މީގެ 22 ވަރަކަށް އަހަރު ކުރިން އަމީރު އަހުމަދު ސްކޫލުގެ ގްރޭޑް ހަތެއްގައި ކިޔަވަމުން ދިޔައިރު އަހުމަދު ޝިހާމް (ޕުޗު) ކުޅެން ޝައުގުވެރިވަނީ ފުޓްބޯޅަ އާއި ވޮލީބޯޅަ އެވެ. ބެޑްމިންޓަން ކޯޓު އޮފިޝަލަކަށް ވާން އޭރު އޭނާގެ ހިތަކު ނެތެވެ. އެހެން ހުއްޓާ 1999 ވަނަ އަހަރު ތެރޭ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ކޯޓު އޮފިޝަލުން ތަމްރީން ކުރުމުގެ ގޮތުން ކޯހެއް ހިންގަން ސްކޫލުތަކުން ޝައުގުވެރިވާ ކުދިން ނެގި އެވެ. އޭގެ ތެރޭގައި ޕުޗު ހިމެނުނީ އޭނާ އަކީ އަބަދުވެސް ކުޅިވަރުގައި އުޅޭ ކުއްޖަކަށްވާތީ އެވެ. އޭނާ އެ ކޯހުގައި ބައިވެރިވާން ނިންމީ އެ ކަން ވެސް އެއީ ނުކޮށް ދޫކޮށްލާވަރުގެ ކަމެއް ކަމަށް ނުފެންނާތީ އެވެ. އެއާ އެކު މަންޒަރު ބަދަލުވީ އެވެ.
"އޭރު ނެގި އޮފިޝަލުންގެ ބެޗް އެއްކޮށްލީމަ އުޅޭނެ 52 ވަރަކަށް ކުދިން. އޮފިޝަލުންގެ ތެރެއިން ދެން ގިނަ މީހުން ދަނީ ކުޅުމަށް ނޫނީ ކޯޗިން އަށް. ގިނަ ކުދިން ރަނގަޅަށް ކުޅެވޭތީ ކުޅެން ބޭނުންވީ. އަހަންނަށް ވާ ގޮތަކީ ބަލި ކަކުލެއް ގެންގުޅެވޭތީ އެކަން ވާން ނެތީ،" ބެޑްމިންޓަން ކޯޓު އޮފިޝަލެއްގެ ގޮތުގައި ފެށިގެންދިޔަ ގޮތް ޕުޗު "އަދަދު" އަށް ކިޔައިދިނެވެ.
އަލަށް ވެސް ބެޑްމިންޓަނެއް ނުކުޅެން. އެކަމަކު ޝައުގުވެރި ކުޅިވަރަކަށް ވީމަ އޮފިޝަލެއްގެ ގޮތުގައި ފެށީ."
އެ ފަހަރު ކޯޓު އޮފިޝަލުން ތަމްރީނު ކުރީ އޭރު ބާއްވަން ރޭވިފައި އޮތް އެސޯސިއޭޝަން ޗެމްޕިއަންޝިޕް އަށެވެ. އެ މުބާރާތް ނިމުނު ދުވަހަކީ އެ މުބާރާތުގެ އޮފިޝަލުންގެ ތެރެއިން ތިން މީހެއްގެ އުފަން ދުވަހެވެ. މެއި 30 ވަނަ ދުވަހެވެ. އެއީ ޕުޗުގެ ވެސް އުފަން ދުވަހެވެ.
"ފުރަތަމަ ފުރުސަތު ލިބި އެކަން ނިމުނީ ވެސް އުފަން ދުވަހެއްގައި. ދެން އެ މުބާރާތުގައި ރަނގަޅަށް މަސައްކަތް ކުރެވުނީމަ ހިތަށް އެރި ކުރިއަށްދާނީއޭ. އަނެއްކާ އެ ދުވަހު އެންމެން އެކުގައި އުފަން ދުވަސް ފާހަގަކުރެވުމުން ވެސް އެއްބައިވަންތަކަން ފެނިއްޖެ،" ޕުޗު ބުންޏެވެ.

ބައިނަލްއަގުވާމީ މުބާރާތެއްގެ މެޗެއްގެ ތެރެއިން ޕުޗު.
ބެޑްމިންޓަން މުބާރާތްތަކުގައި ކޯޓު އޮފިޝަލުންނަށް މުބާރާތުގެ ފަހު ކޮޅު (ކުއާޓާ/ސެމީ/ފައިނަލް) ގައި ފުރުސަތުދޭނީ މުބާރާތް ފެށިގެން އިންސާފުކުރަން ދޭ މެޗުތަކުގެ ބޭނުން ރަނގަޅަށް ހިފާ އޮފިޝަލުންނަށެވެ. ޕުޗު އަށް ފުރަތަމަ މުބާރާތުގައި ވެސް ފަހު މެޗުތަކުން ފުރުސަތު ދިނެވެ. އެއީ ދިން ފުރުސަތުތަކުގައި އޭނާ ރަނގަޅަށް މަސައްކަތް ކޮށްފައިވާތީ އެވެ.
ބައިނަލްއަގުވާމީ ފުރުސަތުތަކަށް އަބަދުވެސް އެދޭ
މީގެ ވިއްސަކަށް އަހަރު ކުރިއަށް ބަލާއިރު ރާއްޖޭގެ ބެޑްމިންޓަނަށް މިހާރު މި އޮތް ވަރުގެ މާ ބޮޑެތި ފުރުސަތުތަކެއް ނެތެވެ. ފެންވަރު ރަނގަޅު ހުނަރުވެރި ކުޅުންތެރިން ތިބި ކަމުގައި ވިޔަސް ކޯޓު އޮފިޝަލުންނަށް ކުރިއަށްދާން އޮންނަނީ އުނދަގޫ މަގެކެވެ. ޗެލެންޖުތައް ވެސް ބައިވަރެވެ. ހާއްސަގޮތެއްގައި ބައިނަލްއަގުވާމީ މައިދާނުގައި ފައިތިލަ ސާބިތުކުރަން ބަލާއިރު، ކުރިމަތިވާ ގޮންޖެހުންތައް ހީނުކުރާހާ ގިނަ އެވެ.
މީގެ ކުރިން ކޯޓު އޮފިޝަލުންނަށް ފުރުސަތު އޮންނަ ގޮތަށް ބަލާއިރު، ފުރަތަމަ ގެންދާނީ ރާއްޖޭން ބޭރުގެ ޖޫނިއާ މުބާރާތަކަށެވެ. ފުރުސަތު ހުޅުވިފައި އޮންނަނީ ވެސް އެގޮތަށެވެ.
ޕުޗުގެ ރާއްޖޭން ބޭރުގެ އަލަތު ތަޖުރިބާ އަކީ ވެސް ޖޫނިއާ މުބާރާތެކެވެ. އެގޮތުން 2001 ވަނަ އަހަރު "އޭޖޭބީސީ" - އޭޝިއަން ޖޫނިއާ ބެޑްމިންޓަން ޗެމްޕިއަންޝިޕަށް އުމުރުން 18 ވަރަކަށް އަހަރުގައި ޕުޗު ދިޔައީ ތަމްރީނާ ހެދުމަށާއި ތަޖުރިބާ ހޯދުމުގެ މުހިއްމު ބޭނުމުގަ އެވެ
އެ މުބާރާތަށް ޗައިނީސް ޓައިޕޭ އަށް ޕުޗު ދިޔައިރު، އެއީ ރާއްޖޭން ބޭރަށް އޭނާ އެ ގޮތަށް ދިޔަ ފުރަތަމަ ފަަހަރެވެ. އެކަނި އެ ގޮތަށް ބޭރަށް ދިޔަ ފުރަތަމަ ފަހަރު އޭރު ގޮސް ޓެސްޓެއް ވެސް ހެދި އެވެ. އެއީ އިންޓަނޭޝަނަލް ފެންވަރަށް ދިއުމަށް ފުރުސަތު ހޯދުމަށެވެ.
"އުމުރުން 18 އަހަރުގައި އެ ޓެސްޓް ހަދަން އިށީނީމަ އެ މުބާރާތަށް އައިސްތިބި ވަރަށް ގިނަ މީހުން (އޮފިޝަލުން) ހައިރާންވި. އެ މިހުން ހީކުރީ ޖޫނިއާ މުބާރާތެއް ވީމަ ޖޫނިއާ އަމްޕަޔަރެއް ފޮނުވީ ކަމަށް. އެކަމަކު އަހަރެން ބުނިން މި ވަގުތަށް އެންމެ އެކްޓިވްކޮށް ހުރި އެންމެ ސީނިއާ މީހަކީ އަޅުގަނޑޭ. އެހެންވެއޭ ޗާންސް ލިބުނީ،" ގައުމުން ބޭރުގައި ކުރި ފުރަތަމަ ތަޖުރިބާގެ ހަނދާންތައް އާ ކުރަމުން ޕުޗު ކިޔައިދިނެވެ.
އެ ފަަހަރު ޕުޗުގެ ޓެސްޓްގެ ނަތީޖާ ރާއްޖެ އަށް ފޮނުވިއިރު، ނަތީޖާ ޝީޓުގައި އިނީ "ތަޖުރިބާ މަދު" ކަމަށް ލިޔެފަ އެވެ. އަލަތު މުބާރާތެއްގައި ކުރާއިރު ތަޖުރިބާގެ މައްސަލަ ޖެހޭނެކަން އެއީ ސާފުކޮށް ފެންނަން އޮތް ކަމެއްކަން ޕުޗު އަށް ވެސް ވިސްނެ އެވެ. އެހެންވެ، މާ ބޮޑު ކަމަކަށް ނުހަދައި އޭނާ ފަސް އެނބުރި ބެލުމެއް ނެތި މިސްރާބު ޖެހީ ކުރިއަށެވެ.
އޭގެ ފަހުން އަބަދު ވެސް ބެޑްމިންޓަން އެސޯސިއޭޝަންގެ ވެރިންގެ ކިބައިން ޕުޗު އެދޭ ކަމަކީ ރާއްޖޭން ބޭރުން އިތުރު ފުރުސަތަކަށެވެ. ފުރުސަތެއް ދީފިނަމަ އެސޯސިއޭޝަން މާޔޫސްވިޔަ ނުދޭނެ ކަމުގެ ޔަގީންކަން ޕުޗު ދިޔައީ ދެމުންނެވެ. އެހެން ހުއްޓައި ނަސީބު އަތުގައި ހިފީ 2012 ވަނަ އަހަރު އެވެ.

ޕުޗު "އަދަދު" އަށް އިންޓަވިއުދެނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ފުރުސަތަކަށް އެދި އެދި ހުއްޓައި 2012 ވަނަ އަހަރު ޑިސެމްބަރު މަހު ޗައިނާގައި ބޭއްވި އޭޝިއާގެ މުބާރާތަކުން ފުރުސަތު ލިބުމުން ޕުޗު އެ މުބާރާތަށް ރަނގަޅަށް ތައްޔާރުވި އެވެ. އެ މުބާރާތަށް ގޮސް ވެސް ޓެސްޓެއް ހަދަން ޖެހޭނެތީ އެކަމަށް ވެސް ތައްޔާރުވި އެވެ. އެ ޓެސްޓަށް ފަހު ދެން ކުރިމަތިލާ މުބާރާތަކީ ޕްރެކްޓިކަލްކަން ވެސް އޭނާ އަށް އެނގެ އެވެ.
"ޓެސްޓް ހަދަން އިނދެފައި ވެސް ހިތައް އެރި މިތިބީ އޭޝިއާގެ ތަންތަނުން ހޮވާލައިގެންނޭ މީހުން ގެނެސްފައޭ. ދެން ޓެސްޓް ހަދާފައި ރަނގަޅުވާނެ ކަމަށް ބެލީ. މުބާރާތުގެ ފައިނަލާ ހަމައަށް ދިޔައިރު ވެސް މެޗު ދިން. އުއްމީދުކުރެވުނު ރަނގަޅުވީއޭ. ދެން އިންޓަވިއުއެއް އިންނަނީ ޕާސް ނޯ ޕާސް. ދެން އެ އިންޓަވިއުއަށް ދިޔައީމަ ބުނީ ޕާސް އޭ. އެ ހިސާބުން ހިތްދެމިލެވުނީ،" ޕުޗު ބުންޏެވެ.
ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ މުބާރާތްތަކަށް ބަލާއިރު އަމްޕަޔަރުކަން ކުރަން ލިބެނީ ވަރަށް ތަޖުރިބާކާރު މީހުންނަށެވެ. ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރުމަށް ފަހު ބޭނުންވާ ހިސާބަށް ދެވޭނީ ބުރަ މަސައްކަތް ކޮށްގެންކަން އެއީ ޕުޗު އަބަދު ވެސް ގަބޫލުކުރާ ހަގީގަތެވެ.
2012 ވަަނަ އަހަރު ވަދެވުނީ އޭޝިއާ ޒޯނަށް އަދި ބީޑަބްލިއުއެފް އަށް ދާން އެއީ ވަރަށް މަސައްކަތް. އުމުރުން ވެސް ޅަ ވީމަ އުނދަގޫތަކެއް ހުރޭ. ބީޑަބްލިއު އެފްގައި ވަރަށް މަދުވާނެ 40 އިން ދަށުގެ އަމްޕަަޔަރުން - ޝިހާމް (ޕުޗު)
ބެޑްމިންޓަން އޭޝިއާގެ ޒޯނަށް ވަދެމުވުމާ އެކު ޕުޗު ދިޔައީ ބައިނަލްއަގުވާމީ ގޮތުން ލިބޭ ކޮންމެ ފުރުސަތެއްގެ ވެސް ބޭނުން ހިފަމުންނެވެ. ކޮންމެ މުބާރާތެއްގައި ވެސް އާ ފިލާވަޅުތަކެއް ލިބި އާ ތަޖުރިބާތަކެއް ކުރެވެ އެވެ.
ޕުޗު މިހާތަނަށް ކޮށްފައިވާ ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކަށް ބަލާއިރު އޭނާ ވަނީ އޭޝިއަން ޖޫނިއާ ގޭމްސް އާއި ދެ ވޯލްޑް ޗެމްޕިއަންޝިޕާއި ކޮމަންވެލްތު ގޭމްސް އަދި ލަންކާ އާއި ވިއެޓްނާމްގައި ބޭއްވި ފެންވަރު ރަނގަޅު ގިނަ މުބާރާތްތަކެއްގައި އޮފިޝަލްކަން ކޮށްފަ އެވެ.
އަދި ބެޑްމިންޓަނުގެ ޗެމްޕިއަނުންގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިން ވާދަކުރާ ބެޑްމިން ސުޕަ ސީރީސްގައި ވެސް ޕުޗު ވަނީ އޮފިޝަލްކަން ކޮށްފަ އެވެ.
"އޮފިޝަލުންގެ އަގުވަޒަންކުރަން ޖެހޭ ވަރަށް ނުކުރެވޭ"
މާދަމާ ޖަޕާނުގެ ޓޯކިޔޯގައި ފަށާ އޮލިމްޕިކްސް އަށް ބެޑްމިންޓަނުން ނެގީ މުޅި ދުނިޔެއިން ވެސް 20 ކޯޓު އޮފިޝަލުންނެވެ. ޕުޗު އަކީ އޭގެ ތެރެއިން އެކެކެވެ. މިއީ އޭނާގެ އިތުރުން ރާއްޖެ އަށް ވެސް ލިބޭ ޝަރަފެކެވެ.
މި ފުރުސަތު ޕުޗު އަށް ލިބުމުގައި ބައިނަލްއަގުވާމީ މުބާރާތްތަކުގައި އޭނާ ކޮށްފައިވާ މަސައްކަތް ރަނގަޅުވުން ހިމެނެ އެވެ. އަދި ރާއްޖެ އަކީ އޮލިމްޕިކް ކޮލިފިކޭޝަން އަށް ބަލާއިރު މަދު ކުޅުންތެރިން މުބާރާތުގައި ވާދަކުރާ ގައުމަކަށް ވުމުން ނިއުޓްރަލް އިންނަށް ދޭ ސްލޮޓެއް ލިބުމުގައި ވެސް ޕުޗު އަށް ފަސޭހަ މަގެއް އޮތެވެ.
ޕުޗު އަކީ އޮލިމްޕިކްސްގައި އޮފިޝަލްކަން ކުރަން ލިބުނު ދެ ވަނަ ބެޑްމިންޓަން އޮފިޝަލް އެވެ. މިގެ ކުރިން ބްރެޒިލްގެ ރިއޯގައި 2016 ވަނަ އަހަރުގައި ބޭއްވި އޮލިމްޕިކްސްގައި ރާއްޖޭގެ ބެޑްމިންޓަން އޮފިޝަލް އަލީ އަބްދުލް ކަރީމް (ޒޯލާ) ވަނީ އިންސާފު ކޮށްފަ އެވެ.
ޕުޗު ބުނީ މީގެ ހިތާމައަކީ ކުޅުންތެރިން ގައުމު ތަމްސީލްކުރާ ގޮތަށް އޮފިޝަލުން ވެސް ގައުމު ތަމްސީލްކުރާ ކަން އަދިވެސް ގިނަ ބަޔަކަށް ގަބޫލުނުކުރެވި އޮތުން ކަމަށެވެ.
"މިއީ ފީލްޑުން (ދަނޑުން) ބޭރު ކަމެއް ނޫން. އޮފިޝަލުން ނެތިއްޔާ ނުކުޅޭނެ އެއްވެސް ކުޅިވަރެއް. ބައެއް މީހުންގެ ވިސްނުން މި ކަމުގައި އެންމެ ރަނގަޅެއް ނޫން. އެއްވެސް ކުޅިވަރެއްގައި ރާއްޖޭގައި މި ފެންނަނީ ކުރަންވާ ވަރަަށް އޮފިޝަލުންގެ އަގުވަޒަންނުކުރެވި ދާތަން. ނުކުރެއެކޭ ނޫން މި ބުނަނީ ކުރަންވާ ވަރަށް ނުކުރެއޭ،" ޕުޗު ބުންޏެވެ.

2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ މެޗެއްގެ ތެރެއިން ޝިހާމް.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ކުޅިވަރުތަކުގެ އޮފިޝަލުންގެ އަގުވަޒަންކުރުމުގައި އެންމެ ރަނގަޅަށް އަމަލު ނުކުރެވޭނަމަ އޭގެ ސަބަބުން މުސްތަގުބަލުގައި ގިނަ ބަޔަކު ޝައުގުވެރިކަން ހުރެގެން މިކަން ނުކުރާނެ އެވެ. އޮފިޝަލުންނަކީ ވެސް ކުޅިވަރުގައި އިސް ހިއްސާދާރެއްގެ ގޮތުގައި ދެކިގެން އެ މީހުންނަށް ވެސް ހައްގުވާ މިންވަރަށް ކަންކަން ފޯރުކޮށްދޭނަަމަ ރާއްޖޭގައި ފެންވަރު ރަނގަޅު ގިނަ ރެފްރީންނާއި އޮފިޝަލުން ތިބޭނެ ކަމަށް ޕުޗު ވަނީ ބުނެފަ އެވެ.
"އެ މީހެއްގެ ކުޅިވަރެއްގައި އެ މީހެއް ކުރިއަރައިގެން ދާނެ. އެކަމަކު އޮފިޝަލަކު އަރައިގެން ދާތަނެއް ނުފެނެއޭ ބުނެވޭނީ. އޮންނަނީ ހައިޑްވެފައޭ. ބުނަން ބޭނުންވަނީ ޕްލޭޔަރުންނަށް އެކަންޏެއް ނޫނޭ އެލަވަންސާއި ބަޖެޓެއް ނޫނީ ކުރިމަގަށް އިންވެސްޓްކުރަންވީ ރެފްރީންނާއި އޮފިޝަލުންގެ ކުރިއެރުމަށް ވެސް ހަރަދު ކުރަންވީއޭ،" ޕުޗު ބުންޏެވެ.
ބައިނަލްއަގުވާމީ ގޮތުން ބަލާއިރު، ރާއްޖޭގެ ރެފްރީންނާއި އޮފިޝަލުން ކުރިއަރައިގެންދިއުމުގައި އޮތް އަނެއް ގޮން ޖެހުމަކީ ސެމީ ޕްރޮފެޝަނަލެއްގެ ގޮތުގައި އެކަން ކުރަން ޖެހުމެވެ. ހަމައެކަނި އޮފިޝަލްކަން ނޫނީ ރެފްރީކަން ކުރަން ހުސްވެ ހުރެގެން އެކަން ކުރެވޭ ވަރަށް މިކަމުން އާމްދަނީ އެއް ނުލިބެ އެވެ.
ޕުޗު އަކީ ވެސް ޕޮލިހުގައި ވަޒީފާ އަދާކުރުމުގެ އިތުރުން ބެޑްމިންޓަން އޮފިޝަލްކަން ކުރަން ވަގުތު ހުސްކުރާ މީހެކެވެ. މި ދެކަމަކީ ވެސް އަދާކުރަން ޖެހޭ ޒިންމާ ބޮޑު ދެ ކަމަކަށް ވާތީ ވަގުތު ހުސްކޮށްގެން ސިކުނޑި ހަމަޖައްސާލަން ދެން އޭނާ ދަނީ ރައްޓެހިންނާ އެކު ބޮޑުބެރު ޖަހާށެވެ. އެއީ މަޝްހޫރު ހަރުބީ ބޮޑުބެރު ގްރޫޕް އެވެ.
"ދޭތެރެއަކުން ވަގުތެއް ހޯދާލާފައި ގަސްދުގައި ބެރު ޖެހުން ވެސް މި ލަނީ މީގެ ތެރެއަށް. ބެޑްމިންޓަނަކީ ވަރަށް ސްޓްރެސް ވަރަށް ވާންކޮށް ދާ އެއްޗެއް. ދެން ޕޮލިސް ވެސް އެހާ ޒިންމާ ބޮޑު ވަޒީފާއެއް. ރައްޓެހިންނާ އެކު ބެރު ޖަހާލާއިރު އެ ޕްރެޝަރު ލައިފް އިން ކުޑަކޮށް ހަމަޖެހިލެވޭ. ގަސްދުގައި ހުންނާނެ މުބާރާތް ތެރެއިން ވެސް ޓައިމް އެއް ހާވާލާފައި ޝޯ އަކަށް ގޮސްފައި. އެއީ ރިފްރެޝް ވެލަން،" ދިރިއުޅުމުގެ ޕްރެޝަރު ޝެޑިއުލްގެ ތެރެއިން ބޮޑުބެރަށް ވަގުތު ހުސްކުރާގޮތް ޕުޗު ކިޔައިދިނެވެ.
ޕުޗު ބުނީ އޭނާގެ ވިސްނުމުގައި ކޮންމެ މީހަކަށް ވެސް އެ މީހާ މަސައްކަތްކުރާ ދާއިރާ އަކުން ގައުމަށް ގިނަގުނަ ކަންކަން ކޮށްދެވޭނެ އެވެ. ގައުމު ފަހުރުވެރިކޮށްދިނުމަކީ ކޮންމެ މީހެއްގެ ވެސް އަޒުމަކަށްވާނެ ކަމެކެވެ. ބެޑްމިންޓަން އޮފިޝަލެއްގެ ގޮތުގައި މިހާތަނަށް ލިބުނު ކޮންމެ ފުރުސަތެއްގައި ވެސް ގައުމު ފަހުރުވެރިކޮށްދެވޭތޯ ކުރެވުނު ހުރިހާ މަަސައްކަތެއް ކުރި ކަމަށް ޕުޗު ވަނީ ބުނެފަ އެވެ.
މާދަމާ ފަށާ އޮލިމްޕިކްސްގައި 206 ގައުމެއްގެ އޮފިޝަލުންނާއި ކުޅުންތެރިން/އެތުލީޓުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ހަތަރު އެތުލީޓުން ގައުމު ތަމްސީލްކުރާނީ ދަނޑުމަތީގައި ވާދަވެރި ރޫހެއްގައި އިދިކޮޅަށް ނުކުންނަ ގައުމެއްގެ ކުޅުންތެރިއަކާ ދެކޮޅަށެވެ. އޮފިޝަލްކަން ކުރުމުގައި ޕުޗު ހުންނާނީ ކުޅިވަރުގެ ހަރުދަނާ އުސޫލުގެ ތެރެއިން އިންސާފު ގާއިމްކުރާށެވެ. ފަހުރުވެރިކަމާ އެކު އޭނާ ވެސް ތަމްސީލްކުރާނީ ރާއްޖެ އެވެ.













