ބާސެލޯނާ (ޖުލައި 15) - ލިއޮނަލް މެސީ ބާސެލޯނާގައި އިތުރު ފަސް އަހަރަށް މަޑުކުރަން ނިންމިއިރު، 50 ޕަސެންޓް ކުޑަ މުސާރައަކަށް އެއްބަސްވުމުން އެކަމަށް ވަނީ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފަ އެވެ.
އުމުރުން 34 އަހަރުގެ މެސީ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން މިދިޔަ މަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. މި ވަގުތު މެސީ ހުރީ އެއްވެސް ކްލަބެއްގެ ކޮންޓްރެކްޓެއްގައެއް ނޫނެވެ. އޭނާ ބޭނުން ނަމަ އެހެން ކްލަބަކަށް ސޮއިކުރެވޭ ގޮތަށް އޮތް ނަމަވެސް އޭނާ ނިންމީ ބާސެލޯނާއާ އެކު ކުރިއަށްދާށެވެ.
މެސީ ބާސެލޯނާގައި މަޑުކުރަން ބޭނުންވި ނަމަވެސް އޭނާ އަށް ރަސްމީކޮށް އެއްބަސްވުމެއް ނުހެދި އޮތީ ބާސެލޯނާގެ ހުރިހާ ކުުޅުންތެރިިންގެ ޖުމްލަ މުސާރަ އިންތިހާ އަށް ބޮޑުވެފައިވާތީ އެވެ. އެހެންވެ، ކްލަބްގެ ހައްގުގައި މެސީ އަށް އޮތީ މުސާރަ ކުޑަކުރަން ޖެހިފަ އެވެ. އެއީ އޭނާ އަކީ އެ ކްލަބްގެ އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިޔާ ކަމަށްވާތީ އެވެ.
މެސީ މިހާރު ވަނީ ބާސެލޯނާގައި 2026 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ނިންމައިފަ އެވެ. އެއީ މިހާރު ލިބޭ މުސާރައިގެ ދެ ބައިކުޅަ އެއްބައި ލިބޭ ގޮތަށެވެ. މެސީ އެންމެ ފަހުން ބާސެލޯނާގެ ކޮންޓްރެކްޓްގައި ހުރީ ސީޒަނެއްގެ މައްޗަށް ޖުމްލަ އެއްކޮށް 165 މިލިއަން ޑޮލަރު ލިބޭ ގޮތަށެވެ. އެއީ މުސާރައިގެ އިތުރުން އެކި އިސްތިހާރު ޑީލްތަކާ އެކު ޖުމްލަ ލިބޭ ވަރެވެ.
ކޮޕަ އެމެރިކާ ކާމިޔާބު ކުރުމަށް ފަހު މި ވަގުތު އާއިލާއާ އެކު ޗުއްޓީ ހޭދަކުރަމުން އަންނަ މެސީ ދެން ބާސެލޯނާއާ އެކު ހަދާ އެއްބަސްވުމުން އޭނާ އަށް އަހަރަކު ގާތްގަނޑަކަށް ލިބޭނީ 80 މިލިއަން ޑޮލަރު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޓްރާންސްފާތައް ރަޖިސްޓްރީ ކުރަން ކުޅުންތެރިންތަކެއް ދޫކޮށްލާނެ
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން ވަނީ ހަތަރު ޓްރާންސްފާއެއް ކޮށްފަ އެވެ. އެއީ ހިލޭ ޓްރާންސްފާއެއްގެ ދަށުން އެ ޓީމަށް ބަދަލުވި މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއޭރޯ، އެރިކް ގާސިއާގެ އިތުރުން ލިޔޯންގެ މެމްފިސް ޑިޕާއި އެވެ. އޭގެ އިތުރުން ނުވަ މިލިއަން ޑޮލަރަށް ގަތް ބެޓިސްގެ ބްރެޒިލްގެ ފުލްބެކް އެމަސަން އެވެ.
މި ކުޅުންތެރިން ލައްވައި ބާސެލޯނާ އިން ކޮންޓްރެކްޓެއްގައި ސޮއިކުރި ނަމަވެސް މިހާތަނަށް އެއްވެސް ކުޅުންތެރިއަކު ރަޖިސްޓްރީ ކުރެވިފައި ނުވެ އެވެ. ބާސެލޯނާ އަށް އެކަން ކުރެވެން އޮތީ އެ ކްލަބްގެ މުސާރަ ޝީޓުން 230 މިލިއަން ޑޮލަރު ޖުމްލަ އެއްކޮށް ސަލާމަތް ކޮށްގެންނެވެ. އެކަން ކުރުމުގެ ފުރަތަމަ މަރުހަލާ އަކީ މެސީގެ ކޮންޓްރެކްޓްގެ އަގު ކުޑަކުރުމެވެ. ދެ ވަނަ ކަމަކީ ބާސެލޯނާގައި ތިބި ބޮޑު މުސާރަ ލިބޭ ކުޅުންތެރިންތަކެއް ދޫކޮށްލުމެވެ.

ލަނޑު ޖެހުމަށް ފަހު ގްރީޒްމަން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ބާސެލޯނާ އިން ދޫކޮށްލަން ނިންމާފައިވާ ކުޅުންތެރިންނަކީ ފިލިއްޕޭ ކުޓީނިއޯ، ސެމިއުލް އުމްޓީޓީ، މިރަލެމް ޕިޔަނިޗް އަދި އެންޓޮއިން ގްރީޒްމަން ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ކުޅުންތެރިން ދޫކޮށްލައިފިނަމަ ބާސެލޯނާ އަށް އާ ކުޅުންތެރިންތައް ރަޖިސްޓްރީ ކުރެވޭ ވަރަށް މުސާރަތައް ކޮންޓްރޯލް ކުރެވޭނެ އެވެ.
ގްރީޒްމަން ހޯދަން އެތުލެޓިކޯ މެޑްރިޑުން މަސައްކަތް ކުރަމުން އަންނައިރު، އެތުލެޓިކޯގެ ވިސްނުމަކީ އެ ޓީމުގެ ސައުލް ނިގޭޒާއި ގްރީޒްމަން ބަދަލުކުރުމެވެ. ބާސެލޯނާ އިން އެ ޑީލްގެ ތެރެއިން ޓްރާންސްފާ ފީއެއް ނަގަން ބޭނުންވާތީ އެތުލެޓިކޯ އިން ވަނީ މަޝްވަރާތައް މަޑުޖައްސާލައިފަ އެވެ.
ގްރީޒްމަން ހޯދަން ޗެލްސީން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި ސައުލް އަށް ލިވަޕޫލުން ފާރަލާކަމަށް ސްޕެއިނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ކުޓީނިއޯ އާއި އުމްޓީޓީ އަދި ޕިޔަނިޗް ބަދަލުވާނެ ކަމަށް ބެލެވެނީ އިނގިރޭސި ޕްރިމިއާ ލީގު ނޫނީ އިޓާލިއަން ލީގުގެ ޓީމަކަށެވެ. ކުޓީނިއޯ ހޯދަން ލެސްޓާ ސިޓީ އާއި އެވަޓަން އަދި ރޯމާ އިން މަސައްކަތް ކުރެ އެވެ. އުމްޓީޓީ އާއި ޕިޔަނިޗަށް ޓޮޓެންހަމުން ޝައުގުވެރިވެ އެވެ.
މިދިޔަ ސީޒަނުގައި ވެސް ބާސެލޯނާ އިން ވަނީ ކްލަބްގެ މުސާރަތައް އުސޫލުތަކުގެ ތެރެއަށް ފެއްތުމުގެ ގޮތުން ކުޑަ އަގެއްގައި ތިން ކުޅުންތެރިއަކު ދޫކޮށްލައިފަ އެވެ. ބާސެލޯނާ އިން އެތުލެޓިކޯ އަށް ލުއިސް ސުއަރޭޒް ވިއްކާލީ ހަތް މިލިއަން ޑޮލަރަށެވެ. އަދި އިވާން ރަކިޓިޗް ސެވިއްޔާ އަށް ވިއްކާލީ ދެ މިލިއަން ޑޮލަރަށެވެ. އަދި ހަމަ އެ އަގަގަށް އާޓޫރޯ ވިޑާލް ވަނީ އިންޓަ މިލާނާ ގުޅިފަ އެވެ.












