ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޮންމެ އަތޮޅެއްގައި ގާއިމުކޮށްފައިވާ އަތޮޅު ގެތަކުގެ މިލްކުވެރިކަން ދޫކޮށްލަން ސަރުކާރުން ބޭނުންނުވާކަން ހާމަވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގެންގުޅުނު މަރުކަޒީ ސިޔާސަތުގެ ދަށުން ކައުންސިލުތަކުގެ ބެލެނިވެރިކަމުގެ ދަށުގައި ހުރި އަތޮޅު ގެތައް ސީދާ ސަރުކާރުގެ ދަށަށް ގެނައީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ.
ނަމަވެސް، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ގާއިމްކޮށްފައިވާ އަތޮޅު ގެތަކުގެ މިލްކުވެރިކަން އެ އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ދަށަށް އަލުން ގެންނަން، އަލަށް އިންތިހާބުވި ކައުންސިލުތަކުން ދަނީ ސަރުކާރާއެކު މަޝްވަރާކުރަމުންނެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގައި އަތޮޅު ކައުންސިލްތައް ތަމްސީލުކުރައްވާ މެމްބަރު އަދި ކ. އަތޮޅުގެ ރައީސް މުހައްމަދު ނިމާލް މިއަދު "އަދަދު"އަށް ވިދާޅުވި ގޮތުގައި މިހާރު ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި އަތޮޅު ގެތަކީ އެ އަތޮޅެއްގެ ރައްޔިތުންގެ ރަމްޒެއް ކަމަށް ކައުންސިލުތަކުން ގަބޫލުކުރާ ކަމަށެވެ.
އެހެންކަމުން، މީގެ ދެ ދުވަސް ކުރިން ހޯމް މިނިސްޓްރީއާ އެކު އޮންލައިންކޮށް ބޭއްވުނު ބައްދަލުވުމެއްގައި އެ މަޝްވަރާތައް ކުރެވުނު ކަމަށް ނިމާލް ހާމަކުރެއްވި އެވެ.

"މިއީ އަޅުގަނޑުގެ އެކަނި ހިޔާލެއް ނޫން. އެމްޑީޕީގެ އަތޮޅު ކައުންސިލުގެ ރައީސުން ވެސް ހިމެނޭ ގޮތަށް ހުރިހާ ކައުންސިލުތަކުން ވެސް އެގޮތަށް ބޭނުންވަނީ. އެގޮތަށް އަޅުގަނޑު ކައިރީގައި ވެސް އެދެމުންދަނީ،" ޕީޕީއެމްގެ ޓިކެޓުގައި ކ. އަތޮޅު ކައުންސިލުގެ ރައީސަކަށް އިންތިހާބުވެވަޑައިގެންނެވި ނިމާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ފަސް އަހަރަކުން ސަރުކާރުތައް ބަދަލުވާއިރު، އަތޮޅުތަކުގެ ރައްޔިތުން ބޭނުންވަނީ އެ މީހުން ތަމްސީލުކުރަން ހޮވާފައިތިބޭ ކައުންސިލުތަކުގެ ބެލުމުގެ ދަށުގައި އަތޮޅު ގެތައް ބޭއްވުމަށެވެ.
"އެ ބޭފުޅުން ވިދާޅުވަނީ އަތޮޅު ގެއަކީ އެ އަތޮޅުގެ ރައްޔިތުންގެ ރަމްޒެކޭ. ރައްޔިތުންގެ ފަހުރެކޭ،" ނިމާލް ވިދާޅުވި އެވެ.
ކައުންސިލުތަކުން އެގޮތަށް އެދެމުންދާތީ، ހޯމް މިނިސްޓްރީން އިސްވެ ވަނީ އެކަމުގެ ލަފާއަކަށް ވަޒީރުންގެ މަޖިލީހަށް ހުށަހެޅިކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
އެކަމާމެދު މަޝްވަރާކުރުމަށްފަހު "އަދަދު"އަށް އެނގިފައިވާ ގޮތުގައި ކެބިނެޓުގައި ނިންމާފައިވަނީ މިހާރު އޮތް ގޮތަށް ސަރުކާރުގެ މިލްކުވެރިކަމުގެ ދަށުގައި އަތޮޅު ގެތައް ބޭއްވުމަށެވެ.
އެކަމާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ ކެބިނެޓުން އެގޮތަށް ނިންމިކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަމުގެ މައުލޫމާތު ބައްލަވައި ދެއްވާނެ ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ އެކު މި ސަރުކާރުން ވަނީ މައި ސަރުކާރުގެ ދަށުގައި އޮތް ބޮޑެތި ބާރުތަކެއް ކައުންސިލުތަކުގެ އަތް މައްޗަށް ދޫކޮށްލައިފަ އެވެ.
އެގޮތުން، ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ހާއްސަ ކުރުމުގެ އިތުރުން، ބިމާއި، ރަށާއި، ފަޅާއި، ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސަންޓް ކައުންސިލުތަކަށް ލިބޭނެ އެވެ.
މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައިވާ ބިމުގެ ކުލީގެ އިތުރުން، ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ އެއްކޮށް ކައުންސިލްތަކަށް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
އޭގެ އިތުރުން ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގުވެސް ކައުންސިލްތަކަށް މިހާރު ގާނޫނުގެ ތެރެއިން އޮތީ ފަހިކޮށްދީފަ އެވެ.
އަދި ރަށު ލެވެލްގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ޖުމްލަ އަގު ފަސް މިލިއަނަށް ވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫއުތައް ކައުންސިލްތަކުން ހިންގާ ގޮތަށް ގާނޫނު ވަނީ އިސްލާހުކޮށްފަ އެވެ.












