ހުއްދަ ނެތި ކ. މާފުއްޓަށް ގޮސް އުޅުނު ދިވެހި ފިރިހެނަކު އެ ރަށުގެ އަންހެނުންތަކެއް ފަހަތުން ދުވެ, ކައުންސިލަރަކަށް ހަމަލާދިނުމުން ރޭ ހައްޔަރުކޮށްފި އެވެ.
ޓޫރިސްޓު މަންޒިލެއްގެ ގޮތުގައި މަޝްހޫރު, މާފުށީ ކައުންސިލަރަކު މިއަދު ވިދާޅުވި ގޮތުގައި ކެފޭއެއްގެ ތެރޭގައި ތިބި އަންހެނުންތަކެއް ފަހައި އެ މީހާ ދުވީ އޭނާ މަރާލަން އުޅެނީ ކަމަށް ގޮވަމުންނެވެ. އެ މަންޒަރު ވީޑިއޯކޮށްދޭން އެދި ފަހަތުން ދާން ފެށުމުން އޭނާގެ ކިބައިން ސަލާމަތްވާން އެ މީހުން ގެއަކަށް ވަދެ ދޮރު ލައްޕަން އުޅުމުގެ ތެރޭގައި އެ މީހާގެ އަތުގައި އޮތް އުލެއް އަންހެން ކައުންސިލަރެއްގެ ބުރަކައްޓަށް ހެރިފައިވާ ކަމަށް މާފުށިން ބުންޏެވެ.
"މާބޮޑު ޒަހަމެއް ނުލިބޭ. އޭނަ ގެންގުޅުނު އުލެއް ދެ ތަނަކަށް ވަދެފައި އިނީ" ކައުންސިލަރަކު ވިދާޅުވި އެވެ.
ފުލުހުން އޭނާ ހައްޔަރުކުރި ފަހުން ކައުންސިލުން ބެލިއިރު އޭނާ މާފުއްޓަށް އެތެރެވި ގޮތެއް ނޭނގެ އެވެ. އެކަން ބަލަމުން އަންނަ ކައުންސިލުން ބުންޏެވެ.
ކޮވިޑާ ހެދި މާފުށި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މޮނިޓަރިންއަށް ލާފައި ބޭއްވުމަށް ފަހު އެ ހާލަތު އުވާލީ ވަރަށް ފަހުންނެވެ. އޭގެ ފަހުން ވެސް އެ ރަށަށް އެތެރެވެވޭނީ ކައުންސިލަށް އެނގިގެން ހުއްދައާ އެކުގަ އެވެ.












