ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ ބަޔަކު އެއްތަން ނުވާން ރައީސް އޮފީހުން އަންގައިފި އެވެ.
ކޮވިޑްގެ ހާލަތު އޮތް ގޮތުން ރައީސް އޮފީހުން ކައުންސިލްތަކަށް އަންގާފައިވަނީ މަރުހަބާ ދެންނެވުމުގެ ކަންކަން ގިނަ ބަޔަކު އެއްތަން ނުވާ ގޮތެއްގެ މަތިން ހަމަޖެއްސުމަށެވެ.
"ރައީސްއަށް މަރުހަބާ ދެންނެވުމަށް ހާއްސަ އިންތިޒާމްތައް ހަމަޖެއްސުމަށް ގިނަ ރިކުއެސްޓްތަކެއް ލިބިފައިވީނަމަވެސް، ކޮވިޑްގެ މި ހާލަތުގައި ގިނަ ބަޔަކު އެއްތަންވުމަކީ އެންމެ ރައްކާތެރި ކަމަކަށް ނުވާނެތީ، ގިނަ ބަޔަކު އެއްތަންނުވާނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް ކަމާގުޅޭ ހުރިހާ އިދާރާތަކަށް ވާނީ ދެންނެވިފައި،" ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވި އެވެ.
ރައީސް އޮފީހުން ބުނެގައިވާ ގޮތުގައި މިއަދުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ރައީސް ކުރައްވައި ދަތުރުފުޅުގައި ހދ. އަތޮޅުގެ ތިން ރަށަކަށް ވަޑައިގަންނަވާނެ އެވެ.
ކޮވިޑުގެ ސަބަބުން އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުތައް މަޑުޖައްސަވާލެއްވުމަށްފަހު، ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގަންނަވަނީ ހދ. ކުޅުދުއްފުއްޓަށާއި އެ އަތޮޅުގެ ހަނިމާދޫގެ އިތުރުން ކުމުންދޫއަށެވެ.

އެ އޮފީހުން ބުނި ގޮތުގައި ބަލިމަޑުކަން ކުރިމަތިވުމާ ހަމައަށް، ރައީސް ވަނީ ގިނަ ކައުންސިލްތަކަކާ ބައްދަލުކުރައްވާފަ އެވެ.
މިގޮތުން، މިހާތަނަށް ޖުމުލަ 127 ބައްދަލުވުމެއް ލޯކަލް ކައުންސިލްތަކާ އެކު ބާއްވަވައި، 69 ރަށަކަށް އެ މަނިކުފާނު ވަނީ ޒިޔާރަތްކުރައްވާފަ އެވެ.
"ރައީސްގެ ސިޔާސަތަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ކައުންސިލްތަކުގެ ބައިވެރިވުމާ އެކު ތަރައްގީގެ މަޝްރޫއުތަކާއި ހިދުމަތްތައް ފޯރުކޮށްދިނުން،" ރައީސް އޮފީހުން ބުނެފައި ވެ އެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވި، ހަލަތަށް އައިސްފައިވާ ބަދަލާ އެކު، އިތުރު ރަށްރަށަށް ޒިޔާރަތްކުރައްވާ، ތަރައްގީގެ މަޝްރޫއުތަކާ އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އެ މަނިކުފާނު ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށް ވެސް ބުންޏެވެ.











