި އެވެ. އެއީ ކީއްވެތޯ އެވެ؟
ޝާފިޢީގެފާނު ދެއްވި ޖަވާބު:
އޭނާ ކަނާތްފަރާތަށް ސަލާމްދިން ހިނދު، އޭނާގެ އަނބިމީހާއާ ކުރިން ކާވެނިކޮށްގެން އުޅުނު މީހަކު ފެނުނެވެ. އޭނާ ކާވެނިކުރީ، އެމީހާ ވީނުވީތަނެއް ނޭނގި ގެއްލިފައިވަނިކޮށެވެ. އެމީހާ ފެނުމުން އެކަނބުލޭގެ ވަރިކުރީ އެވެ. އޭނާ ވާތްފަރާތަށް ސަލާމްދިން ހިނދު، އޭނާގެ ފޭރާމުގައި ނަޖިހެއް ޖެހިފައިވަނިކޮށް ފެނުނެވެ. އެކަމުގެ ސަބަބުން އޭނާގެ ނަމާދު ބާޠިލުވީ އެވެ. ދެން އޭނާ އުޑަށް ބަލާލިއިރު، މަހުގެ ފުރަތަމަ ރޭގެ ހަނދު ފެނުނެވެ. މަސް ފެށޭ ދުވަހު އޭނާ އަދާކުރަންޖެހޭ އެއްހާސް ދިރުހަމުގެ ދަރަންޏެއް އޮތުމުން، އެ ދަރަނި އަވަހަށް އަދާކުރީ އެވެ.
ފަސް ވަނަ ސުވާލު:
ހަތަރު މީހަކާއެކު އިމާމުވެ މީހަކު މިސްކިތެއްގައި ނަމާދުކުރި އެވެ. އެމީހުން ނަމާދުކުރަމުންދަނިކޮށް އެހެން މީހަކު މިސްކިތަށް އެރި އެވެ. އެމީހުން ނަމާދުކޮށް ނިމުނު ހިނދު އިމާމަކަށް ހުރި މީހާގެ މައްޗަށް ޤަތުލު ވާޖިބުވި އެވެ. އޭނާގެ ފަހަތުގައި ނަމާދުކުރި ހަތަރު މީހުންގެ މައްޗަށް ތަޢުޒީރު ވާޖިބުވި އެވެ. އަދި އެމީހުން ނަމާދުކުރަންތިބި މިސްކިތް ތަޅާލުން ވާޖިބުވި އެވެ. އެއީ ކީއްވެތޯ އެވެ؟
ޝާފިޢީގެފާނު ދެއްވި ޖަވާބު:
ފަހުން މިސްކިތަށް އެރި މީހާ، ދަތުރެއްގައި ފުރިއިރު، އޭނާގެ އަނބިމީހާ އޭނާގެ ބޭބެއާ ޙަވާލުކުރި އެވެ. ފަހެ، އިމާމުވެ ނަމާދުކުރަންހުރި މީހާ، ދަތުރުވެރިޔާގެ ބޭބެ ޤަތުލުކުރި އެވެ. އޭނާ ޤަތުލުކުރުން ވާޖިބުވީ މި ސަބަބަށްޓަކަ އެވެ. އަދި ދަތުރުވެރިޔާގެ އަނބިމީހާއަކީ، އޭނާގެ އަނބިމީހާ ކަމުގައި ދަޢުވާކުރި އެވެ. އޭނާގެ ފަހަތުގައި ނަމާދުކުރި ހަތަރު މީހުން އެކަމަށް ހެކިވި އެވެ. އެމީހުން ތަޢުޒީރުކުރުން ވާޖިބުވީ މި ސަބަބަށްޓަކަ އެވެ. އެމީހުން ނަމާދުކުރަންތިބި މިސްކިތަކީ، އެ ދަތުރުވެރިޔާގެ ގެ އެވެ. އެ ދަތުރުވެރިޔާގެ އަނބިމީހާ ނިގުޅައިގަތުމަށްފަހު، އޭނާގެ ގެއަކީ މިސްކިތެއް ކަމުގައި އެމީހުން ހެދި އެވެ. އެ މިސްކިތް ތަޅާލުން ވާޖިބުވީ މި ސަބަބަށްޓަކަ އެވެ.
ހަ ވަނަ ސުވާލު:
އަޅަކު އޭނާގެ ސާހިބުމީހާއަށް ފިލި އެވެ. އެހިނދު ސާހިބުމީހާ ހުވާކޮށްފައި ބުންޏެވެ. އެ އަޅުމީހާ ފެނުމުގެ ކުރިން ތިމަންނައަށް އެއްޗެއް ކެވިއްޖެނަމަ، އެ އަޅުމީހާ މިނިވަންވީ އެވެ. މި ޙާލަތުގައި، އެ އަޅުމީހާ މިނިވަންވިޔަ ނުދިނުމަށްޓަކައި ޢަމަލުކުރާނީ ކިހިނަކުންތޯ އެވެ؟
ޝާފިޢީގެފާނު ދެއްވި ޖަވާބު:
ސާހިބުމީހާ އެއްޗެއް ކެއުމުގެ ކުރިން، އެ އަޅުމީހާ، ސާހިބުމީހާގެ ދަރިއަކަށް ހިބައިންދޭނީ އެވެ. ދެން ކާނީ އެވެ. ދެން އަޅުމީހާ ފެނިއްޖެނަމަ، ދަރިފުޅަށް ދިން ހިބަ، އަނބުރާ ގެންނާނީ އެވެ.
ހަތް ވަނަ ސުވާލު:
ދެ އަންހެނަކާ، ޒުވާން ދެ ފިރިހެނަކު ބައްދަލުވި އެވެ. އެހިނދު އެ ދެ އަންހެނުން ބުންޏެވެ. އަހަރެމެން ދެ މީހުންގެ ދެ ފިރިހެން ދަރިންނަށާއި، އަހަރެމެން ދެ މީހުންގެ ދެ ފިރިންނަށާއި، އަހަރެމެން ދެ މީހުންގެ ދެ ފިރިންގެ ދެ ފިރިހެން ދަރިންނަށް މަރްޙަބާކިޔަމުއެވެ. އެއީ ކީއްވެތޯ އެވެ؟
ޝާފިޢީގެފާނު ދެއްވި ޖަވާބު:
އެ ދެ އަންހެނުންނާ ބައްދަލުވި ޒުވާން ދެ ފިރިހެނުންނަކީ އެ ދެ އަންހެނުންގެ ދެ ދަރިންނެވެ. އެ ދެ ފިރިހެނުންގެ ދެ ބައްޕައަކީ އެއިން ކޮންމެ އަންހެނަކާ ކުރިން ކާވެނިކުރި ދެ ފިރިހެނެކެވެ. މިހާރު އެ ދެ އަންހެނުންކުރެ އެކަކު ވަނީ އަނެކަކުގެ ފިރިހެން ދަރިފުޅާ ކާވެނިކޮށްގެންނެވެ.
އަށް ވަނަ ސުވާލު:
މީހަކު ފެންތަށްޓެއްގެ އެއް ބައި ބުއިތަނާ، އެ ފެންތަށީގެ އަނެއް ބައި އޭނާގެ މައްޗަށް ޙަރާމްވެއްޖެ އެވެ. އެއީ ކީއްވެތޯ އެވެ؟
ޝާފިޢީގެފާނު ދެއްވި ޖަވާބު:
އޭނާ އެ ފެންތަށީގެ އެއްބައި ބުއިތަނާ، އޭނާގެ ނޭފަތުން ފޭބި ލޭ، އެ ފެންތަށީގެ ތެރެއަށް އެޅި، އެ ތަށީގައިވާ ފެން ތަޣައްޔަރުވި އެވެ. އެކަމުގެ ސަބަބުން އޭނާގެ މައްޗަށް އެ ފެންތަށި ޙަރާމްވީ އެވެ.
ނުވަ ވަނަ ސުވާލު:
ފޮތިން ހަދާފައިވާ ކީސާއެކެވެ. އެ ކީސާ ފުރެންދެން އެއަށް އެއްޗެއް އަޅާފައި ވެ އެވެ. އެ ކީސާ ވަނީ ބަންދުކޮށް، ސިލު ޖަހާފަ އެވެ. މީހަކު އޭނާގެ އަނބިމީހާގެ އަތަށް އެ ކީސާ ދީފައި ބުންޏެވެ. މި ކީސާގައިވާ ސިލް ކަނޑާނުލައި އަދި މި ކީސާ ހުޅުވުމެއްނެތި އަދި މި ކީސާ ހަލާކުކޮށްނުލައި މީގައިވާ އެއްޗެއް ނަގާށެވެ! މިއާ ޚިލާފުވެއްޖެނަމަ ތިބާ ވާނީ ވަރިވެފަ އެވެ. މި ޙާލަތުގައި އަނބިމީހާ އެ ކީސާގައިވާ ސިލް ކަނޑާނުލައި އަދި އެ ކީސާ ހުޅުވުމެއްނެތި އަދި އެ ކީސާ ހަލާކުކޮށްނުލައި އޭގައިވާ އެއްޗެއް ނަގާނީ ކިހިނަކުންތޯ އެވެ؟
ޝާފިޢީގެފާނު ދެއްވި ޖަވާބު:
އެ ކީސާގައިވަނީ ހަކުރު ނުވަތަ ލޮނު ފަދަ އެއްޗެކެވެ. އޭގެތެރޭގައިވާ އެއްޗެއް ނެގުމަށްޓަކައި އަނބިމީހާ ކުރަންޖެހޭ ކަމަކީ، އެ ކީސާ ފެނަށް ލުމެވެ. އޭރުން އޭގައިވާ އެއްޗެއް ފެނުގެ ތެރެއަށް ގިރިގެންދާނެ އެވެ.
ޝާފިޢީގެފާނު މި ޖަވާބުތައް ދެއްވުމުން، ޚަލީފާ ހާރޫނުއްރަޝީދު، އެކަލޭގެފާނަށް ވަރަށް ބޮޑަށް ތަޢުރީފުކުރެއްވި އެވެ.
ދެން ޝާފިޢީގެފާނު ވިދާޅުވި އެވެ. ޢިލްމުވެރިންނާ ސުވާލެއް ކޮށްލެއްވުމަށް ތިމަންކަލޭގެފާނު ބޭނުންފުޅެވެ. ތިމަންކަލޭގެފާނުގެ ސުވާލަށް، ޢިލްމުވެރިން ޖަވާބު ދެއްވައިފިނަމަ، މާތް ﷲ ގެ ޙަޟުރަތަށް ޙަމްދު ހުއްޓެވެ. ޢިލްމުވެރިންނަށް ޖަވާބު ނުދެއްވިއްޖެނަމަ، އެއުރެންގެ ދުއްތުރާލުން ތިމަންކަލޭގެފާނު ސަލާމަތްކޮށްދެއްވާށެވެ!
ޚަލީފާ ހާރޫނުއްރަޝީދު ވިދާޅުވި އެވެ.
ކަލޭގެފާނު އެދިވަޑައިގެންނެވި ކަން، ކަލޭގެފާނަށް ދެއްވާނަމެވެ.
ދެން ޝާފިޢީގެފާނު ސުވާލުކުރެއްވި އެވެ.
ފިރިހެނަކު ނިޔާވިއިރު އޭނާ ދުނިޔެއަށް ދޫކޮށްފައިވަނީ 600 ދިރުހަމެވެ. އޭގެ ތެރެއިން އޭނާގެ އުޚުތަށް ވާރުތައިން ލިބުނީ އެންމެ ދިރުހަމެކެވެ. މައްޔިތާގެ ތަރިކަ ބަހާފައިވަނީ ކިހިނަކުންތޯ އެވެ؟
މި ސުވާލުގެ ޖަވާބު ހޯއްދެވުމަށްޓަކައި އެތައް އިރެއްވަންދެން ޢިލްމުވެރިން މަސައްކަތްކުރެއްވި އެވެ. ނަމަވެސް ޖަވާބު އެނގިވަޑައެއްނުގަތެވެ. ދެން ޝާފިޢީގެފާނު ޖަވާބުދެއްވި އެވެ.
އޭނާ ނިޔާވިއިރު، އޭނާގެ ތިބީ ދެ އަންހެން ދަރިންނާއި، މަންމައާއި، އަނބިމީހާއާއި، ބާރަ އަޚުންނާއި، އެއް އުޚުތެވެ. އޭނާގެ ތަރިކައިން ދެ އަންހެން ދަރިންނަށް ލިބުނީ ތިންބައިކުޅަ ދެބައި ކަމުގައިވާ 400 ދިރުހަމެވެ. މަންމައަށް ލިބުނީ ހަބައިކުޅަ އެއްބައި ކަމުގައިވާ 100 ދިރުހަމެވެ. އަނބިމީހާއަށް ލިބުނީ އަށްބައިކުޅަ އެއްބައި ކަމުގައިވާ 75 ދިރުހަމެވެ. ބާރަ އަޚުންނަށް ލިބުނީ (އެއިން ކޮންމެ މީހަކަށް 2 ދިރުހަމުގެ މަގުން) 24 ދިރުހަމެވެ. އުޚުތަށް ލިބުނީ ބާކީ އޮތް 1 ދިރުހަމެވެ.
ޝާފިޢީގެފާނު މި ޖަވާބު ބަޔާންކުރެއްވުމުން، ޚަލީފާ ހާރޫނުއްރަޝީދު ހެޔޮ ބަސްފުޅު ވިދާޅުވެ ދުޢާފުޅުކުރެއްވި އެވެ. "ތިމަން މަނިކުފާނުގެ ގާތްތިމާގެ ބޭފުޅުންގެ ތެރޭގައި ޝާފިޢީގެފާނު ފަދަ ޢިލްމުވެރިން ގިނަކުރައްވާށި އެވެ!" ދެން ޝާފިޢީގެފާނަށް ދެ ހާސް ދިރުހަމު ދެއްވި އެވެ. އެކަލޭގެފާނު އެ ދިރުހަމުތައް ބައްސަވައިލެއްވީ، ގަނޑުވަރުގެ މުވައްޒަފުންނަށެވެ.
މާތް ﷲ، ޝާފިޢީގެފާނަށާއި، ޚަލީފާ ހާރޫނުއްރަޝީދަށް ހެޔޮ ރަޙްމަތް ލައްވާށިއެވެ! އާމީން.








