އަލަށް ދޫކުރާ ކޮންމެ ލައިސަންސަކަށް 100 ޕޮއިންޓް ދީ ގަވައިދާ ހިލާފުވާނަމަ އޭގެން ޕޮއިންޓް ކަނޑައި ލައިސެންސް ބާތިލު ކުރެވޭގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސައިފި އެވެ.
މިނިސްޓްރީން އިއްޔެ އާއްމު ކުރި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގައި އަމަލުކުރާނެ ގަވައިދުގައި ބުނެފައިވަނީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުތަކާ ހިލާފުވާނަމަ ލައިސެންސްއަށް ދީފައިވާ ޕޮއިންޓްތައް އުނިކުރާނެ ކަމަށެވެ. އެހެން އުނިކޮށް ޕޮއިންޓް ހުސްވުމުން އެ ލައިސެންސްއެއް ބާތިލް ކުރަން ވަނީ ނިންމައިފަ އެވެ.
ޕޮއިންޓް އުނިކުރާ ގޮތްތައް:
- ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ ދުއްވި މީހާގެ ލައިސެންސް އިން 75 ޕޮއިންޓް އުނި ކުރުން.
- ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވައިގެން މީހެއްގެ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ 50 ޕޮއިންޓް އުނި ކުރުން.
- އަހަރު ދުވަސް ތެރޭ ފަސް އެކްސިޑެންޓަށް ވުރެން ގިނައިން އެކްސިޑެންޓް ވެއްޖެ ނަމަ ކޮންމެ ފަހަރަކު 20 ޕޮއިންޓް އުނިކުރުން.
- ގަވައިދުގައި ބުނާ ވަރަށް ވުރެން ބާރަށް ދުއްވާނަމަ ކޮންމެ ފަހަރަކު 25 ޕޮއިންޓް އިނުކުރުން.
- ވަންވޭއާ އިދިކޮޅަށް ދުއްވައިފިނަމަ 10 ޕޮއިންޓް އުނިކުރުން.
- ވެހިކަލްގައި ސްޓިކާ ޖަހާ ކޮންމެ ފަހަރަކު ވެހިކަލްގެ ވެރިފަރާތުގެ ލައިސެންސްއިން ފަސް ޕޮއިންޓް އުނިކުރުން.
ގަވައިދު ބުނާ ގޮތުން ޕޮއިންޓް ހުސްވެގެން ދެން އެ މީހާއަށް ލައިސެންސް ނެގުމަށް އެދެވޭނީ ހަ މަސް ފަހުންނެވެ. އެ މީހަކު ޖެހެނީ އަލަށް ލައިސެންސް ނަގާ މީހަކު ކަންކުރާ ގޮތަށް ހުރިހާ ޓެސްޓް މަރުހަލާތަކެއް ވެސް ފުރިހަމަ ކުރާށެވެ.
ލައިސެންސް ހިފަހައްޓާފައި ވަނިކޮށް އުޅަނދު ދުއްވައިފިނަމަ އެ އުޅަނދެއްގެ ވެރިފަރާތް ޖޫރިމަނާ ކުރުމުގެ އިތުރުން 15 ދުވަހަށް ވެހިކަލް ޓޯ ކުރުމުގެ ބާރު ވެސް ގަވައިދުން ވަނީ ދީފަ އެވެ.












