އުމުރުން 18 އަހަރު ނުފުރެނީސް ވެހިކަލް ދުއްވައިގެންނާއި ގާނޫނާ ހިލާފުވުމުގެ ސަބަބުން ބޮޑެތި ޖޫރިމަނާ އަރާފައިވާ މީހުންނަށް ލައިސަންސް ނެގޭ ގޮތަށް ހަމަޖައްސައިފި އެވެ.
ބޮޑެތި ޖޫރިމަނާތަކާ ހެދި ޑްރައިވިން ލައިސަންސް ނުނެގި ގިނަ ބަޔަކު ތިބިއިރު، ޖޫރިމަނާ ފައިސާ ނުދެއްކިގެން ފުލުހުން ލައިސަންސްް ހިފަހައްޓާފައިވާ ގިނަ ފަރާތްތަކެއް ވެސް އެބަ ތިއްބެވެ.
އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާ ބެހޭ ގަވާއިދު އިސްލާހުކޮށް ލުޔެއް މިދިނީ، ބޮޑެތި އަދަދުތަކުން ޖޫރިމަނާ އަރާފައި ތިބި މީހުންނަށް އެ ޖޫރިމަނާ ނުދެއްކިގެން ލައިސަންސް ނުލިބި އިތުރަށް ޖޫރިމަނާވަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.
ކުރިން އަމަލުކުރަމުން އައި ގަވާއިދުގައި އޮންނަ ގޮތުން، ލައިސަންސް ނެތި އެއްގަމު އުޅަނދެއް ދުއްވައިގެން ދައްކަން ޖެހޭ އެއްވެސް ޖޫރިމަނާއެއް އޮތް ނަމަ، ލައިސަންސަށް އެދޭ އިމްތިހާނެއްގައި ބައިވެރިވެވޭނީ އެ ފައިސާ ދެއްކުމަށް ފަހު އެވެ.
އެކަމަކު މި ފަހުން ގެޒެޓްކޮށްފައިވާ ގަވާއިދުން އެ މާއްދާ ވަނީ އުނިކޮށްފަ އެވެ. ޖޫރިމަނާ ނުދެއްކި އޮތަސް ލައިސަންސަށް އެދުން އެ ގަވާއިދުގައި ހުރަހެއް ނެތެވެ.

އުމުރުން 18 އަހަރު ނުވަނީސް ސައިކަލް ދުއްވައިގެން ގިނަ ބަޔަކު ޖޫރިމަނާކޮށް އެ ޖޫރިމަނާ އެތައް ހާސް ރުފިޔާއަކަށް އަރާފައިވެ އެވެ.
ތަފާސްހިސާބުތަކުގައިވާ ގޮތުން ގަވާއިދާ ހިލާފުވެގެން އަހަރަކު 3،000 އާ ގާތްކުރާ އަދަދަކަށް މީހުން ޖޫރިމަނާކުރެ އެވެ. މީގެތެރޭގައި ތަކުރާރުކޮށް ޖޫރިމަނާ ކުރާ މީހުން ވެސް ހިމެނެ އެވެ. މިގޮތަށް ކުރާ ޖޫރިމަނާގެ ސަބަބުން ދައްކަން ޖެހޭ ފައިސާގެ އަދަދު ވެސް ބޮޑެވެ.
ޓްރެފިކް ޖޫރިމަނާގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހިފައިވާ ފަރާތްތަކަށް ލުޔެއް ހޯދައިދޭން އެދި ރައްޔިތުންގެ މަޖިލީހަށް ވެސް މައްސަލައެއް ހުށަހެޅި އެވެ.
އެއީ، ޖޫރިމަނާގެ ބަދަލުގައި މުޖުތަމައަށް ހިދުމަތެއް ކުރުވުމެވެ. އެފަދަ މަސައްކަތެއް ކުރުވާ ގޮތަށް ޖޫރިމަނާ މައާފްކުރެވޭނީ ގާނޫނުގައިވާ ގޮތުން، ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު 10،000 އަށް ވުރެ މަތިވެފައިވާ މީހުންނަށެވެ. އެމީހުންގެ ޖޫރިމަނާ ކޮމިއުނިޓީ ސާވިސްއަށް ބަދަލުކުރަން ކޯޓަށް ހުށަހަޅަން ޖެހޭނީ މޯލްޑިވްސްް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިންނެވެ.
މަޖިލީހުގައި ކުރިއަށްދާ މި މައްސަލަ އޮތީ ކޮމިޓީ މަރުހަލާގަ އެވެ.













