އުމުރުން ހަ އަހަރުގައި ގުރުއާން ހިތުދަސްކުރި، އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރު، ބ. ހިތާދޫ، ޑެއިޒީމާގޭ، އަމަން އަހްމަދު އާތިފް އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު މިއަދު ހިތްވަރު ދެއްވައިފި އެވެ.
އެންމެ ކުޑައިރުއްސުރެން ގުރުއާން އަޑު އެހުމަށް ޝައުގުވެރިވި އަމަން ގުރުއާން ހިތުދަސްކުރީ ހަ އަހަރާއި 9 މަހުގަ އެވެ. މީގެކުރިން، ހަ އަހަރުގައި ޔޫސުފް ބިން މާޒިން ވެސް ގުރުއާން ހިތުދަސްކޮށް ހާފިޒަކަށް ވި އެވެ.
އަމަންއާ، ރައީސްގެ ދެކަނބަލުން ބައްދަލުކުރައްވައި، އެހާ ކުޑައިރު ކުރި ހިތްވަަރަށް ތައުރީފްކުރެއްވި އެވެ. އަމަންގެ ކާމިޔާބީއަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށް ދެ ބޭފުޅުން ވިދާޅުވި އެވެ.
ރައީސްގެ ދެކަނބަލުން ވަނީ އަމަން ހާފިޒަކަށް ހެދުމަށް މައިންބަފައިން ކުރެއްވި މަސައްކަތް ވެސް ފާހަގަކުރައްވައިފަ އެވެ.
ގުރުއާން ހިތުދަސްކުރުމާ ގުޅިގެން އެކްސެލް އިންޓަނޭޝަނަލް އިން އަމަން ދޭ ނިންމި ތަށި ހަވާލުކޮށްދެއްވީ ރައީސެވެ. އަދި އެމަނިކުފާނު ވެސް ހާއްސަ ހަދިޔާއެއް އަމަންއަށް ދެއްވި އެވެ.

ހާފިޒެއްގެ ގޮތުގައި އަމަން ރަޖިސްޓްރީކުރުމަށް އެކްސެލް އިންޓަނޭޝަނަލް އިން ވަނީ ގުރުއާނާ ބެހޭ މަރުކަޒަށް ހުށަހަޅައިފަ އެވެ.












