ފ. ނިލަންދޫގެ ތާރީހީ މިސްކިތް ކައިރީގައި ހުރި ގާފުންޏަކުން އަނެއްކާވެސް ތާރީހީ އެއްޗެހިތަކެއް ފެނިގެން ކައުންސިލްގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފި އެވެ.
އެ ރަށުން 2017 ގައި ވެސް އާސާރީ އެއްޗެހިތަކެއް ފެނުނެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެއީ ނިލަންދޫ އިސްލާމްވުމުގެ ކުރިން، އެ ރަށުގެ މީހުން އަޅުކަންކުރަން ބޭނުންކޮށް އުޅުނު އެއްޗެހި ތަކެކެވެ.
ނިލަންދޫން އިއްޔެ ފެނުނީ ހަތަރެސްކަން ބައްޓަމަކަށް އޮތް އެއް ފޫޓުގެ ބޮޑު ދެ ހިރި ގަލާއި ގަހަނާ އަޅަން ބޭނުންކުރާ ޒާތުގެ ދެ ފޮއްޓެކެވެ. ހުރިހާ އެއްޗެއްގައި ވެސް ބުދު ދީން ރަމްޒުކޮށްދޭ ގޮތަށް ކަނޑައި ނަގައިގެން އަޅާފައިވާ ކުރެހުން ފެންނަން ހުއްޓެވެ.

ނިލަންދޫ އިން ފެނުނު ތާރީހީ ތަކެތީގެ ތެރޭގައި ހިމެނޭ ގަލެއް

"ދެ ގަލުގައި ހުރި ޑިޒައިނަކީ ލޮޓަސް މަލާ ދާދި އެއްގޮތް ކުރެހުމެއް. އެތަކެތި ފެނުނު ކުއްޖާ އިއްޔެ ފޮޓޯ ޓުވީޓް ކުރުމުން ބޭރު މީހަކު ބުނެފައިވަނީ އެއީ އިމާރާތްތައް އަޅާއިރު ފައުންޑޭޝަނުގެ އަޑީގައި ވަޅުލާ ބުދު ދީން ރަމްޒުކޮށްދޭ ގާތަކެއް ކަމަށް. އެކަމަކު އަޅުގަނޑުމެންނަކަށް ވެސް އަދި ނޭނގެ އެއީ ސީދާ ކޯއްޗެއް ކަމެއް،" ރަށު ކައުންސިލް ގެ ރައީސް، އަލީ އަހުމަދު ވިދާޅުވި އެވެ.
ނިލަންދޫ އަކީ ޝައުގުވެރި ތާރީހެއް އޮތް ރަށެކެވެ. އެ ރަށަކީ މީލާދީން 1153 ވަނަ އަހަރު ރާއްޖެ އިސްލާމް ވި އިރު، އެންމެ ފަހުން މީހުން އިސްލާމް ދީން ގަބޫލުކުރި ރަށެވެ. އިސްލާމް ދީނަށް މީހުން އެނބުރުމުގެ ކުރިން ރާއްޖޭގައި ބުދު ދީން އެންމެ ވަރުގަދަ އަށް ޕްރެކްޓިސްކުރަމުން ދިޔަ ތިން ރަށުގެ ތެރެއިން އެއް ރަށަކީ ވެސް ނިލަންދޫ އެވެ.
ތާރީހީ ހެކިތަކާއި ވާހަކަތަކުން އެނގޭ ގޮތުން ރާއްޖޭގައި އޭރު ހުރި އެންމެ ވަރުގަދަ އެއް ބުދުކޮއިލު ވެސް ހުރީ ނިލަންދޫގަ އެވެ.
ފެންނަން ހުރި ނިލަންދޫގެ ތާރީހީ ތަންތަނާއި ތަކެތީގެ ތެރެއިން މިހާރު ވެސް އެންމެ ގިނަ ބަޔަކަށް އެނގެނީ، އަދި މަޝްހޫރީ އެ ރަށުގެ ތާރީހީ މިސްކިތެވެ. އެ މިސްކިތަކީ ނިލަންދޫ އަށް އިސްލާމްދީން ގެންނެވުމަށް ފަހު އޭރުގެ ރަސްގެފާނު، (ދަރުމަވަންތަ ރަސްގެފާނު) ބިނާކުރެއްވި މިސްކިތެކެވެ. އެހެންކަމުން އެ މިސްކިތަށް މިހާރު ހާހަކަށްވުރެ ގިނަ އަހަރު ވެދާނެ އެވެ.













