ރ. އިނގުރައިދޫގައި ގޭސްފުޅިއެއް ލީކުވެ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާއަށް ނޭޝަނަލް ޑިޒާޒްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މާލީ އެހީތެރިކަން ދީފި އެވެ.
މިދިޔަ އޭޕްރިލް މަހު ހިނގި އެ ހާދިސާގައި އެ ގެ ބޭނުން ނުކުރެވޭ ވަރަށް ފުނޑުފުނޑުވި އެވެ. އެ ގޭގައި ދިރިއުޅުނު އުމުރުން ދުވަސްވީ މީހެއްގެ ހަށިގަނޑުގެ 50 ޕަސެންޓް ފިހުނެވެ.
އެންޑީއެމްއޭގެ މީޑިއާ އޮފިޝަލް "އަދަދު" އަށް ވިދާޅުވީ އޮންނަ އުސޫލުގެ ތެރެއިން އެ އާއިލާއަށް މާލީ އެހީގެ ގޮތުގައި 158،000 ރުފިޔާ ދީފައިވާ ކަމަށެވެ.
އެ ހާދިސާގައި ފިހި ހާލު ސީރިއަސްވި އަންހެން މީހާގެ ދަރިއަކު މި ނޫހަށް ބުނީ އެންޑީއެމްއޭގެ އިތުރުން އާއްމުން ފަރާތްތަކުން ވެސް އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެ ހާދިސާގައި ފިހުނު އޭނާގެ މަންމައަށް އޭޑީކޭގައި ފަރުވާ ދިނުމަށްފަހު މިހާރު ރަށަށް ބަދަލުވެފައިވާ ކަމަށާއި ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ އެ ގޭގެ މެމްބަރުން މިވަގުތު ދިރިއުޅެމުން އަންނަނީ އާއިލާ މެމްބަރުންގެ ގޭގޭގަ އެވެ.












