ލިވަޕޫލް (ޖުލައި 20) - މި ފަހަރުގެ ފުޓްބޯޅަ ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އެ ޓީމު ދޫކޮށްލުމުގެ ފުރުސަތު އެބައޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 31 އަހަރުގެ ހެންޑަސަން ލިވަޕޫލާ އެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އޮތީ ދެ އަހަރެވެ. ހެންޑަސަން ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއިކުރުމުގެ މަސައްކަތް ލިވަޕޫލުން މިދިޔަ ސީޒަން ތެރޭގައި ފެށި ނަމަވެސް މިހާތަނަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބެ އެވެ. ކޮންޓްރެކްޓްގެ މަޝްވަރާތައް ކުރިއަށް ނުދަނީ ބައެއް ކަންކަމާ މެދު އެއްބަސް ނުވެވިގެންނެވެ.
ހެންޑަސަން ލިވަޕޫލްގައި މި ވަގުތު ހުރީ ހަފްތާ އަކު 140،000 ޕައުންޑްގެ މުސާރަ އަކަށެވެ. ރިޕޯޓްތައް ބުނާގޮތުން ހެންޑަސަން އާ ކޮންޓްރެކްޓެއް ބޭނުންވަނީ އިތުރު ހަތަރު އަހަރަށް ހަފްތާ އަކު 180،000 ޕައުންޑްގެ މުސާރަ ލިބޭ ގޮތަށެވެ. މިއީ ލިވަޕޫލްގެ ދެ ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ރޮބާޓޯ ފިރްމީނޯ އާއި ވާޖިލް ވެން ޑައިކަށް ހަފްތާ އަކު ލިބޭ މުސާރަ އެވެ. ލިވަޕޫލްގެ އެންމެ މުސާރަ ބޮޑީ ހަފްތާ އަކު 200،000 ޕައުންޑް ލިބޭ މުހައްމަދު ސަލާހާއި ތިއާގޯ އަލްކަންޓާރާގެ އެެވެ.
ލިވަޕޫލް ހިންގަމުން އަންނަ ފެންވޭ ސްޕޯޓްސް ގްރޫޕް (އެފްއެސްޖީ) އިން ގެންގުޅޭ ޕޮލިސީގައިވާ ގޮތުން 30 އަހަރަށް ވުރެ ދޮށީ ކުޅުންތެރިއަކު ކްލަބްގައި މަޑުކުރުވާނަމަ ސޮއިކުރަަން ޖެހޭނީ ތިން އަހަރުގެ ކޮންޓްރެކްޓެއްގައި އެންމެ ބޮޑުވެގެން ހަފްތާ އަކު 160،000 ޕައުންޑަށެވެ.
ރިޕޯޓްތައް ބުނާގޮތުގައި ހެންޑަސަން އަށް ވެސް ހުށަހެޅީ މި ފަހަރު ހިލޭ ޓްރާންސްފާއެއްގައި ލިވަޕޫލް ދޫކޮށްލި ޖިއޮޖީނިއޯ ވައިނަލްޑަމް އަށް ދިން ވަރުގެ މުސާރައެކެވެ. ވައިނަލްޑަމް ލިވަޕޫލް ދޫކޮށް ޕީއެސްޖީ އަށް ބަދަލުވިއިރު، ކޮންޓްރެކްޓް އާ ކުރަން އޭނާ ވަނީ ހަފްތާ އަކު 180،000 ޕައުންޑްގެ މުސާރަ އަކަށް ލިވަޕޫލް ކައިރިން ޑިމާންޑްކޮށްފަ އެވެ. އެއީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެ ވަރުގެ މުސާރަ އަކަށް ލިވަޕޫލުން ވައިނަލްޑަމް އަށް ތިން އަހަރުގެ ކޮންޓްރެކްޓެއް ދޭން ބޭނުމެއްނުވި އެވެ.
އިނގިރޭސި ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ވައިނަލްޑަމް އަށް ރަނގަޅު މުސާރައެއް ލިބޭ ކޮންޓްރެކްޓެއް ދޭން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވެސް ކްލަބްގެ މެނޭޖްމަންޓުގައި އެދުނެވެ. އެކަމަކު، އެފްއެސްޖީން ބޭނުންވާ އަގަކަށް ވައިނަލްޑަމް އެއްބަސްނުވެ، އޭނާ އެންމެ ފަހުން ކްލަބް ދޫކޮށްލީ އެވެ.
ބާސެލޯނާ އަށް ބަދަލުވާނެ ކަމަށް ބެލެވުނު ވައިނަލްޑަމް ޕީއެސްޖީ އަށް ސޮއިކުރީ އެ ކްލަބްގެ މުސާރަ ރަނގަޅު ވުމުންނެވެ. ޕީއެސްޖީއާ އެކު އުމުރުން 30 އަހަރުގެ ވައިނަލްޑަމް ސޮއިކުރީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެ އެއްބަސްވުމުގެ ދަށުން ވައިނަލްޑަމް އަށް ހަފްތާ އަކު މަދުވެގެން 200،000 ޕައުންޑް ލިބޭނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން ހެންޑަސަން ލިވަޕޫލް ދޫކޮށްލިޔަސް އެހެން އިނގިރޭސި ކްލަބަކާ ނުގުޅޭނެ އެވެ. އޭނާ ހޯދަން ޕީއެސްޖީ އާއި އެތުލެޓިކޯ މެޑްރިޑުން ޝައުގުވެރިވެ އެވެ.
ސަންޑަލެންޑް ދޫކޮށް 2011 ވަނަ އަހަރު ހެންޑަސަން ލިވަޕޫލަށް ބަދަލުވީ 23 މިލިއަން ޑޮލަރަށެވެ. ލިވަޕޫލްގެ ކެޕްޓަންކަން ހެންޑަސަން އަށް ދިނީ ސްޓީވެން ޖެރާޑް އެ ޓީމު ދޫކޮށްލުމުން 2015 ވަަނަ އަހަރު އެވެ. ހެންޑަސަންގެ ކެޕްޓަންކަމުގައި ލިވަޕޫލުން ވަނީ އިނގިރޭސި ޕްރިމިއާ ލީގާއި ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.
ލިވަޕޫލަށް މިހާތަނަށް ކުޅެދިން 484 މެޗުން ހެންޑަސަން ވަނީ 36 ގޯލު ޖަހައި 64 ގޯލު ޖަހަން ފުރުސަތު ތަަނަވަަސްކޮށްދީފަ އެވެ.












