އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތައް އަންނަ މަހު ރާއްޖޭގައި ކުޅޭގޮތަށް އޭއެފްސީން ނިންމައިފި އެވެ.
މިއީ މިދިޔަ ދެ އަހަރެއްހާ ދުވަސް ތެރޭ އޭއެފްސީ ކަޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން ބިޑަށް ހުޅުވާލައިގެން ރާއްޖޭން ބިޑް ކާމިޔާބުކުރި ތިން ވަަނަ ފަހަރެވެ. މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތައް ބާއްވަން ރާއްޖޭން ބިޑް ކާމިޔާބުކުރި ނަމަވެސް އެންމެ ފަހު ވަގުތު އޭއެފްސީން މުޅި މުބާރާތް ކެންސަލްކުރީ އެވެ. އެއީ ހުރިހާ ގްރޫޕެއްގެ މެޗުތައް ބޭއްވޭނެ ގޮތެއް ނުހޯދުމުންނެވެ.
މި އަހަރު އެންމެ ފުރަތަމަ އޭއެފްސީ ކަޕް ދެކުނު އޭޝިއާ ގްރޫޕް (ގްރޫޕް ޑީ)ގެ މެޗުތައް ކުޅެން ބިޑްކުރަން ހުޅުވާލި ފުރުސަތުގައި ރާއްޖޭން ބިޑް ކާމިޔާބުކުރި އެވެ. އިންޑިއާއާ ވާދަކޮށް އެ ފަަހަރު ބިޑް ކާމިޔާބުކުރީ މިދިޔަ މެއި މަހު މެޗުތައް ކުޅޭ ގޮތަށެވެ.
އެކަމަކު، އެ މެޗުތަކަށް ރާއްޖެ އައި އިންޑިއާގެ ބެންގަލޫރު އެފްސީ ރާއްޖެ އައިސް ޕްރޮަޓޮކޯލާ ހިލާފުވުމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އެންގެވީ މެޗުތައް އިތުރަށް ކުރިއަށް ނުގެންދިއުމަށެވެ. އެހެންވެ، އޭރު މެޗުތައް ނުބޭއްވި ޖެހުނީ ފަސްކުރާށެވެ. އެ ފަހަރު މެޗުތައް ފަހު ވަގުތު ކެންސަލްކުރަން ޖެހުމުން އޭއެފްސީ ޑިސިޕްލިނަރީ ކޮމިޓީން ރާއްޖޭގެ މައްސަލައެއް ބަލަން ފެށި އެވެ.
އޭއެފްސީން އެންމެ ފުރަތަމަ ބެލީ މިދިޔަ މަހު ފަހުކޮޅާއި މި މަހު ކުރީކޮޅުގައި އޭއެފްސީ ކަޕްގެ ގްރޫޕް ޑީގެ މެޗުތައް ކުޅޭށެެވެ. އެކަމަކު، އެ މުއްދަތުގައި މެޗުތައް ހޯސްޓްކުރާނެ ގައުމެއް ނުވުމުން އަންނަ މަހަށް މެޗުތައް ފަސްކޮށް އަލުން ބިޑަށް ހުޅުވާލީ އެވެ.
އަންނަ މަހު ވެސް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕް ހޯސްޓްކުރަން ބިޑްކުރާނެ ގައުމެއް ނުވި ނަމަ މި ގްރޫޕްގެ މެޗުތައް ކެންސަލްވާނެ އެވެ. އެކަމަކު މި މަހު ފަސް ވަނަ ދުވަހު މުއްދަތު ހަމަވުމުގެ ކުރިން ރާއްޖެ އާއި ބަންގްލަދޭޝް އިން މެޗުތައް ބާއްވަން ބިޑްކުރި އެވެ. އޭއެފްސީން ދެ ޓީމުގެ ބިޑް ދިރާސާ ކުރުމަށް ފަހު މެޗުތައް ހޯސްޓްކުރުމުގެ ފުރުސަތު ދިނީ ރާއްޖެ އަށެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި އެންމެ ފަހުން ފަހަރު އޭއެފްސީ ކަޕްގެ މެޗުތައް އެންމެ ފަހު ވަގުތު ރާއްޖޭގައި ނުކުޅެވޭނެކަން އެންގުމުން މި ފަހަރު އެ ފަަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް ބަޔާންކޮށް ރާއްޖޭން ލިިޔުމެއް ހުށަހަޅަން ޖެހުނެވެ.
މިހާރު އޭއެފްސީ ކަޕްގެ ތާވަލު ރޭވިފައި އޮތްގޮތުން އެންމެ ފުރަތަމަ އަންނަ މަހުގެ 15 ވަނަ ދުވަހު ކުޅޭނީ ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު ކުޅޭ ޕްލޭއޮފް މެޗެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭނެ އެވެ.
ގްރޫޕް ސްޓޭޖުގައި އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އެވެ. މި ގްރޫޕްގެ މެޗުތައް ކުރިއަށްދާނީ އަންނަ މަހު 18، 21 އަދި 24 ވަނަ ދުވަހު އެވެ.
މެޗު ޝެޑިއުލް
ޕްލޭއޮފް:
އީގަލްސް - ބެންގަލޫރު (15 އޮގަސްޓް)
ގްރޫޕް ސްޓޭޖް:
އޭޓީކޭ މޯހަން ބަގާން - އީގަލްސް/ބެންގަލޫރު (18 އޮގަސްޓް)
މާޒިޔާ - ބަޝުންދުރަ (18 އޮގަސްޓް)
ބެންގަލޫރު/އީގަލްސް - ބަޝުންދުރަ (21 އޮގަސްޓް)
މާޒިޔާ - އޭޓީކޭ މޯހަން ބަގާން (21 އޮގަސްޓް)
އޭޓީކޭ މޯހަން ބަގާން - ބަޝުންދުރަ (24 އޮގަސްޓް)
މާޒިޔާ - ބެންގަލޫރު/އީގަލްސް (24 އޮގަސްޓް)
މާޒިޔާ އާއި އީގަލްސް އިން ވަނީ އޭއެފްސީ ކަޕަށް ޕްރެކްޓިސް ފަށައިފަ އެވެ. އޭއެފްސީ ކަޕަށް އަމާޒުކޮށް ދެ ޓީމުން ވެސް ޓްރާންސްފާތަކެއް ކުރާނެ ކަމަށް ބެލެވެ އެވެ. މާޒިޔާ އިން ވަނީ މިދިޔަ ސީޒަނުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅުނު އުޒްބެކިސްތާން ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފްގެ ސޮއި ހޯދައިފަ އެވެ.
އޭއެފްސީ ކަޕްގައި ވާދަކުރާ މި ގްރޫޕްގައި އޮތް އެހެން ޓީމުތަކުން ވެސް އަންނަނީ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ފެންވަރު ރަނގަޅު ކުޅުންތެރިން ތަކެއްގެ ސޮއި ހޯދަމުންނެވެ.












