ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވަސީލަތްތައް އިތުރުކޮށް ހިދުމަތްތައް ފުޅާކުރަން ހިންގާ އެކްސްޕޭޝަން މަޝްރޫއަށް ކުވެއިތު ފަންޑުން އިތުރު 49.95 މިލިއަން ޑޮލަރު (769 މިލިއަން ރުފިޔާ)ގެ އެހީ ފޯރުކޮށްދީފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ކުވެއިތު ފަންޑު ހިމެނޭ ގޮތަށް ހަތަރު ފަރާތަކުން ލޯނު ނަގައިގެން ހިންގާ ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބިޔަ މަޝްރޫއެކެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ފެށި މި މަސައްކަތުގެ ބޮޑު ބައި އަންނަ އަހަރަށް ނިމޭނެ ކަމަށް ލަފާ ކުރެވެ އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއަށް ބޭނުންވާ އިތުރު ފައިސާ ކުވެއިތު ފަންޑުން ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި ކުވެއިތު ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ފޯ އެޑްމިން އެންޑް ފިނޭންސް އެފެއާޒް ނެދާލް އޭ އަލް-އޮލަޔަން އެވެ.
މިއާ އެކު މިހާރު މި މަޝްރޫއަށް ކުވެއިތު ފަންޑުން ހޯދި ލޯނު ފައިސާގެ އަދަދު ވަނީ 1.7 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އަދި މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މަސައްކަތަށް އެންމެ ބޮޑު ލޯނު އަދާކުރަން ޖެހެނީ ކުވެއިތު ފަންޑަށެވެ.
titledesc
މިހާރު މި އެއާޕޯޓުގެ އެކްސްޕޭންޝަން މަސައްކަތުގެ ތެރެއިން އެންމެ ބާރު ސްޕީޑުގައި ކުރިޔަށް ދަނީ އާ ޓާމިނަލްގެ މަސައްކަތެވެ. އަދި ރަންވޭ، އޭޕްރަން، ފިއުލް ފާމް، ސީޕްލޭން ޓާމިނަލް އަދި ވީއައިޕީ ލޯންޖް ފަދަ ގިނަ ތަންތަނުގެ މަސައްކަތް ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ނިމިފަ އެވެ.
ތާވަލާ އެއްގޮތަށް ކުރިޔަށް ގޮސްފި ނަމަ، އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށް އެއާޕޯޓް ހިންގާ އެއާޕޯޓްސް ކުންފުނިން ލަފާކުރެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކްސްޕެންޝަން ޕްރޮޖެކްޓް ނިމުމުން، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް އެއާޕޯޓުގެ ވަސީލަތްތައް ތަރައްގީ ވެގެން ދާނެ އެވެ. އަދި މިއީ އިގުތިސޯދީ ގޮތުން ބޮޑެތި މަންފާތަކެއް ރާއްޖެއަށް ކުރާނެ މަޝްރޫއެކެވެ.











